ނިއު ނޯމަލްގައި މި ސްކޫލްތަކުން ފެނުނީ ތަފާތު ފަންނުވެރިކަމެއް

ރ. ވާދޫ ސްކޫލްގައި ބަހައްޓާފައި ހުރި އަތް ދޮންނަ ތަންތަން-- ފޮޓޯ: ވާދޫ ސްކޫލް

ނ.ޅޮހީގެ ސްކޫލްގެ ގޭޓުން ވަދެގެން އަންނަތާ ކައިރީގައި އަތް ދޮންނަން ހަދާފައި ހުރި ސިންކު ކިތަންމެ ހާވެސް ރީއްޗެވެ. އެކަން އެންމެންގެ ލޮލުގައިވެސް އަޅައިގަނެއްޖެ އެވެ. ސިންކްތަކުގެ ފޮޓޯތައް ރީތިވެގެން އެތައް ބަޔަކު ސޯޝަލް މީޑީއާގައިވެސް މިހާރު ދަނީ ޝެއާ ކުރަމުންނެވެ.

މިއީ ކޮވިޑަށް ފަހު "ނިއު ނޯމަލް" އަކަށް ދަރިވަރުން ހޭނުމަށް ސްކޫލްތަކުގައި ފެށި "ސޭފްޓީ" ޕްރޮގްރާމްގެ ތެރެއިން ވުޖޫދަށް އައި ސިންކުތަކެކެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް މިހާރު ހަމަ އެފަދަ ސިންކުތައް ފެނެ އެވެ. ނަމަވެސް ޅޮހީގެ ސިންކުތަކުން ފެނުނީ އެހެން ސްކޫލްތަކުން ނުފެންނަ ފަންނުވެރި މަސައްކަތެވެ.

ސްކޫލުގެ ގޭޓުގެ އިތުރުން ކްލާސްތައް ހުންނަ ދެ ސަރަހައްދަކުންނާއި ނާސްތާ މާލަމާއި ފާހަނާ ސަރަހައްދުންވެސް ހަމަ އެ ރީތި ސިންކުތަކުގެ ނަކަލުތައް ފެނެ އެވެ.

ޅޮހީ ސްކޫލްގެ ޕްރިންސިޕަލް އަލީ ޒާހިރު "ސަން" އަށް ވިދާޅުވީ ނިއު ނޯމްލައަށް ކްލާސްތައް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މަސް ދުވަސް ކުރިން ތައްޔާރުވާން ފެށި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ތައްޔާރުވުމުށް ބެލިއިރު ބެޖެޓު ދަތިތައް ކުރިމަތިވިކަމަށް އޭނާ ވިދާޅުވި އެވެ.

ޅޮހީ ސްކޫލްގެ ސިންކްތަކަކީ އެ ސްކޫލްގެ އެޑްމިން ޓީމަކުން ކުރެހި ހިޔާލެކެވެ. އެތަކެއް މަޝްވަރާތަކެއްގެ ތެރެއިން ނެރުނު އެ ހިޔާލުގައި އެންމެ ބޮޑަށް ބެލީ އަގުހެޔޮކޮށް ގިނަ ދުވަހު އެ ސިންކުތައް ބެހެއްޓޭނެ ގޮތަކާމެދު އެވެ. އިންޓަނެޓުން އެކި އެއްޗެތީގެ މިސާލުތައް ނަގައިގެން އެންމެ ކަމުދާ ގޮތެއްކަމަށް ޓީމަށް ފެނުނީ ލަކުޑިން އެ ސިންކުތައް ހެދުމެވެ.

" އަނެއްކާ ކޮންމެ ކޮންމެ ލަކުޑިއެއްވެސް އަދި ކަމަކު ނުދޭ ދޮއްތޯ. އެހެންވެ ހިރުނދު ލަކުޑި ހިޔާރުކުރީ. އެއީ އޭގެ ލަކުޑި ހުންނާނެ ވަރަށް ޒަމާން ވަންދެން. އެ ހަރު ލަކުޑިން ފަހަރަކު ލޭޔާއެއް ކޮނެގެން ވަރަށް އުނދަގުލުން ހެދީ. އޭގައި ހުންނާނީ މެރިން ވަރުނީސް ލާފަ. އޭރުން ފަސޭހަ ވާނެތާ ސާފުކުރަންވެސް. ދެ ހަފްތާ އެކަމަށް ހޭދަވި" ޕްރިންސިޕަލް ވިދާޅުވި އެވެ.

ނ. ޅޮހީގައި ބަހައްޓާފައިވާ އަތް ދޮންނަ ތަންތަން-- ފޮޓޯ: ޅޮހީ ސްކޫލް

ޅޮހީގެ ސްކޫލުގައި ސިންކްތައް ބަހައްޓައިދީފައިވަނީ ހިލޭ ސާބަހަށެވެ. އެކަމަށް ބޭނުންކުރި ހިރުނދު ގަހުގެ ލަކުޑިއަކީ ވެސް މާ ކުރިން ކަނޑާފައި ހުރި ގަހެއްގެ ލަކުޑިތަކެއް ކަމަށް ވުމުން ބެޖެޓުގެ މައްސަލައަށް ހައްލެއް ހޯދުނެވެ. އެހެން ނޫންނަމަ އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހުނީހެވެ. އެ ރަށުގައި މިހާރު އެންމެ ސިންކެއްވެސް ބަހައްޓައިދެނީ 5000 ރުފިޔާ އަށެވެ. އަދި މަސައްކަތަށް ބޭނުންވާ ތަކެތި ގަންނަން ޖެހުނުނަމަ ހަރަދުވާނެ ފައިސާ އަންދާޒާކޮށްލާށެވެ!

ނ. ޅޮހީގައި ބަހައްޓާފައިވާ އަތް ދޮންނަ ތަންތަން-- ފޮޓޯ: ޅޮހީ ސްކޫލް

"އަޅުގަނޑުމެން ދައްކައިދޭން ބޭނުންވީ ކޮންމެ ކަމެއްވެސް ތަފާތުކޮށް އާ ވިސްނުން ގެންގުޅެން ކަންތައްތައް ކުރެވިދާނެކަން. އަދި ގުދުރަތީ ވެށި ބޭނުންކޮށްގެން އެކި އެއްޗެތި ހެދިދާނެކަން" ޒާހިރު ވިދާޅުވި އެވެ.

ޅޮހީ ސްކޫލަށްފަހު ދެން އެންމެ ބޮޑަށް ފާހަގަވީ ރ. ވާދޫ ސްކޫލްގެ ދެ ގޭޓް ކައިރީގައި ގާއިމްކޮށްފައިހުރި އަތް ދޮންނަ ސިންކު ތަކަށެވެ.

މިއީވެސް "ނިއު ނޯމަލް" އަށް ސްކޫލްތައް ހުޅުވެންވާއިރަށް ތައްޔާރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމާއެކު އުފަންވި ހިޔާލުތަކާއެކު ވުޖޫދަށް އައި ރީތި ސިންކު ތަކެކެވެ. ބަލާ ބެލުމަށް ހީވަނީ މިއީ ލަގްޒަރީ ހޮޓަލެއްގައި ބޭނުންކުރާ ކަހަލަ ރީތި ސިންކުތަކެކެވެ.

"އަޅުގަނޑު ހަމަ ހިތައް އެރީ މިފަހަރު މި ސިންކްތައް ހަދަންވާނީ ހަމަ ވަރަށް ތަފާތުކޮށޭ. ޗެލެންޖެއްގެ ގޮތުގައި ނެގީ. އަޅުގަނޑުމެންނަކީ ކަމެއް ކުރަންޏާ ހަމަ އެންމެ ފުރިހަމަކޮށް ކަންތައް ކުރާ ބައެއް. އެހެންވެ މުވައްޒަފުންނާ ވާހަކަ ދައްކައިގެން އެބޭފުޅުން މިގޮތަށް ސިންކުތައް ހެދީ" ވާދޫ ސްކޫލްގެ ހެޑް މުހައްމަދު ރިޔާޒް ވިދާޅުވި އެވެ.

ރ. ވާދޫ ސްކޫލްގައި ބަހައްޓާފައި ހުރި އަތް ދޮންނަ ތަންތަން-- ފޮޓޯ: ވާދޫ ސްކޫލް

ވާދޫ ސްކޫލްގެ ސިންކުތަކުން އެންމެ އަޅައިގަތީ އެ "ސްޓްރަކްޗާ" ހަދާފައި ހުރި ބައްޓަމެވެ. ރަނގަޅަށް ބަލައިފިނަމަ އެ "ސްޓްރަކްޗާ" ފެންނާނީ "އެފް" އަކުރެއް ހެންނެވެ. ސްޓަކްޗާ ހިފަހައްޓަން ދަގަނޑު ބޭނުންކޮށްފައިވާއިރު އަތް ދޮންނަ ތައްޓާއި އިސްކުރު ބަހައްޓާފައި ހުރީ މުށިގަނޑެއްގެ މަތީގަ އެވެ. އިސްކުރު ބަހައްޓާފައި ހުރީ އެންމެ ކުޑަކުއްޖާއަށްވެސް އެތާ ހުރެގެން ފަސޭހަ ކަމާއެކު އަތް ދޮވެވޭގޮތަށެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. ރީތި ފަންނުވެރި ސިންކެއް ނޫން ނަމަވެސް މިއީވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ސިންކެކެވެ. ދަރިވަރުން އިށީންނަން ބޭނުންކުރާ އާދައިގެ މޭޒެއްގެ މަތީގައި ބަހައްޓާފައި ހުރީ ތެޔޮ ހަމަކުން ހަދާފައި ހުރި ސިންކެކެވެ. އެ ސިންކަކީ ހަމަ އެންމެ އާދައިގެން މީހަކަށްވެސް ފަސޭހައިން ހަދާލެވޭ ގޮތަށް ހުރި އެއްޗެކަށް ވުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަން ހަޖަމުވި މީހުންގެ ވާހަކަ ތަފާތެވެ.

"އަޅުގަނޑަކަށް ނުފެނޭ މާބޮޑު މައްސަލައެއް. އެއީ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ގައިޑްލައިންތަކުގައި ވެސް އެބަ ބުނޭ ކޮންމެ ގަޑިއެއް ނިމުމުން ކުދިން އަތް ދޮންނަން ޖެހޭނެ ކަމަށް. އެކަމަކު ކިހިނެއް ހުރިހާ ކުދިން އެއް ފަހަރާ ފާހާނާއަށް ފޮނުވާނީ އަތް ދޮންނަން،" ޓުވިޓާގައި ހިޔާލު ފާޅުކުރި މުހައްމަދު ޝަބީން ބުންޏެވެ. އަދި އެ ސިންކުތަކާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ރިޕޯޓްކުރި މީހުން އެއަށްވުރެ "ހައި ސްޓޭންޑާޑް"ގެ ސިންކުތައް ސްކޫލްތަކަށް ހޯދައިދިނުމަށްވެސް އޭނާ ވަނި ގޮވާލާއިފަ އެވެ.

ޝަބީން ބުނިހެން ކޮންމެހެން ހުރިހާ ސިންކްތަކަކީ ލަގްޒަރީ ފެންވަރުގެ ތަކެއްޗަށް ވާކަށް ނުޖެހެ އެވެ. ކުރިން ފާހަގަކުރި ރީތި ސިންކުތަކަކީވެސް ސްކޫލުން އަމިއްލައަށް އިސްނަގައިގެން ހިލޭ ސާބަހަށް ކޮށްފައިވާ މަސައްކަތްތަކެވެ. އެ ސްކޫލެއްގެ ފެންވަރުން މަސައްކަތްކޮށް މަގްސަދު ހާސިލްވާނަމަ މައްސަލައެއް ނެތެވެ. ނިއު ނޯމަލްގެ އެންމެ މުހިންމުކަމަކީ ބަލިން ރައްކާތެރިވުމަށް ދޭންވާ އަހައްމިއްޔަތުކަން ދިނުމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

comment ކޮމެންޓް