ރޮކެޓް ލެބުން ލޯންޗު ކުރި ރޮކެޓެއް ފެއިލްވެ، ސެޓެލައިޓުތައް ގެއްލިއްޖެ

ރޮކެޓް ލެބުގެ އެންމެ ފަހުގެ މިޝަން ފެއިލްވީ ލޯންޗު ކުރިތާ ހަ މިނިޓު ފަހުން -- ފޮޓޯ: ރޮކެޓް ލެބް

އެމެރިކާގެ ރޮކެޓް ލެބް ކުންފުނިން، ނިއު ޒީލެންޑުގައި ހުންނަ ލޯންޗު ފެސިލިޓީއަކުން މިއަދު އުދުއްސާލި ރޮކެޓެއް ދުނިޔޭގެ އޯބިޓަށް ވާސިލުވުމުގެ ކުރިން ފެއިލްވެ، އޭގައި ގެންދިޔަ ސެޓެލައިޓުތައް ގެއްލިއްޖެ އެވެ.

ރޮކެޓް ލެބްގެ "އިލެކްޓްރޯން ރޮކެޓް" ނިއު ޒީލެންޑުން މިއަދު ނައްޓާލީ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އެ ރޮކެޓުން ފުރަތަމަ އާދަޔާ ހިލާފު ކަމެއް ނުފެނުނު ނަމަވެސް ހަ މިނިޓު ފަހުން އޭގެ ލައިވް ވީޑިއޯ ހުއްޓުމަކަށް އައެވެ. އަދި ރޮކެޓުގެ ސްޕީޑު ދަށްވެ، އޭތި ތިރިއަށްދާ ކަމަށް ލައިވް ވީޑިއޯއިން ދޭހަވި އެވެ.

އޭގެ ފަހުން އެ ލޯންޗުގެ ލައިވް ވީޑިއޯ ދެއްކުން ރޮކެޓް ލެބުން ހުއްޓާލި އެވެ. އަދި އެ ކުންފުނީގެ "އިލެކްޓްރޯން ރޮކެޓު" އުދުއްސާލި ފަހުން ގެއްލިފައިވާ ކަމަށް ޓުވިޓާ މެދުވެރިކޮށް ހާމަ ކުރި އެވެ.

އެ ރޮކެޓުން ޖައްވަށް ގެންދަން އުޅުނު ހުރިހާ ސެޓެލައިޓުތައް މިހާރު ހަލާކުވެފައިވާ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

އެ ލޯންޗުގައި ގެންގޮސްފައިވާ ގިނަ ސެޓެލައިޓުތަކަކީ ޖައްވުން ދުނިޔޭގެ ފޮޓޯތައް ނެގުމަށް ހާއްސަކޮށްފައިވާ ކުދި ސެޓެލައިޓުތަކެވެ. އޭގެ ތެރޭގައި ޖަޕާނުގެ ކެނަން އިލެކްޓްރޯނިކްސްއާއި އެމެރިކާގެ ޕްލެނެޓް ލެބްސްއާއި އިނގިރޭސިވިލާތުގެ އިން-ސްޕޭސް މިޝަންގެ ސެޓެލައިޓުތައް ހިމެނެ އެވެ.

"ރޮކެޓް ލެބްގެ މިއަދުގެ ލޯންޗުގައި މައްސަލައެއް ޖެހި، އެ އުޅަނދު ވަނީ ގެއްލިފަ. އިލެކްޓްރޯން [ރޮކެޓުން ސެޓެލައިޓު ފޮނުވި] ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން،" ނިއު ޒީލެންޑުގައި ހުންނަ ރޮކެޓް ލެބްގެ ސަބްސިޑަރީ ކުންފުނިން ބުންޏެވެ.

ރޮކެޓް ލެބްއަކީ ކުދި ސެޓެލައިޓުތައް ޖައްވަށް ފޮނުވާ އަގު ކުޑަކުރުމަށް މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ ކާމިޔާބުކަމާއެކު 12 މިޝަންއެއް ފުރިހަމަކޮށް، 53 ސެޓެލައިޓު ޖައްވަށް ފޮނުވާފަ އެވެ. އަދި 2017 ގައި އެ ކުންފުނިން ރޮކެޓު ލޯންޗު ކުރަން ފެށި ފަހުން، މީގެ ކުރިން ފެއިލްވެފައި ވަނީ އެންމެ މިޝަންއެކެވެ.

ރޮކެޓް ލެބުން ވަނީ މިއަދުގެ ލޯންޗުގައި ދިމާވި މައްސަލަ ހޯދާ، އެ މައްސަލަ ހައްލު ކުރުމަށް ފަހު އަނެއްކާވެސް ރޮކެޓު ލޯންޗު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް