ބޮޑުފިނޮޅުގެ މަސައްކަތްތެރިނަށް މުސާރަ ހޯދައިދޭން ޕީއައިއެލްސީން މަސައްކަތް ފަށައިފި

ޕީއައިއެލްސީއިން ބޮޑުފިނުޅުގައި، އެތަނުގައި މަސައްކަތްކުރާ ބިދޭސީންނާ އެކު ---

ބ. އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި މުސާރަ ނުލިބޭ މަސައްކަތްތެރިންނަށް މުސާރަ ހޯދައިދިނުމަށް ގާނޫނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ފަށައިފި އެވެ.

މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލުންގެ ޓީމެއް މިއަދު ބޮޑުފިނޮޅަށް ގޮސް، އެތަނުގެ މުވައްޒަފުންނާ ވަނީ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ.

ޕީއައިއެލްސީގެ އެއް ހިއްސާދާރު މަރިޔަމް ޝުނާނާ މިރޭ، "ސަން" އަށް ވިދާޅުވީ، މިއަދު ވަކީލުންގެ ޓީމުން 170 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެެރިންނާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ހަމަހަށްވުރެ ގިނަ ދުވަހު މުސާރަ ދީފައި ނުވާ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ، މުސާރަ ނުލިބޭ ދިވެހިންވެސް ހިމެނޭ ކަމަށް. މިއަދު ވާހަކަ ދެއްކީ ބިދޭސީންނާ އެކަނި. ބޮޑުފިނޮޅުގެ އުޖޫރަ ނުލިބޭ ހުރިހާ މަސައްކަތްތެރިންނަށް ވެސް ގާނޫނީ އެހީތެރިކަން ދިނުމަށް ޕީއައިއެލްސީން މިހާރު ވަނީ ނިންމާފައި،" ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ އެދިވަޑައިގަތީ، އެގޮތަށް މުސާރަ ނުލިބޭ ބޮޑުފިނޮޅުގެ ހުރިހާ މަސައްކަތްތެރިންވެސް މި ކޭސްގައި ބައިވެރިވުމަށް އެދޭނަމަ، ޕީއައިއެލްސީ އަށް އެކަން އެނގުމަށެވެ.

"އަދި އަޅުގަނޑުމެން މިދަނީ މައުލޫމާތު އެއްކުރަމުން. މަޝްވަރާ ކުރަންޖޭހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، މައްސަލައަށް ހައްލެއް ނުލިބޭނަމަ، މި މައްސަލަ ޓްރިބިއުނަލްއަށް ހުށަހަޅާނަން،"ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ، ބިދޭސީންނާ ވާހަކަ ދައްކަމުން ދަނީ ބަންގްލަދޭޝް އެމްބަސީގެ ދެ ތަރުޖަމާނުގެ އެހީތެރިކަމާއެކު ކަމަށާއި، ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަނީ އެ ބިދޭސީންގެ އެއްބަސްވުމާއެކު ކަމަށެވެ.

މުސާރަ ނުލިބޭ މަސައްކަތްތެރިންގެ މުސާރަ އުޅޭނީ 4،000-7،000 ދެމެދުގައެވެ.

ބިދޭސީންނާ ހަވާލާދީ ޝުނާނާ ވިދާޅުވީ، އެމީހުންނަނީ ރިޒް ކޮންސްޓްރަކްޝަންސްގެ މުވައްޒަފުން ކަމަށެވެ.

ރިޒް ކޮންސްޓްރަކްޝަން އަކީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ މެމްބަރު އަހްމަދު ރިޒާގެ ކުންފުންޏެވެ. އެނާ މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ، އެ ރަށުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށެވެ.

މުސާރަ ނުދީގެ ބޮޑުފިނޮޅުގައި ބިދޭސީން ވަނީ، ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީން ކޮށްފައެވެ. ފުލުހުން ވަނީ އެ ދިވެހިން ސަލާމަތްކޮށް، މިކަމާ ގުޅިގެން 19 ބިދޭސީން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް