އައިޖީއެމްއެޗުން ކުރިއެކޭ އެއްގޮތަށް އޮޕަރޭޝަންތައް ފަށަނީ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުން ކުރާ ރޫޓިން އޮޕަރޭޝަންތައް ކޮވިޑް19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް އޮޕަރޭޝަންތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިދިނުމުގެެ ތިންވަނަ ފޭސްއާއެކު އެ ހޮސްޕިޓަލުގެ އޯޕީޑީގެ ގަޑިތައް އިތުރުކޮށް ދުރާލާ ރަވައިގެން ކުރާ ރޫޓިން އޮޕަރޭޝަންތައް ފަށަން ނިންމާފައިވާ ކަމަށެވެ.

އޯޕީޑީގެ ހިދުމަތުގެ ވަގުތު އިތުރުކޮށް ރޫޓިން އޮޕަރޭޝަންތައް ފަށާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މި ހިދުމަތްތައް ފަށަނީ ކޮވިޑްް19 ނޫން އެހެން ބަލިތަކުގެ މީހުންނަށް ދޭންޖެހޭ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށް ދެކޭތީ ކަމަށެވެ.

އޯޕީޑީ ހިދުމަތް ޖުލައި ފަހެއްވާ އާދިއްތަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ އަށަކުން ހަތަރަކަށް ލިބޭނެ ކަމަށާއި މިހާރުވެސް ކުރިއަށް ގެންދާ ކޮންސަލްޓޭޝަންގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޯޕީޑީއަށް އެޕޮއިންޓްމެންޓް ހެއްދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ބަދަލުގައި އެޕޮއިންޓްމެންޓް ހެއްދޭނީ ބަލިމީހާ ދައްކަންޖެހޭ ޑިޕާޓްމެންޓުގެ ހާއްސަ ޑޮކްޓަރަކަށެވެ.

އައިޖީއެމްއެޗުން ބުނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އަދި ހުން އަންނަނަމަ ދައްކަންޖެހޭނީ ފްލޫ ކްލިނިކަށް ކަމަށެވެ.

ފުރަބަންދަށް ލުއި ދިން ނަމަވެސް، ވިޒިޓިން އަވާސް މަނާ ވާނެ ކަމަށާއި، ވޯޑުގައި ބަލިމީހާގެ ކައިރީ މަޑުކުރެވޭނީ އެކަކަށް ކަމަށ އައިޖީއެމްއެޗުން ބުންޏެވެ. އަދި ބަލި ވެގެން ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިޔުމަށާއި ހޮސްޕިޓަލަށް ވަންނަ ފަރާތްތަކުން ކޮވިޑަށް އަދި ރޯގާ އަށް ސްކްރީން ކުރުމަށް އައިޖީއެމްއެޗުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް