ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސިންގެ ބަންދަށް 15 ދުވަސް

ބޮޑުފިނޮޅުގައި ހުރި ބައެއް އިމާރާތްތަކާއި ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައި --- ފޮޓޯ: ފުލުހުން

ބ. ބޮޑުފިނޮޅުން އިއްތެ ހައްޔަރުކުރި 19 ބިދޭސިންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ބޮޑުފިނޮޅުން އިއްޔެ ހައްޔަރު ކުރި 19 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ކުރިއަށް ގެންދިޔުމަށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ބޮޑުފިނޮޅުން ބިދޭސިންތަކެއް ހައްޔަރުކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައު ތަރައްގީ ކުރަމުންދާ އެރަށުގައި މަސައްކަތްކުރާ ބިދޭސިންތަކެއް، މުސާރަ ނުލިބޭ މައްސަލާގައި ހަމަނުޖެހުން ހިންގާ މުދަލަށާއި އިމާރާތްތަކަށް ގެއްލުންދީ، އެރަށުގައި މަސައްކަތްކުރި ދިވެހިންތަކެއް ރަހީނުކޮށްފައި ވަނިކޮށެވެ.

އެގޮތުން ބޮޑުފިނޮޅުގައި ރަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންތަކެއް ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށް އެމީހުން ރަހީނުކޮށްފައެވެ. ފުލުހުން ފަހުން ވަނީ އޭގެ ތެރެއިން ރަހީނުކުރި 12 މީހުން ސަލާމަތްކޮށްފައެވެ. އަދި އެކަކު މޫދުގައި އޮއްވާ ފުލުހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ.

ބިދޭސިން ކޮންޓްރޯލު ކުރުމަށް ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ އޮފިސަރުންނަށްވެސް އަނިޔާވިއިރު، ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

އެރަށަށް ދިޔަ ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް