މާދަމާއިން ފެށިގެން ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

މާދަމާއިން ފެށިގެން ވޯކް ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ އެ މުއައްސަސާއަކީ ވިސާއާ ގުޅުންހުރި އެކި ކަންކަމުގައި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިދުމަތް ހޯދަން ދާ ތަނެއް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިހާރު އާންމު ހާލަތަކަށް ރުޖޫއަ ވާއިރު ހިދުމަތް ފޯރުކޮށްދިނުމަށް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން އެ މުއައްސަސާގެ ހިދުމަތްތައް އޮންލައިންކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ވިސާ ފީ ބަލައިގަތުމުގެ މަސައްކަތް އޮންލައިންކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މާދަމާއިން ފެށިގެން އޮންލައިންކޮށް ފީ ބަލައިގަންނަން ފަށާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކޮވިޑާ ގުޅިގެން މާޗު 19 އިން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވާތިއްޔާއި ލޮކްޑައުންގެ ސަބަބުން މާލޭ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާތީ، މި މުއްދަތުގެ ތެރޭގައި ޓޫރިސްޓު ވިސާ، ޑިޕެންޑެންޓު ވީސާ، ވޯކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާއަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރުމުން މާޗު 19 އިން ފެށިގެން ޖޫން މަހުގެ ނިޔަކަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ވިސާ ފީގެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެކަމަށް އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް