ތުޅާދޫއަށް ހާސްކަން ބޮޑު 24 ގަޑިއިރެއް!

ފުލުހުންގެ ލޯންޗަށް ބޮޑުފިނޮޅުގައި ތިބި ބިދޭސީން އިއްޔެ އެއްޗެހި އުކާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް --

ބ. ތުޅާދު ފަޅު ތެރޭގައި އޮންނަ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް، ހަމަނުޖެހުން ހިންގައި، އެ ރަށުގައި ތިބި ދިވެހީން ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު އިއްޔެ މެންދުރުފަހު ރަށުގެ ރައްޔިތުންނާ ހިސާބަށް ފޯރި އެވެ. ރަހީނުކޮށްފައި ތިބި މީހުންގެ ތެރޭގައި ތުޅާދޫ މީހުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބުނެވެ. އެ ހަބަރާއެކު ބަނދަރުމައްޗަށް އެއްވި ރަށުގެ ރައްޔިތުންނަށް ފެނުނީ ބޮޑުފިނޮޅުން ދުން އަރަމުންދިޔަ މަންޒަރެވެ.

ބިދޭސީން ހަމައަކަށް އަޅުވަން ފުލުހުންތަކެއް މެންދުރުފަހު ބޮޑުފިނޮޅަށް ފުރި އެވެ. ރުޅިގަދަވެ، ލޭކެކިފައި ތިބި އެ ބިދޭސީން ފުލުހުންނަށް ރަށަށް އެރިޔަ ނުދިނެވެ. އެ މީހުން އެއްލި އެއްޗަކުން ޖެހި ފުލުހެއްގެ ބޯ ފަޅައިގެން ދިޔަ އެވެ. އަދި އެކަކުގެ އިނގިލި ބިންދައިގެން ދިޔަ އިރު އެހެން މީހުންނަށް އެހެނިހެން އަނިޔާ ލިބުނެވެ. އަނބުރާ ރަށަށް ދާން ޖެހުނީ އެއްވެސް ކަމެއް ހާސިލު ނުވެ ހުސްއަތާ އެވެ.

މިކަންތައްގަނޑު ހޫނުވިއިރު ތުޅާދޫ ބަނދަރުމައްޗަށް ކުދި ބޮޑު ގިނަ ބަޔަކު އެއްވެ ތިއްބެވެ. ބަ އެއް މީހުން ދުރުމި އަޅައިގެން ބޮޑުފިނޮޅާ ދިމާލަށް ބަލަމުން ދިޔަ އެވެ. ހަވީރުކޮޅު ރަށުގެ ފާލަމުގައި ތޫނު ހަތިޔާރާއެކު ބިދޭސީން ތިބި މަންޒަރުވެސް އެ މީހުންނަށް ފެނުނެވެ.

ތުޅާދޫ ބަނދަރު މަތީގައި ރަށުގެ ބައެއް ރައްޔިތުން އެއްވެފައި: އިއްޔެ ވެގެން ދިޔައީ ރަށުގެ ރައްޔިތުންނަށް ހާސްކަން ބޮޑު ދުވަހަކަށް -- ފޮޓޯ/ އަބްދުﷲ ހުސެއިން

ފެންނަމުން ދިޔަ މަންޒަރުތަކާއި ލިބެމުން ދިޔަ މައުލޫމާތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ.

ތުޅާދޫގައި ދިރިއުޅޭ ކުރީގެ ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ހުސެއިން (ބަނީ) ބުނީ، ފުލުހުންނަށް ހަމަލާދިންކަން އެނގުމުން ކޮންމެވެސް ވަރަކަށް ބިރުވެރިކަމާއި ހާސްކަން އުފެދުނު ކަމަށެވެ. އަދި ތަންތަނުގައި ރޯކުރުމުން ބޮޑުފިނޮޅުން އެރި ދުންތައް ފެނިފައިވެސް ހާސްކަން އުފެދުނު ކަމަށެވެ.

"މި ރަށު މީހުން ހާސްވާނެތާ. މި ރަށު މީހުންގެ ފިރިންނާއި، ބައްޕައިންނާއި، އެ ރަށުގައި ތިބީދޯ. ވަރަށް ހާސްވާނެތާ،" އޭނާ ބުންޏެވެ.

މައްސަލަ އަމިއްލައަށް ހައްލު ކުރާނަމޭ ހިތައި، ރަށުގެ ބައެއް ރައްޔިތުން ދޯންޏެއްގައި ހަވީރުކޮޅު ބޮޑުފިނޮޅަށް ފުރި އެވެ. އެ މީހުން ދިޔައީ ދަގަނޑުބުރި ފަދަ އެއްޗެހި ހިފައިގެންނެވެ. ނަމަވެސް، އެ މީހުން ބޮޑުފިނޮޅަކަށް ނާރަ އެވެ. ފަޅު ތެރޭގައި ނަގިލި ލައިގެން ތިބެފައި ރޭގަނޑު އަނބުރާ ރަށަށް އައީ އެވެ.

އިއްޔެ ހަވީރު ތުޅާދޫއިން ބޮޑުފިނޮޅަށް ރަށުގެ ރައްޔިތުންތަކެއް ފުރަނީ: އެ މީހުންވެސް ރަށަށް ނާރާ --

ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ތިބީ 13 މީހުންނެވެ. އޭގެ ތެރެއިން އެކަކު ސަލާމަތްވީ މޫދަށް ފުންމާލައިގެންނެވެ. އޭނާގެ ފަހަތުން މޫދަށް އެރިގެން ބިދޭސީން ދިޔަ ކަމަށް މައުލޫމާތު ލިބުނެވެ. އެކަމަކު، ފުލުހުން ވަނީ އޭނާ މޫދުން ނަގައި ސަލާމަތްކޮށްފަ އެވެ.

މައްސަލަ ހައްލު ކުރަން ދެން ގެނައީ ކައިރި ރަށްތަކުގެ ފުލުހުންނެވެ. އޭރު އިރު އޮއްސި ބޮޑުވެ އަށެއް ޖަހަނީ އެވެ. ރަށްތަކުން ގެނައި 50 ހަކަށް ފުލުހުން ތުޅާދޫ ބަނދަރުމައްޗަށް އެއްވެ، ވެސްޓާއި ޝީލްޑު ފަދަ ސަލާމަތީ އާލާތްތައް ތައްޔާރު ކުރަމުން ދިޔަ އެވެ. އޭރުވެސް ހާސްކަންބޮޑުވެފައި ތިބި ތުޅާދޫގެ ބައެއް އާންމުން ބަނދަރުމަތީގައި ބަލަން ތިއްބެވެ.

"އެންމެން ބަނދަރު ދޮށަށް އައިސް ތިބީ، ބަނދަރުދޮށުންތާ ހަބަރުތައް ލިބޭނީ. ގޭގައި ތިއްބަކަސް ނުލިބޭނެއެއްނުން. ފުލުހުންވެސް ތިބީ ބަނދަރުމަތީގައިތާ،" ބަނީ ކިޔައިދިނެވެ.

ތުޅާދޫ ބަނދަރު މަތީގައި ރަށުގެ ބައެއް ރައްޔިތުން އެއްވެފައި: އިއްޔެ ވެގެން ދިޔައީ ރަށުގެ ރައްޔިތުންނަށް ހާސްކަން ބޮޑު ދުވަހަކަށް -- ފޮޓޯ/ އަބްދުﷲ ހުސެއިން

ރަށްތަކުން އެއްކުރި ފުލުހުން ދޯންޏެއްގައި ބޮޑުފިނޮޅަށް ފުރީ ގާތްގަނޑަކަށް ރޭ 9:30 އެހާއިރު އެވެ. އެ މީހުންނަކަށްވެސް އެ ރަށާ ކައިރި ކުރެވޭ ގޮތެއް ނުވި އެވެ. ބިދޭސީން ދޯންޏަށް އުކަމުން ދިޔަ އެއްޗެހީގެ ސަބަބުން ފުލުހުންނަށް އެ ރަށަށް އެރޭގޮތް ނުވެ އަނބުރާ ރަށަށް ދިޔައީ އެވެ.

އެ މީހުން ދިޔަ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދޯންޏަށް އުކި ބޮޑެތި ގާބުރިތަކާއި، ދަގަނޑުބުރިތަކާއި، އެ ތަކެތިން ޖެހި ދޯންޏަށް ލިބުނު ގެއްލުމުގެ ފޮޓޯތަށް ސޯޝަލް މީޑިއާގައި ދައުރުވެސްވި އެވެ.

ރަށަށް ނޭރުމުން، ޝީލްޑުތަކާ އެކީ ދިޔަ ފުލުހުންގެ "ފައުޖު" އަނބުރާ ތުޅާދޫއަށް ގޮސް ތިބީ މާލެއިން އިތުރު ފުލުހުން އަންނަންދެން މަޑު ކުރާށެވެ.

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން: މުޒާހަރާ ކުރި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުން ދީފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ރަށުގެ ބައެއް ރައްޔިތުންނަށް ސޯޝަލް މީޑިއާގައި ފަތުރަމުން ދިޔަ އެކި ހަބަރުތައް ފެނި އިތުރު ހާސްކަމެއް ލިބިގެންދިޔަ އެވެ. ރަހީނުކޮށްފައި ތިބި ބައެއް މީހުންގެ އިނގިލި ބުރި ކުރި ކަމަށް ބުނެވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ސައްހަ ނޫން ހަބަރު ފަތުރާފައިވެ އެވެ.

"ދެން ދޭތެރެ ދޭތެރެއިން ނުބައި ހަބަރުތަކާއި އެއްޗެހި ފެތުރޭ މީހުންގެ އިނގިލިތަކާ އެއްޗެހި ބުރިކޮށްފިއޭ ކިޔާފައި،" ހާސްކަން އުފެދުނު ސަބަބުތައް ކިޔައިދެމުން ބަނީ ބުންޏެވެ.

އެފަދަ ހަބަރުތައް ފެތުރުނުއިރު، ރަހީނުކޮށްފައި ތިބި މީހުންނަށް ނުގުޅުމަކީވެސް އޭނާ ފާހަގަ ކުރި ގޮތުގައި ހާސްކަން ބޮޑުވި ސަބަބެކެވެ.

"އެންމެ ބޮޑު މައްސަލައަކަށް ދިމާވީ، ފޯނުތަކާ ކޮމިއުނިކޭޝަންގެ އެއްވެސް ކަމެއް ނުހިނގާ،" ބަނީ ކިޔައިދިނެވެ.

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން ކޮންޓްރޯލު ކުރަން މާލެއިން ތުޅާދޫއަށް ދިޔަ ފުލުހުން -- ފޮޓޯ: ފުލުހުން

މާލެއިން ފުރި ފުލުހުންނާއި ސިފައިންގެ ޓީމުތަކަށް ތުޅާދޫއާ ހިސާބަށް ދެވުނީ ދަންވަރު ތިނެއް ޖަހައި ބޮޑުވި ފަހުންނެވެ. ފުލުހުންގެ ޓީމުގައި ޕަބްލިކް އޯޑާ ރެސްޕޮންސް ޓީމަކާއި، ފުލުހުންގެ އިސް ދެ އޮފިސަރުންނާއި ތަހުގީގު ޓީމެއްވެސް ހިމެނެ އެވެ. ބަންގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލުންވެސް ވަޑައިގަތެވެ. އޭރު ބަނދަރުމަތީގައި ތިބި ބައެއް މީހުން ނިދަން ގޮސްފި އެވެ. ނަމަވެސް ބައެއް މީހުން މަޑުކޮށްގެން ތިއްބެވެ.

ސިފައިންނާއި ފުލުހުން ފަތިހު ބޮޑުފިނޮޅަށް ގޮސް ބަންގްލަދޭޝް އެމްބަސީގެ މީހުންނާއެކު، ބިދޭސީންނާ މަޝްވަރާކޮށްގެން މައްސަލަ ހަމައަކަށް އެޅުވީ އެވެ. އެއްވެސް ވަރަކަށް ބާރުގެ ބޭނުން ނުކޮށް، ރަށުގައި ތިބި 12 ދިވެހީން ސަލާމަތް ކުރީ އެވެ. ތުޅާދޫގައި ހޭލާ ތިބި މީހުންނަށް ހަމަޖެހުމެއް ލިބުނީ އެ ހަބަރު ލިބުމުންނެވެ.

"ގާތްގަނޑަކަށް ފަތިހު ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ މީހުންނަށް، [ބިދޭސީން] އަމާން ދިނީމަ. އެހާ ހިސާބުން އެނގުނީ ހީކުރި ވަރަށް ވުރެ މާ ބޮޑު ވަރެއް ނުވެއޭ. [ރަހީނުކޮށްފައި ތިބި] މީހުންތައް ތިބީ ކުޑަކޮށް ބަންދުކޮށްފައި އެކަމަކު،" ބަނީ ކިޔައިދިނެވެ.

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން: މުޒާހަރާ ކުރި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުން ދީފައި -- ފޮޓޯ: ފުލުހުން

ތުޅާދޫއިން ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ރަށުގެ އާންމު ރައްޔިތުން އެހާ ބޮޑަށް ބިރުވެރިކަމަށް ނުދާ ކަމަށެވެ. ބޮޑަށް ހާސްވީ ރަހީނު ކުރި މީހުންގެ އާއިލާގެ މީހުން ކަމަށް އޭނާ ބުންޏެވެ. އަދި އެ މީހުންގެ އާއިލާ އާއި ރަހުމަތްތެރިންގެ ރުޅިވެރިކަންވެސް ހުރި ކަމަށް އޭނާ ކިޔައިދިނެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ، ރެއަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ހާސްވި ރެއެއް ކަމަށެވެ. ނަމަވެސް، މިހާރު ރަށް އާންމު ހާލަތަށް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ރޭ ތަންކޮޅޮއް ކަންބޮޑުވުން ހުރި. އެއީ ތުޅާދޫގެ ބައެއް އެ ރަށުގައި ތާށިވެފައި ތިބުމާ އެއްކޮށް، ރަހީނުކޮށްފައި ތިބީމަ، އެ މީހުންނަށް ވެދާނެ ކަމަކާ މެދު ކަންބޮޑުވުންވެފައި ވަރަށް ގިނަ ރައްޔިތުން ތިބި ވަރަށް ގިނަ އިރު ނުނިދާ،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތްކޮށް، ހަމަނުޖެހުމުގައި ޝާމިލުވާ ބިދޭސީން ދެނެގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ. އަދި 19 ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަަލަ ތަހުގީގު ކުރަމުން ދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓް އާއި ހިއުމަން ޓްރެފިކް ޑިޕާޓްމެންޓް ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ބޮޑުފިނޮޅުގެ މުވައްޒަފުން ހަމަނުޖެހުން ހިންގީ އެ މީހުންނަށް މުސާރަ ނުދީ ގިނަ މަސްތަކެއް ދިޔުމުންނެވެ. އެ މީހުން ވަނީ މި އަހަރުގެ މެއި މަހުން ފެށިގެން އިހުތިޖާޖު ކުރަން ކުރަން ފަށާފަ އެވެ. އެފަދަ މުޒާހަރާއެއްގެ ވީޑިއޯއެއްވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ބިދޭސީން ނިސްބަތްވާ ކުންފުނި ރިޒް ކޮންސްޓްރަކްޝަންގެ އެމްޑީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ "ސަން"އަށް ވިދާޅުވީ، އެ މީހުންނަށް މުސާރަ ނުދީ ހަތަރު މަސް ވެދާނެ ކަމަށެވެ.

comment ކޮމެންޓް