ލުއިދޭ ގައުމުތައް ކަނޑައެޅީ އަމަލުކުރާ އުސޫލުތަކަށް ބެލުމަށް ފަހު: އިނގިރޭސި ވިލާތް

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ފަތުރުވެރިން ތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިނގިރޭސިވިލާތަށް އެތެރެވާ މީހުންގެ ތެރެއިން ސެލްފް އައިސޮލޭޓުވާން ނުޖެހޭ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވާތީ ފާޑުކިޔަމުންދަނިކޮށް، އެކަމަށް އިނގިރޭސި ސަރުކާރުން ޖަވާބު ދީފިއެވެ.

އިނގިރޭސި ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެގައުމުން ދަތުރުފަތުރުކުރާ މީހުންނަށް ލުއި ދޭން ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ގައުމުގައި ކޮވިޑް19 ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައިވާ މިންވަރާއި، އެގައުމަށް އެތެރެވުމާ މީހުންނާމެދު އަމަލުކުރާ ގޮތްތަކާއި ގައުމުގެ އެެތެރޭގެ ހިފެހެއްޓުންތަކާއި އެ ގައުމެއްގައި ދަތުރުތައް ކުރުމަށް ހުރި އޮޕްޝަންސް އަދި ކަރަންޓީނު ކުރަންޖެހޭތޯ ނުވަތަ ނޫންތޯ، އާއި ސިއްހީ ދާއިރާގެ ކެޕޭސިޓީ ހިމެނޭ ކަމަށެވެ.

އިނގިރޭސިވިލާތުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުއްދަ ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭއިރު އެގައުމަށް ދާ މީހުންގެ ތެރެއިން ކަރަންޓީނުވާން ނުޖެހޭ ގައުމުތަކުގެ ލިސްޓުގައިވެސް ރާއްޖެ ހިމެނިފައެއް ނުވެއެވެ. އެހެންކަމުން ރާއްޖެއަށް އިނގިރޭސި ފަތުރުވެރިން އައުމުގެ ފުރުސަތު މިވަގުތު ކުޑައެވެ. އަދި ރާއްޖެއިން އިނގިރޭސިވިލާތަށް ދާ މީހުން 14 ދުވަހަށް ސެލްފް ކަރަންޓީނުވާން ޖެހޭނެއެވެ.

އިނގިރޭސި ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މިހާތަނަށް އެގައުމުގެ ގްލޯބަލް ޓްރެވަލް އެޑްވައިޒަރީ އަދި ބޯޑާ ރެސްޓްރިކްޝަން ލިސްޓުން ރާއްޖެ އުނި ނުކުރާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ގައުމުތައް އެ ލިސްޓުން މަދުކޮށް، އެ ގައުމުތަކަށް ދަތުރުކުރުން ފަސޭހަ ކުރާނެ ކަމަށެވެ. ހާލަތު ބަދަލުވަމުންދާ ވަރަކަށް ލިސްޓަށް ބަދަލު ގެންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އިގްތިސޯދުގައި ޓޫރިޒަމްގެ ހިއްސާ ބޮޑުކަމަށާއި، އެކަން އިނގިރޭސި ސަރުކާރުންވެސް ގަބޫލުކުރާކަން ފާހަގަކޮށް، ބަޔާނުގައި ބުނީ ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ފަސް މަންޒިލުގެ ތެރޭގައި ހިމެނޭ މަންޒިލެއް ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަ ފާހަގަކޮށް އެ ބަޔާނުގައި ވަނީ އިނގިރޭސި ހައިކޮމިޝަނަރުގެ ތަޖުރިބާ ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން މި ބަލިމަޑުކަމުގެ ތެރޭގައި ސަފީރު ހުންނެވީ ރާއްޖޭގައި ކަމަށާއި ބައްޔާ ދެކޮޅަށް ރާއްޖެއިން އަޅާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ހަރުދަނާކަން ފާހަގަކޮށް ސިއްހީ ދާއިރާގެ ބޭފުޅުންގެ މަސައްކަތްވެސް ވަނީ އެ ބަޔާނުގައި ފާހަގަކޮށްފައެވެ.

ބަލިމަޑުކަމުގެ ދުވަސްވަރު ވެސް ރާއްޖޭގައި ފަތުރުވެރިން ތިބި ކަމަށައި، އެމީހުންނާ ދޭތެރޭ ސަރުކާރާއި އިންޑަސްޓްރީ އިންވެސް ކަންކުރީ ވަރަށް ރަނގަޅަށް ކަމަށް އިނގިރޭސި ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އުއްމީދަކީ އިނގިރޭސިވިލާތުން ދަތުރުކުރަން ހުއްދަ ދޭ ގައުމުތަކުގައި ހުންނަ ޝަރުތުތައް ރާއްޖެއަށް އަވަހަށް ފުރިހަމަ ކުރެވުން. މިހާރު އެންމެ މުހިއްމު ކަމަކީ ވައިރަަސް ކޮންޓްރޯލުކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، އެއްވެސް ފަތުރުވެރިއަކު ކަރަންޓީނެއް ނުކުރާނެއެވެ. ރާއްޖެއިން ފުރާއިރު ކޮވިޑް ޓެސްޓު ހަދަން ޖެހޭނަމަ އެ ޓެސްޓު ހެދުމުގެ ފުރުސަތު ފަތުރުވެރިންނަށް ދޭނެއެވެ.

https://sun.mv/139471

comment ކޮމެންޓް