ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ދޮންބައްޕަގެ ބަންދަށް 15 ދުވަސް

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދިހަ އަހަރުގެ އަންހެންކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖާގެ ދޮންބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ސެންޓްރަލް ޑިވިޝަން (ކ. އއ. އަދ. އަދި ވ. އަތޮޅު) ހިމެނޭ ރަށެއްގައި ހިނގައިދިޔަ އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 57 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހައިދީފައިވާ ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ރިޕޯޓްކުރީ އެ ކުޑަކުއްޖާ ޔޫރިން އިންފެކްޝަންއެއް ޖެހިގެން ސިއްހީ ފަރުވާ ހޯދަން ދިއުމުން އޭނާ ބެއްލެވި ޑޮކްޓަރެވެ.

މި ފަހުން އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ދާދި ފަހުން ސަފާރީއެއްގައި ހިނގި ޖިންސީ ގޯނާކުރުމުގެ މައްސަލައާއި ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުދިން ރޭޕްކޮށް ބަނޑުބޮޑުވި ހާދިސާ ފާހަގަކޮށްލެވެއެވެ.

ޖިންސީ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކުށްތަކުގައި އިންސާފު ހޯދައި ދިނުމަށް އެދި އިއްޔެވެސް މާލޭގައި ވަނީ މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް