ޓްރަމްޕަށް ތާއީދުނުކުރާ ސިޔާސީ މުވައްޒަފުންނަށް ވަޒީފާ ގެއްލިދާނެކަމުގެ ބިރު ދައްކަނީ

ޓްރަމްޕް ވައިޓް ހައުސްގެ ބައެއް އިސް މުވައްޒަފުންނާއެކު ---

ވޮޝިންޓަން (5 ޖުލައި 2020) : ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ޓްރަމްޕްގެ ސަރުކާރުން ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމެރިކާގެމަޝްހޫރު މަޖައްލާ އެއްކަމަށްވާ "ފޮރިން ޕޮލިސީ" ބުނާގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ގެ ސިޔާސީ މުވައްޒަފުންނަށްވަނީ އިންތިޚާބުގައި ޓްރަމްޕަށް ވޯޓުލާނެކަމަށް ނުބެލެވޭ މުވައްޒަފުން ވަކިކުރާނެކަމުގެ ނުސީދާ އިންޒާރެއް ލިބިފައެވެ.

ދާދިފަހުން ވައިޓް ހައުސްގެ ބައެއް މަސްއޫލުވެރިން ޕެންޓަގަންގެ ސިޔާސީ މުވައްޒަފުންނާ ކުރި އިންޓަވިއުތަކަށްފަހު އެފަދަ ނުސީދާ އިންޒާރުތައް ބައެއް މުވައްޒަފުންނަށް ލިބިފައިވާ ކަމަށާ އެކަމާގުޅިގެން ގިނަ މުވައްޒަފުންތަކެއް ކަންބޮޑުވެފައިވާ ކަމަށް އެފަރާތްތަކާ ހަވާލާދީ "ފޮރިން ޕޮލިސީ" ބުނެއެވެ.

ޕެންޓަގަން އާ އަދި އެމެރިކާގެ އެހެން ވުޒާރާތަކާއި ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ މުވައްޒަފުންނަށް ވައިޓް ހައުސްގެ ޕާސަނަލް ކަންތައްތަކާބެހޭ ޑިޕާޓްމަންޓުންވަނީ އީމެއިލްތަކެއް ފޮނުވާފައެވެ. އެޑިޕާޓްމަންޓުގެ ފަރާތުން ސިޔާސީ މުވައްޒަފުންނާ ބައްދަލުކޮށް އިންޓަވިއު ކުރަން ބޭނުންވާކަން އަންގާފައިވަނީ މި އީ މެއިލްތަކުން ކަމަށްވެއެވެ.

މި އީމެއިލްތަކާ އެއްގޮތަށް ވައިޓް ހައުސްގެ މުވައްޒަފުން ބައްދަލުކުރި ޕެންޓަގަންގެ ސިޔާސީ މުވައްޒަފުންގެ ފެންވަރާއި ހުނަރާ އަދި ސެޓްފިކެޓްތަކާއި ލިބިފައިވާ ތަޖްރިބާއާއި ޕާފޯމަންސް ބަލާފައިވާއިރު ޓްރަމްޕްގެ ދެވަނަ ދައުރުގައި ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ބޮޑުވާނީ މީގެތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަނޅު މުވައްޒަފުންކަމަށް އިންޓާވިއު ކުރި މީހުން ބުނެ ނުސީދާ އިންޒާރުތަކެއް ދީފައިވާ ކަމަށް ވެއެވެ.

މި އިންޓަވިއުތައް ކުރާއިރު ސިޔާސީ ސުވާލުތައް ކުރާތީ މިއީ ޓްރަމްޕަށް ތާއީދު ނުކުރާ މުވައްޒަފުން ބަލައި ފީ ހޮވާލުމަށް ވައިޓް ހައުސް އިން ކުރަމުން ގެންދާ އިންޓަވިއުތަކެއް ކަމަށް މުވައްޒަފުން ވަރަށް ބޮޑަށް ޝައްކު ކުރާކަމަށް "ފޮރިން ޕޮލިސީ" ބުނެއެވެ.

އެމެރިކާއަކީ އެމީހަކު ބޭނުންވާ ސިޔާސީ ފިކުރަކަށް އުޅުމާއި ސިޔާސީ ގޮތުން ބޭނުންވާ ޚިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށްވެސް ދީފައިވާ ގައުމަކަށްވާތީ އެމެރިކާގައި މީގެކުރިން މިއީ މައްސަލައަކަށް ނުވެއެވެ.

އެމެރިކާގެ ސިޔާސީ މުވައްޒަފުންނަކީ މައިގަނޑު ގޮތެއްގައި އެއިރެއްގައި ވެރިކަންކުރާ ރައީސަކު ނިސްބަތްވާ ޕާޓީގެެ މުވައްޒަފުންނަށް ވިޔަސް އިދިކޮޅު ޕާޓީގެ މުވައްޒަފުންވެސް ބައެއް އާދައިގެ ސިޔާސީ މަގާމުތަކުގައި ދެމިތިބެއެވެ. ސިޔާސީ މުވައްޒަފުން ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެމެރިކާގެ ސަރުކާރުތަކުން މީގެކުރިން މުވައްޒަފުންނަށް ފިއްތުންތައް ކުރިމައްޗެއް ނުކުރެއެވެ. ބޭނުންނަމަ އިދިކޮޅު ޕާޓީއަށް ވޯޓު ދިނުމަކީވެސް އެމެރިކާގައި އޮންނަ ސަގާފަތެކެވެ.

ކޮވިޑް-19 ކޮންޓްރޯލް ނުވުމާއެކު އެމެރިކާގެ އިގްތިސާދު ދަށަށްދާން ފަށާފައިވާއިރު ފާއިތުވި 3 މަސްތެރޭގައި އެމެރިކާގެ 36 މިލިޔަން މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ. މީގެތެރެއިން ބައެއް މީހުންގެ ވަޒީފާތައް މިހާރު އަލުން އިޢާދަވާން ފަށާފައިވީނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ނުވެ އެވަބާ އެމެރިކާގައި ދިގު ދެމިގެންދާތީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމާ ހަމައަށް ދާއިރުވެސް ގިނަ ވަޒީފާތައް އަލުން އަނބުރައި ރުޖޫޢަ ނުވާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

މިކަންތައްތަކާ ގުޅިގެންނާ އަދި ނަސްލީ އިމްތިޔާޒާ ދެކޮޅަށް އެމެރިކާގައި ފަށާފައިވާ އިޙްތިޖާޖްތަކާ ގުޅިގެން ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގައި މިހާރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިގޮތުން ޓްރަމްޕްގެ ވާދަވެރިޔާ ޖޯ ބައިޑެން އަށްވުރެ ޓްރަމްޕްގެ ތާއީދު އެމެރިކާގެ އާންމުންގެ މެދުގައި 10 ޕޮއިޓް ދަށަށް ގޮސްފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ.

މިމައްސަލާގައި ޓްރަމްޕް އުޅުއްވަނީ ކަންބޮޑުވެވަޑައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 3 ގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް