މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ އަށް ލޯނު ދޫކުރި މިންވަރު ހަތަރު ޕަސެންޓު އިތުރުވިކަމަށް އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފި އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިމާރަތްކުރުމުގެ ދާއިރާއަށް ކޮމާޝަލް ބޭންކުތަކުން ލޯނު ދޫކުރި މިންވަރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ހަތަރު ޕަސެންޓު އިތުރުވެފައެވެ. މީގެ ތެރޭ ހިމެނެނީ ގެދޮރު އިމާރާތްކުރުމަށާއި ރިސޯޓު ޑިވެލޮޕްމެންޓަށ ދޫކުރި ލޯނެވެ.
ނަމަވެސް ރިއަލް އެސްޓޭޓު ވިޔަފާރީގެ އެހެން ކަންތަކަށް ދޫކުރި ލޯނާއި ރިސޯޓު މަރާމާތަށް މި މުައްދަތުގައި ދޫކުރި ލޯނުގެ އަދަދު ދަށްކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައިވާގޮތުން 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ އިމާރަތްކުރުމުގެ ދާއިރާ އަށް ކުޑަ ކުރިއެރުމެއް އައިނަމަވެސް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދާއިރާ ވަނީ މަޑުޖެހިފަ އެވެ. އިމާރަތް ކުރުމުގެ ދާއިރާ އަށް އެތެރެކުރި މުދަލުގެ އަދަދު މި މުއްދަތުގައި ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކަ އެވެ.
އިމާރާތްކުރުމުގެ ދާއިރާގެ ބޭނުމަށް އެތެރެކުރާ މުދަލުގެ އަދަދު މަދުވެ، މި ދާއިރާގައި މަސައްކަތްކުރުމަށް ރާއްޖެ ގެންނަ ބިދޭސިންގެ އަދަދު މި މުއްދަތުގައި މަދުވެފައިވާ ކަމަށާއި މީގެ ސަބަބުން ޕްރޮޖެކްޓުތައް ޑިލޭވުން ފަދަ ކަންތައް ކުރިމަތިވާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އެތެރެކުރި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ނިސްބަތް 16 ޕަސެންޓް ދަށްކަމަށް އެމްއެމްއޭ އިން ބުންޏެވެ.