ކޮވިޑް19: މިއަދު ވަޒީފާއަށް ނުކުންނަ އިރު މިކަންކަމަށް ސަމާލުކަންދީ!

ގިނަ އޮފީސްތައް ހުންނަ ވެލާނާގެ: ހަތަރު މަސް ދުވަހަށް ފަހު މިއަދު ސަރުކާރު އޮފީސްތައް ހުޅުވޭނެ --- ސަން ފައިލް ފޮޓޯ/ އަހްމަދު މުޖްތަބާ

ނުރައްކާތެރި ކޮވިޑް19އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވަނީ، މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ހަފްތާއަކަށް ބަންދުކުރި އޮފީސްތައް، އެފަހުން އެތަށް ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް، އިއްޔެއާ ހަމައަވެސް ރަސްމީކޮށް ނުހުޅަވަ އެވެ.

އޭގެ ހަތަރު މަސް ދުވަސް ފަހުން އަނެއްކާވެސް މިއަދު ސަރުކާރުގެ އޮފީސްތައް މިވަނީ ހުޅުވާލާފަ އެވެ. މިއަދު އޮފީސްތައް ހުޅުވޭއިރު، އަދިވެސް އަޅުގަނޑުމެންގެ މުޖްމައިން މި ބަލީގެ ނުރައްކާ މުޅީން ފިލައިގެނެއް ނުދެ އެވެ. އަދި ދޫދޭ ހިސާބަކަށް ނުދެ އެވެ. އޮފީހަށް ނުކުނަން މިހާރު ތައްޔާރުވަމުން ދާއިރު، ސަމާލުކަން ދޭންވީ ކޮންކޮން ކަމަކަށް ހެއްޔެވެ؟ މި ބަލި ފެތުރުނަ ނުދިނުމަށް އަހަރެއްނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އިދާރާތަކުން ކުރަން ޖެހޭނީ ކޮން ކަމެއްހެއްޔެވެ؟

ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް އައްޔަން ކުރި، ޑރ. ނަޒްލާ ރަފީގުގެ އެންމެ ބޮޑު އިލްތިމާސަކަށްވީ، ހުރިހާ ބޭފުޅުންވެސް ގެއިން ނުކުތުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ނުކުތުމަށެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ، އޮފީސްއަށް ވަޑައިނުގަތް އެކަން އެޗްޕީއޭ އަށް ރިޕޯޓު ކުރަމަށެވެ.

"އަޅުގަނޑަށް އެނގޭ މިއީ ކޮންމެ ރެއަކު އަޅުގަނޑުން ދައްކާ ވާހަކަތައް. އެހެން ނަމަވެސް، ތަކުރާރުކޮށް ހަދުމަފުޅުކޮށް އަރުވަން، މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތް ސާފު ކުރުން އަދި އެއްވެސް ކަހަލަ ބަލީގެ އަލާމާތެއް ހުރި ނަމަ، ބޭރަށް ނުކުމެވަޑައިނުގަތް އަވަހަށް ފުލޫ ކްލިނިކަށް ދެއްކުމަށް،" ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު، ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ.

އާ އަންމު ހާލަތުގައި އޮފީސްތައް ހުޅުވާއިރު އަމަލު ކުރާނެ އުސޫލު ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އެދިވަޑައިގެންނެވީ ހުރިހާ އޮފީސްތަކުންވެސް އަދި މުވައްޒަފުންވެސް އާ އާންމު ހާލަަތުގައި އޮފީސްތައް ހުޅުވާ އުސޫލަށް އަމަލު ކުރެއްވުމަށެވެ. އަދި އެއީ ހުރިހާ ބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ވެސް މުހިންމު ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެކުލަވާލި އެ އުސޫލު އިސްލާހުކޮށް، މިހާރު އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށެވެ. އަދި އުސޫލު އެކުލަވާލައިފައިވަނީ ވަރަށް ބޮޑަށް ދިރާސާކޮށް، އެޗްޕީއޭގެ މަޝްވަރާގެ މަތިން ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

"އެޗްޕީއޭ އިން އަންގާފައިވާ ހާއްސަ ހާލަތުގައި މަސައްކަތް ކުރަމުން ގެންދާއިރު، މި އުސޫލުގައި ވަނީ ވަރަށް ބޮޑަށް ހިމެނިފައި، މި އުސޫލުގެ އިތުރަށްވެސް އެ އިދާރާއެއް މަސައްކަތް ކުރަން ޖެހޭ ހާލަތައް ބަލައި ނުވަތަ މުވައްޒަފުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތައް ބަލައި އިތުރު ކަންކަން ހިމެނިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް،" ޝަމީމް ވިދާޅުވި އެވެ.

ހަ ސަފްހާގެ އެ އުސޫލުގައި ޖުމްލަ ފަސް ބައެއް ހިމެނެ އެވެ. އެގޮތުން ކޮވިޑް-19 އޮތް ރަށްތަކުގައި އަމަލުކުރާނޭ ގޮތާއި ކޮވިޑް ނެތް ރަށްތަކުގައި އަމަލު ކުރާނެ ގޮތް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން، އިދާރާތަކުންނާއި މުވައްޒަފުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ހިދުމަތް ހޯދަން އަންނަ ފަރާތްތަކާމެދު އަމަލު ކުރަންޖެހޭ ގޮތް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ސީއެސްސީ އަދި އެޗްޕީއޭ އިން ނިންމާފައިވަނީ ބަލީގެ ނުރައްކާ އޮތް އުމުރުފުރައަކީ 60 އަހަރުން މަތީގެ ބޭފުޅުންނާއި މާބަނޑު މީހުންނާއި، ހާއްސަ ބަލިތަަކަށް ފަރުވާ ހޯދާ ބޭފުޅުންނެވެެ. އެފަދަ ބޭބޭފުޅުން ކޮވިޑް އޮތް ރަށްތަކުގައި ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭން ޖެހެ އެވެ.

ޝަމީމް ވިދާޅުވީ، އެފަދަ ފަރާތެއް އޮފީހަށް ދިޔުމަށް އުޒުރުވެރިވެ، އެ އޮފީހަކުން އެގޮތަށް ލުއި ނުދޭނަމަ އެކަންބޮޑުވުން ކޮމިޝަނާ ހިއްސާކުރުމުން އެކަން ބައްލަވާނެ ކަމަށެވެ.

އެންމެ ފުރަތަމަ ނެރުނު އުސޫލުގައި އޮފީހަށް ނުކުންނަން ނުޖެހޭ އުމުރު އޮތީ 55 އަހަރުން މަތީގެ ބޭފުޅުންނަށެވެ. ނަމަވެސް އިސާލާހު ކުރި އުސޫލުގައި އެ އުމުރުފުރާ ވަނީ 60 އަހަރުން މައްޗަށް ބަދަލުކޮށްފަ އެވެ.

އުސޫލުގައި ބުނާގޮތުން ކޮންމެ އިދާރާއަކުންވެސް ފްލޫ މެނޭޖަރެއް ކަނޑައަޅަން ޖެހެ އެވެ. އެގޮތުން އެ މެނޭޖަރަކީ ރައްކާތެރިކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އެ އިދާރާއެއްގައި ކަންތައް ހަމަޖެހިފައިވާކަން
ކަށަވަރުކޮށް، އެކަމާ ގުޅޭގޮތުން މުވައްޒަފުންނަށާއި އެހެނިހެން އިދާރާތަކަށް ދޭންޖެހޭ މައުލޫމާތު ދިނުމުގައި ފޯކަލް
ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތް ކަމުގައި އުސޫލުގައި ބުނެފައިވެ އެވެ.

އިދާރާތަކުން އަޅަން ޖެހޭ މުހިންމު އެހެނިހެން ފިޔަވަޅުތައް:

  • އަލާމާތެއް މުވައްޒަފެއްގެ ކިބައިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ އެސްއޯޕީ އެއް، ހެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެކުލަވާލުން.
  • ކޮންމެ އިދާރާއެއްގައި ވެސް އެ އިދާރާއެއްގެ މުވައްޒަފުން މިހާރު ދިރިއުޅޭ އެޑްރެހުގެ ދަފްތަރެއް އެކުލަވާލުން.
  • މުވައްޒަފު ދިރިއުޅޭ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެވިއްޖެ ނަމަ، ނުވަތަ މުވައްޒަފަކު ކަރަންޓިންކޮށްފި ނަމަ، މުވައްޒަފަށް ގެއިން މަސައްކަތްކުރެވޭނެ އިންތިޒާމު/ޗުއްޓީ ހަމަޖައްސައިދިނުން.
  • އެއްވެސް އަލާމާތެއް ހުރި މުވައްޒަފެއް ފެނިއްޖެ ނަމަ، ކަމާބެހޭ ފަރާތްތަކަށް ވަގުތުން ރިޕޯޓުކުރުން.
  • ފިންގާޕްރިންޓް ނެގުމަކާ ނުލައި، ހިދުމަތް ދޭގޮތަށް ހަމަޖެއްސުން.
  • ގޮނޑި، މޭޒު، ދޮރުގެ ތަޅު އަދި އަތްގަނޑު ފަދަ ތަންތަން ހިމެނޭ ގޮތަށް ކޮންމެ ޝިފްޓެއް ނިމުމުން ރަނގަޅަށް ސާފުކުރުން.
  • އަތް ދޮވެވޭނެ/ހޭންޑް ސެނިޓައިޒް ކުރެވޭނެ އިންތިޒާމު އޮފީސް މާހައުލުގައި ގާއިމުކުރުން.
  • ސައިކޮޓަރި އަދި ފާހާނާތަކުގައި ސައިބޯނިލައިގެން އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • އޮފީސްތެރޭގައި މަތިޖެހި ކުނިވަށިގަނޑު ކޮތަޅުލައްވާފައި ބެހެއްޓުން. އަދި އެ ކުނިވަށިގަނޑުތައް ކޮންމެ ދުވަހަކު ހުސްކޮށް ކުނި ނައްތާލުން.
  • ޖާގަ އޮތް މިންވަރަކުން މުވައްޒަފުން 3 ފޫޓު ދުރުމިނުގައި ތިބެވޭނެ އިންތިޒާމު ގާއިމުކުރުން.
  • ރިސެޕްޝަނުން ބަލައިގަންނަ ތަކެތި ވީހާވެސް މަދުކޮށް، ލިޔެކިއުންތައް އޮންލައިންކޮށް ބަލައިގަނެވޭ ގޮތް ހެދުން.
  • ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކުރުން .
  • ފައިސާ ބަލައިގަތުމުގައި ވީހާވެސް ބޮޑަށް އޮންލައިން ޓްރާންސެކްޝަން ހެދުން.
  • ގިނަ މުވައްޒަފުން އެއްވާ ފަދަ ބައްދަލުވުންތަކާއި ހަފްލާތައް ނުބޭއްވުން. ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން.
  • ވައި ދައުރުވާ ގޮތަށް އޮފީސް މާހައުލު ބެހެއްޓުން. އެއާކޮންޑިޝަންކޮށްފައިވާ ތަންތަނުގައި ވައި ސާފުކޮށްދައުރުކޮށްލުމަށްޓަކައި ކޮންމެ ދުވަހަކުވެސް ވަގުތުކޮޅަކަށް ކުޑަދޮރުތައް ހުޅުވުން.

މުވައްޒަފުން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް

  • އަލާމާތެއް ހުރިކަމަށް ޝައްކު ކުރެވޭ ނަމަ، އެ ކަން ސުޕަވައިޒަރަށް އަންގައި، ކަނޑައެޅިފައިވާ އުސޫލުގެ
    މަތިން އޮފީހަށް ސަލާމް ބުނުން.
  • އައިސޮލޭޝަން ނުވަތަ ކަރަންޓީނު ނުވަތަ މޮނިޓަރިންގެ ހާލަތުގައި ހުރުމަށް ދިމާވެއްޖެ ނަމަ، އެ ކަން ސުޕަވައިޒަރަށް
    އަންގައި ކަނޑައެޅިފައިވާ ޗުއްޓީ ހަމަޖެއްސުން.
  • ކެއްސައި، ކިނބިހިއަޅާ އިރު، އަނގަޔާއި ނޭފަތް ޓިޝޫއަކުން ނުވަތަ އުޅަނބޮށީގެ އެތެރެފުށް ބޭނުންކޮށްގެން ރަނގަޅަށް
    ނިވައިކުރުން.
  • ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ އަމިއްލަށް ބޭނުމަށް ގެންގުޅޭ ތަކެތި އެ މުވައްޒަފެއްގެ މޭޒުމަތީގައި މެނުވީ ނުބެހެއްޓުން.
  • އެއް މުވައްޒަފަކު އަނެއް މުވައްޒަފެއްގެ ކައިރިއަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުން. އަދި ދާންޖެހިއްޖެ ހާލަތެއްގައި ވެސް ކަނޑައެޅިފައިވާ ގައިދުރުމިން ބެހެއްޓުން.
  • ލިޔެކިއުންތައް ކަރުދާހުގައި ގެންގުޅުމުގެ ބަދަލުގައި ވީވަރަކުން ކޮންޕިއުޓަރައިޒްކޮށް ބެހެއްޓުން.
  • އޮފީސްގަޑީގައި ކައިބޮއިހަދާ ނަމަ އެ މުވައްޒަފެއްގެ މޭޒުކައިރީގައި އިނުމަށާއި ކާންގެންގުޅޭ ތަށި/ސަމުސާ ފަދަ ތަކެތި ރަނގަޅަށް ދޮވެ ސާފުކޮށްގެން ބޭނުންކުރުން.

މިއީ މިއަދު އޮފީސްތައް ހުޅުވޭއިރު، ހުރިހާ ފަރާތްތަކުންވެސް ސަމާލުކަންދޭންވީ މުހިންމު ކަންތައްތަކެވެ. ސިވިލްސާވިސް އަދި އެޗްޕީއޭގެ އިލްތިމާސަކީ، ހުރިހާ ފަރާތްތަކުންވެސް މިކަންކަމަށް އަމަލު ކުރުމެވެ. މިއީ ކޮންމެ ފަރުދަކަށްވެސް އަދި ކޮންމެ އިދާރާއަކަށްވެސް މި ބަލި ހަލުވިކަމާއެކު ފެތުރުން ހުއްޓުވަމަށް އޭޅޭނެ ބާރެކެވެ. ރާއްޖެއަށް އަދިވެސް މި ބަލީގެ ނުރައްކާ އޮތް އިރު، ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކާމިޔާބު ލިބޭނީ ހުރިހާ ފަރާތްތަކުގެވެސް އެއްބާރުލުމާއެކު އެވެ.

comment ކޮމެންޓް