ކޮވިޑް-19ގައި ރާއްޖެއިން 11 ވަނަ މީހަކު މަރުވެއްޖެ

ޖޫން 8، 2020: ކޮވިޑް19 އިން ރައްކާތެރިވުމަށް މީހަކު މާސްކްއަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގައި ރާއްޖެއިން 11 ވަނަ މީހަކު މަރުވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ، ރޭ ދަންވަރު 1:52 ގައި މަރުވެފައި ވަނީ ކޮވިޑް-19 ބަލީގައި ހާލު ސީރިއަސްވެ، ދަރުމަވަންތަ އިމާރާތުގެ ޑީއެޗް-11 ގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ ދިވެހި އަންހެނެއް ކަމަށެވެ. އުމުރުން 77 އަހަރުގެ އޭނާ އަކީ މީގެ ދެ ދުވަސް ކުރިން މި ބަލީގައި މަރުވި އުމުރުން 92 އަހަރުގެ މީހާގެ އަނބިމީހާ އެެވެ.

މީގެ ކުރިން ވެސް މި ބަލީގައި ވަނީ ދެމަފިރިއަކު މަރުވެފަ އެވެ. އެ ފަހަރު މަރުވެފައި ވަނީ، އެމްއެޗްއޭ ކުންފުނީގެ ވެރިޔާ އާއި އޭނާގެ އަންހެނުންނެވެ.

މި ފަހަރު މަރުވި އަންހެން މީހާގެ މަރާ އެކު ކޮވިޑް-19 ގައި މަރުވި ދިވެހިންގެ އަދަދު ފަހަކަށް އެރީ އެވެ. ދެން މަރުވީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންގެ މީހެކެވެ.

މިހާތަނަށް މުޅި ރާއްޖެއިން 2435 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 2030 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. އަދި 390 މީހަކަށް މިހާރުވެސް މި ބަލީގައި ފަރުވާ ދެމުން އަންނަ އިރު، 13 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ.

މި ބަލި ޖެހިފައިވާ 25 މީހަކު އިއްޔެ ވެސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި 19 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާ މީހެއް އަދި ނޭޕާލް މީހެއް ހިމެނެ އެވެ.

comment ކޮމެންޓް