ޕޫޓިންއަށް އިތުރު ދެ ދައުރު ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފި

ރަޝިއާގެ ރައީސް ޕުޓިންއަށް އިތުރު ދެ ދައުރަށް ވެރިކަން ކުރެވޭ ގޮތަށް ގާނޫނު އަސާސީ ވަނީ އިސްލާހުކޮށްފަ -- ފޮޓޯ: އީޕީއޭ

މޮސްކޯ (ޖުލައި 4): ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އިތުރު ދެ ރިޔާސީ ދައުރަށް ކުރިމަތިލެއްވޭނެ ގޮތަށް އެގައުމުގެ ގާނޫނު އަސާސީ އިސްލާހުކޮށްފި އެވެ.

ޕޫޓިން އިއްޔެ ތަސްދީގު ކުރެއްވި އަމުރަކުން ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައީ، އެ އިސްލާހާއި އިތުރު ބަދަލުތަކެއް ގާނޫނަށް ގެނައުމާ ބެހޭ ގޮތުން މިދިޔަ މަހުގެ 25 އާއި މިދިޔަ ބުދަ ދުވަހާ ދެމެދު ރަޝިއާގައި ބޭއްވި ފެންނަ ނުފެންނަ ވޯޓަކަށް ފަހުގަ އެވެ. އެވޯޓުގައި އެގައުމުގެ 75 ޕަސެންޓު މީހުން ވަނީ އެ ބަދަލުތަކަށް ރުހުން ދީފައި ކަމަށް އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ބުންޏެވެ.

މީގެ ކުރިން ރަޝިއާގެ ޕާލިމެންޓާއި ދުސްތޫރީ ކޯޓުން ވަނީ އެ އިސްލާހުތަކަށް ރުހުން ދީފަ އެވެ.

ރަޝިއާގެ ގާނޫނު އަސާސީގައި މީގެ ކުރިން އޮތް ގޮތުން އެގައުމުގައި އެކަކަށް ރައީސްކަން ކުރެއްވޭނީ ޖެހިޖެހިގެން ދެ ދައުރަށެވެ.

ނަމަވެސް އެގައުމުގެ ގާނޫނު އަސާސީއަށް މިހާރު ގެނައި އިސްލާހުގައިވާ ގޮތުން، ރިޔާސީ ދައުރުތައް ޖެހިޖެހިގެން ނަމަވެސް ނުވަތަ މެދުކެނޑުމަކަށް ފަހުގައި ވިޔަސް އެގައުމުގައި އެކަކަށް ރައީސްކަން ކުރެވޭނީ ގިނަވެގެން ދެ ދައުރުގެ މުއްދަތަށެވެ. އަދި އެ އިސްލާހުތަކަށް އަމަލު ކުރަން ފެށުމުން، މީގެ ކުރިން އެގައުމުގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ރައީސްކަމުގެ އިތުރު ދެ ދައުރަށް ކުރިމަތިލެއްވޭނެ އެވެ.

ރައީސް ޕުޓިން ރަޝިއާގެ ރައީސްކަން ފުރަތަމަ ކުރެއްވީ 2000އިން 2008އަށެވެ. އޭގެ ފަހުން 2008އިން 2012އަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހުން އަނެއްކާވެސް 2012އިގައި ވަނީ ރައީސް ކަމަށް ވަޑައިގަންނަވާފަ އެވެ.

ރަޝިއާގައި އާ އިސްލާހުތައް ފާސް ކުރުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ގާވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން ރަޝިއާގެ އިންތިހާބުތައް މޮނިޓާ ކުރާ ޖަމާއަތަކުން ވަނީ އެ އިންތިހާބާ ދިމާކޮށް އިސްލާހުތަކާ ދެކޮޅަށް މީޑިއާގައި ކެމްޕެއިން ކުރުން ހުއްޓުވާފައިވާ ކަމަށާއި އިންތިހާބު މޮނިޓާ ކުުރުމުގެ ޒިންމާ ހަވާލު ކުރީ ސަރުކާރުގެ އިދާރާއަކާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް