ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފުރުވާލައިފި

ބަންގްލަދޭޝް މީހުން ފުރުން -- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެނކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން އިތުރު 200 މީހަކު މިއަދުވެސް ފުރުވާލައިފިއެވެ.

މި މީހުން ބަންގްލަދޭޝް އަށް ގެންދަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައެވެ.

ސަރުކާރާއި މޯލްޑިވިއަން އިން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ދެފަހަރެއްގެ މަތިން ބަންގްލަދޭޝް މީހުން ގައުމަށް ގެންދިޔުމަށް ފްލައިޓުތައް ބާއްވައެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން، ހިންގާ މި އޮޕަރޭޝަނުގެ ދަށުން މިހައިތަނަށް ސައްހަ ލިޔެކިޔުން ނެތް 3269 މީހުން ފުރުވާލާފައިވާ ކަމަށް ފޮރިިން މިނިސްޓްރީ އިން ބުންޏެވެ.

މިއަދު ފުރި ފްލައިޓުގައިވެސް ސައްހަ ލިޔެކިޔުން ނެތް187 މީހުން ވަނީ ފުރުވާލައިފައެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުން ނެތި، 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

ސަރުކާރުން ބުނެފައިވަ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. މިހާތަނަށް ރާއްޖެއިން 2،410 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ 1،257 މީހުން ހިމެނެއެވެ. އަދި ބަލީގައި ރާއްޖެއިން މަރުވި 10 މީހުންގެ ތެރޭގައި ވެސް އެ ގައުމުގެ ހަތަރު މީހުން ހިމެނެއެވެ.

comment ކޮމެންޓް