ބޮޑުފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގި މައްސަލަ މަޖިލީހުން ބަލަނީ

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން: މުޒާހަރާ ކުރި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުން ދީފައި -- ފޮޓޯ: ފުލުހުން

ބ. ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއިން ބަލަން ނިންމައިފި އެވެ.

ބޮޑު ފިނޮޅުގައި އިއްޔެ ބިދޭސީން ހިންގި ހަމަނުޖެހުމުގެ ތެރެއިން ދިވެހިން ރަހީނުކޮށް އެރަށުގެ ތަންތަނަށް ވަނީ ގެއްލުން ދީފައެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ދެން އެންމެ އަވަހަށް ބޭއްވޭ ބައްދަލުވުމަށް އެ މައްސަލަ މިހާރު އެޖެންޑާކޮށްފައިވާ ކަމަށެވެ.

"ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ މިކޮމިޓީން ވަރަށް ބޮޑު އިސްކަމެއްދީގެން ބަލަމުން އަންނަ މައްސަލައެއް. އަދި ކޮޅެއް މެދެއް ފެންނަވަރެއް ނުވޭ." އުޝާމްގެ ޓުވީޓުގައި ވެއެވެ.

އެ ރަށުގައި ހަމަނުޖެހުންތައް ހިންގައިފައިވަނީ އެ ބިދޭސީންތަކަށް އެތައް މަހެއް ވަންދެން މުސާރަ ނުދޭތީއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

އެ ރަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންތަކެއް ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށް އެމީހުން ރަހީނުކޮށްފައެވެ. ފުލުހުން ފަހުން ވަނީ އޭގެ ތެރެއިން ރަހީނުކުރި 12 މީހުން ސަލާމަތްކޮށްފައެވެ. އަދި އެކަކު މޫދުގައި އޮއްވާ ފުލުހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ.

އިއްޔެ ހެނދުނުން ފެށިގެން ކުރިއަށް ދިޔަ ހަމަނުޖެހުންތައް ހައްލުވީ ފުލުހުން އެރަށަށް ގޮސްގެންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 19 ބިދޭސީން ހައްޔަރުކޮށްފައެވެ.

އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހެއްގެ ބޯފޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބި ބ. އަތޮޅު ހޮސްޕިޓަލުން އެ މީހުންވަނީ ފަރުވާވެސް ހޯދާފައެވެ.

comment ކޮމެންޓް