ޗެލްސީއާއި ޔުނައިޓެޑް މޮޅުވުމުން ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ވަޓްފޯޑް ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 0-3 ގެ ނަތީޖާއަކުން --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް މޮޅުވުމުން ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ވަޓްފޯޑް އަތުން އެ ޓީމު ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޗެލްސީން ތާވަލުގެ ހަތަރު ވަނައިގެ މަގާމް ދެމެހެއްޓި އިރު، ފަހަތުގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ބޯންމައުތުގެ މައްޗަށް 5-2 އިން ކުރި ހޯދައި ގަދަ ހަތަރަކާއި ދެމެދު ދެ ޕޮއިންޓަށް ވަނީ ފަރަގު ކުޑަކޮށްފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ގަދަ ހަތަރެއްގެ ވާދަވެރިކަން އިތުރުވި އިރު އެއްވަނައިގައި އޮތް ލިވަޕޫލާއި މެންޗެސްޓާ ސިޓީ އޮތީ އަތުވާ ހިސާބެއްގައެއް ނޫނެވެ. އެކަމަކު ތިން ވަަނައިގައި އޮތް ލެސްޓާ ސިޓީން ރޭ 3-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް 33 މެޗުން 58 ޕޮއިންޓް ހޯދާފައިވާއިރު، ޗެލްސީ ހަތަރުވަނައިގައި އޮތީ 33 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ފަހަތުގައި ޔުނައިޓެޑް އޮތީ 55 ޕޮއިންޓާ އެކު އެވެ.

ޔުނައިޓެޑާއި ބޯންމައުތް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ބޯންމައުތް މޮޅުވީ 2-5 ގެ ނަތީޖާއަކުން --- ފޮޓޯ/ލައިވްސްކޯ

އެންމެ ފަހުން ކުޅުނު މެޗުން ވެސްޓްހަމް އަތުން ބަލިވެފައި އޮތުމުން ރޭގެ މެޗުން މޮޅުވުމަކީ ޗެލްސީއަށް ގަދަ ހަތަރެއްގައި ދެމިއޮތުމަށް މުހިއްމު ކަމެކެވެ. އެގޮތުން ރޭގެ މެޗު ފެށިގެން ނިމެންދެން ވެސް އެ ޓީމުން މޮޅު ކުޅުމެއް ދައްކައި ވަޓްފޯޑް އަތުން މޮޅު ހޯދީ ތިން ގޯލުގެ ބޮޑު ތަފާތަކުންނެވެ.

އެ މެޗުގެ ފުރަތަމަ ގޯލު ފްރާންސްގެ ސްޓްރައިކަރު އޮލިވިއޭ ޖިރޫޑް 28 ވަނަ މިނަޓުގައި ޖެހި އިރު ފުރަތަމަ ހާފު ނިމެންދަނިކޮށް ކްރިސްޓިއަން ޕުލިސިޗްއަށް ވަޓްފޯޑްގެ ކުޅުންތެރިއަކު ކުރިފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ވިލިއަން އެވެ. އެ ޓީމުގެ ތިންވަނަ ގޯލަކީ މެޗު ނިމެން ދަނިކޮށް ރޮސް ބާކްލީ ޖެހި ގޯލެކެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އައި މެދުކެނޑުމަށްފަހު ޔުނައިޓެޑުން ފޯމު ދަމަހައްޓަމުން އަންނަ އިރު ރޭގެ މެޗުގައި ވެސް އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ގިނަ ގޯލުތަކެއް ޖަހައި އެ ޓީމުން ކުރި ހޯދި އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އިދިކޮޅު ބޮންމައުތުންނެވެ.

ބޯންމައުތުގެ ގޯލާއެކު ޔުނައިޓެޑުން ޓީމް ކުރިއަށް ޖައްސައިގެން ކުޅެމުން ދިޔައިރު އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އުމުރުން 18 އަހަރުގެ މޭސަން ގްރީންވުޑް އެވެ. ގްރީންވޫޑްގެ ގޯލާއެކު ބޯންމައުތަށް ހަމަޖެހި ނުލެވި އުޅެނިކޮށް ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު އިތުރަށް ފުޅާ ކޮށްދިނީ އެންތޮނީ މާޝިއަލް އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނަޓުގައި ބޯން މައުތުގެ ޖޯޝުއާ ކިންގް އެ ޓީމަށް ގޯލެއް ޖަހައިދިން އިރު އޭގެ 10 މިނަޓުފަހުން ގްރީންވޫޑް ވަނީ އޭނަގެ ދެވަނަ ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ފަސްވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރޫނޯ ފެނާންޑޭސް އެވެ.

މީގެ އިތުރުން ޔޫރަޕްގެ މަގާމުތަކުގެ ރޭހަށް ވަންނަން މަސައްކަތްކުރަމުން އަންނަ އާސެނަލުން ވަނީ ރޭ މުހިއްމު މޮޅެއް ހޯދައިފަ އެވެ. ހަ ވަނައިގައި އޮތް ވުލްވްސް ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ. އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ ބުކާޔޯ ސަކާއާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަލެކްސަންޑަ ލަކަޒޭޓް އެވެ. އެ މެޗުން ލިބުނު މޮޅާއެކު އާސެނަލް ތާވަލުގެ ހަތެއްގައި އޮތީ 33 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ.

comment ކޮމެންޓް