10 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދޮންބައްޕަ ހައްޔަރުކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 10 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

އެމައްސަލައަކީ މިމަހުގެ އެއްވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަ އެކެވެ. އެނގިފައިވާ ގޮތުން އެކަން ފަޅާއެރީ 10 އަހަރުގެ އެ ކުއްޖާ ޔޫރިން އިންފެކްޓްވެގެން ޑޮކްޓަރަށް ދައްކަން ދިޔުމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޑޮކްޓަރަށް ތުހުމަތު ކުރެވިގެން ބެލި ބެލުމުންނެވެ. އަދި އެމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރީވެސް ޑޮކްޓަރުކަން އެނގިފައިވެ އެވެ.

އެމައްސަލާގައި 57 އަހަރުގެ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފަ އެވެ. އެކަން ހިނގާފައިވަނީ ސެންޓްރަލް ޑިވިޝަން (ކ. އއ. އަދ. އަދި ވ. އަތޮޅު) ހިމެނޭ ރަށެއްގައި ކަަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.

އެކަން ހިނގި ރަށުން 'ސަން' އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެކަން ހިނގާތާ ހަތަރު ވަރަކަށް އަހަރު ވެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ފަޅާ އެރުމުން ކުއްޖާގެ މަންމަ އެކަން ސިއްރު ކުރަން އުޅުނު ކަމަށް އޭނާ ބުންޏެވެ.

https://sun.mv/139397

ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް ބުނެ މިއަދުވެސް ވަނީ މާލޭގައި މުޒާހަރާކޮށްފައެވެ.

ފުލުހުންގެ ވެބްސައިޓުގައި ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަހަރު މިހާތަނަށް ޖިންސީ އަނިޔާގެ 241 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގަައި ހުސްވި ޖޫން މަހު ހުށަހެޅި 30 މައްސަލައާއި، މިމަހުގެ މި ތިން ދުވަހު ހުށަހެޅި ހަ މައްސަލަ ހިމެނެއެވެ

comment ކޮމެންޓް