އައިޖީއެމްޗުން އިތުރު ދެ ޕޮޒިޓިވް ކޭސް، އައިސީޔޫ ވަނީ ބަންދުކޮށްފައި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގައި ނިޔާވި، އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހާގެ ކޭސްއާ ގުޅިގެން އިތުރު ދެ މީހަކު އެ ހޮސްޕިޓަލުން ޕޮޒިޓިވްވެއްޖެ އެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫވެސް ވަނީ ބަންދުކޮށްފައެވެ.

މީގެ ކުރިން އައިޖީއެމްއެޗުން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ތިން ނަރުހުންނާއި ދެ ބަލި މީހުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، މިހާތަނަށް ޖުމްލަ ހަތަރު މުވައްޒަފަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ އިއްޔެ ޕޮޒިޓިވްވީ ތިން މީ މުވައްޒަފުންނާއި މިއަދު ޕޮޒިޓިވްވީ އެއް މުވައްޒަފެކެވެ.

"ޓެސްޓު ކުރުމުގެ ބޮޑުބައި މިހާރު ވަނީ ނިމިފައި، ޖުމްލަ މިހާތަނަށް ހަތަރު މުވައްޒަފުންނާއި ދެ ބަލި މީހުން ވަނީ ޕޮޒިޓިވްވެފައި. މިހާތަނަށް ޓެސްޓު ކުރި ބައެއް މީހުން ނެގެޓިވްވެފައިވެސް ވޭ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ޕޮޒިޓިވްވި ހަތަރު މުވައްޒަފުންނަކީ. ޑޮކްޓަރުން ކަމެއް، ނަރުހުން ކަމެއް ނުވަތަ އެހެންވެސް މަސައްކަތް ކުރާ މުވައްޒަފުން ކަމެއް ބުނަން ނޭނގޭ ކަމަށެވެ. އިންޑޮނޭޝިއާ މީހާގެ ކޭސްއާ ގުޅިގެން އަދިވެސް ކޮންޓެކްޓް ޓްރޭސިން ހަދައި، އެމީހުން އެކަހެރިކޮށް، ސާމްޕަލްވެސް ނަގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/139472

"ސަން" އަށް އެނގިފައިވާގޮތުން މިއަދު ނަތީޖާ ލިބުނު މީހުންގެ ތެރޭގައި އައިޖީއެމްއެޗްގެ އިތުރު ބަލި މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އިންޑޮނޭޝިއާ މީހާގެ ކޭސްއާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗުން ޖުމްލަ ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިޑިއާ އޮފިޝަލް ވިދާޅުވީ، އިންޑޮނޭޝީއާ މިހާ ކޭސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅާފައިވާ ކަމަށެވެ. އެގޮތުން އައިސީޔޫގައި ތިބި ހުރިހާ ބަލި މީހުން އެހެން ވޯޑަކަށް ބަދަލުކޮށް، އައިސީޔޫ އެރެއިން ފެށިގެން ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައިސިޔޫގައި މިވަގުތު އެއްވެސް މުވައްޒަފުން އަދި ބަލި މިހެއްވެސް ނެތް ނަމަވެސް، އެތަންނަށް ބަލި މީހުން ވެއްދުން މަޑުޖައްސާލައި، އައިސީޔޫގެ ފަރުވާދޭނެ އިންތިޒާމް އެހެން ތަނެއްގައި ވަނީ ހަމަޖައްސާފައި،" މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑޮނޭޝިއާ މީހާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއިން އިއުލާނު ކުރުމަށް ފަހު ފަހުން ބުނެފައިވަނީ އެގޮތަށް އިއުލާނު ކުރެވުނީ އޮޅުމަކުން ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، އެޗްޕީއޭ އިން ނިންމާފައިވަނީ، އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށެވެ. އަދި އެއީ ކޮވިޑާ ގުޅުމެއް ނެތް މަރެއްގެ ގޮތުގައި ވަނީ ނިންމާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 2،400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު، 80 ޕަސަންޓް މީހުން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި 10 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް