މި ތެލި އުނދުން މަތީގައި ހުންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ކެކިގަންނަން ތައްޔާރުގަ އެވެ. ބައެއް ފަހަރު ކުޑަކޮށް ބޮކި ޖަހާލާފައި ދެންމެ ދެންމެ ކެކިގެންފާނެ ހެން ވެސް ހީވެ އެވެ. ކޮންމެ ފަހަރަކު ވެސް ބޮކި ޖަހާލާފައި ދަނީ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ތެލި މިވަނީ ނިކަން ރަނގަޅަށް ކެކިގެންފަ އެވެ. ދުން ގަތީ ނިކަން ބޮޑަށެވެ. ބިރު ގަންނަ ވަރަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ ވަކި ފަންތިއެއްގެ ބިދޭސީ މަސައްކަތްތެރީންނަކީ ދެވަނަ ދަރަޖައިގެ އިންސާނުން ކަމަށް ހަދައި، އެމީހުންގެ ހައްގުތައް ނިގުޅައިިގަނެ، ގަނަ ތަޅުވާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އެކި މަަސައްކަތްކުރުމަށް ބިދޭސީން ގެނައުން އެއްވެސް ހަމައެއް ލަމައެއް ނެތި، ބޮޑު އިންސާނީ ވަގުފާރިިއަކަށް އެކަން އޮތީ ބަދަލުކޮށްލައިފަ އެވެ.
ރާއްޖޭގައި ގިނަ ބިދޭސީން ލަައްވައި މަސައްކަތް ކުރުވަނީ ވަރަށް ކުޑަ އުޖޫރައަކަށެވެ. ގުދާރު ބިންދައިގެން، ގައިން އޮހޮރޭ ދަލާ އެއްވަރަށް ލޮލުން ފައިބާ ކަރުނައާއެކު ހަށްޓަށް ބުރަ މަސައްކަތް ކުރުވާފައި މަހު މުސާރަ ނުލިބޭ ބިދޭސީން ވެސް އިންތިހާއަށް ގިނަ އެވެ. އެމީހުންގެ ޕާސްޕޯޓާއި ލިޔެ ކިޔުންތައް ނުދީ މުސާރަ ހިފަހައްޓައިގެން ނިކަމެތި ހާލުގައި ތަޅުވާތާ ވީހާ ޒަމާނެއް ވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަސް ވީއިރު ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ހިލިގެން ދިޔައީ އެ އުދާސްތަކެވެ. އެތައް ޒަމާންތަކެއް ވަންދެން ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ކެތްކުރުމަށް ފަހު އެމީހުންގެ ކެތްތެރިކަން ކޮޅުންލީ އެވެ. ދެން އެ ހާލުގައި އެމީހުން ނުތިބެވޭނެކަން ފާޅުގައި އިއުލާންކުރީ އެވެ. އޭގެ ތެރެއިން ގާނޫނާ ހިލާފު އެތައް އެތައް ކަމެއް ކުރި ފަޅައިގެން އައީ އެވެ.
މިއީ ބިދޭސީންނަށް މުސާރަ ނުލިބިގެން މިހާ ބޮޑު ހަމަނުޖެހުމެއް ހިނގި ފުރަތަމަ ފަހަރު ނަމަވެސް، މިއީ އަދި ފެށުން ކަމަށް ވެދާނެ އެވެ. ސަބަބަކީ ފާއިތުވި ދުވަސްތަކުގައި މިހާ ހިސާބަށް މިކަން ގޯސްވެދާނެ ކަމުގެ ކޮޅުމަތި ފެންނަން ފަށާފައި އޮތުމެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފަ އެވެ. އެމީހުން މުޒާހަރާ ކުރަމުން ދިޔައީ މުސާރަ ނުދީ މަސްތަކެއް ވެފައިވާތީ އެވެ.
ޖޫން މަހުގެ ދެވަނަ ދުވަހު ތިލަފުށީގައި މަސައްކަތް ކުރާ 200 އެއްހާ ބިދޭސީން ވެސް ވަނީ ސްޕޮންސަރާ ދޭތެރޭ ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން މުޒާހަރާކޮށްފައެވެ. އެ މުޒާހަރާ ހޫނުވެ ބައެއް ފުލުހުންނަށް އަނިޔާވިއިރު، ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނެެވެ.
ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ގއ. ދިގުރަށަށް ވެސް 200 އެއްހާ ބިދޭސީން އަރައި ވަނީ މުޒާހަރާކޮށްފައެވެ. އެމީހުން އެފަހަރުވެސް މުޒާހަރާ ކުރީ މުސާރައިގެ މައްސަލައިގަ އެވެ.
މީގެ ފަސް ވަރަކަށް އަހަރުކުރިން ވެސް މުސާރައިގެ މައްސަލައިގަައި މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ މުޒާހަރާކޮށްފަ އެވެ.
އެހެންކަމުން އެމީހުންގެ ހައްގުތައް ހޯދަން، ކޮށްދޭ މަސައްކަތަށް އުޖޫރަ ހޯދަން އަޑުއުފުލަމުން ދާތާ މިވަނީ އަހަރުތަކެއް ވެފަ އެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، އެމީހުންގެ ހާލަތު ދިޔައީ ހައްތަހާ ގޯސްވަމުންނެވެ. އިންސާނީ ވަގުފާރި ދިޔައީ ހައްތަހާ ފުޅާވަމުންނެވެ.
ހަމައެއް ލަމައެއް ނެތި ބިދޭސީން ރާއްޖެ އެތެރެކޮށް، އެމީހުންގެ ވިޔަފާރިކޮށް، ކުޑަ އުޖޫރައެއް ދީގެން، ހައްގުތައް ނިގުޅައިގަތުމުގެ ހިތި ނަތީޖާ މިއޮތީ ފެންނާށެވެ. މިއީ ކިހާ ބިރުވެރިކަމަކަށް ވެގެން ހިނގައިދާނެކަމުގެ ކޮޅުމަތި ދައްކާލީ ބުރާސްފަތި ދުވަހު އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުމަކީ އެރަށުގައި މަސައްކަތްކުރަމުން ދިޔަ 200 އެއްހާ ބިދޭސީންނަށް މުސާރަ ނުދީ ހަތް ވަރަކަށް މަސް ދުވަސް ވެފައިވުމުގެ ސަބަބުން، ދުރާލާ ރޭވި، އިންތިޒާމުވެގެން އެމީހުން ހިންގި ހަމަނުޖެހުމެކެވެ. އެރަށުގައި ތިބި ދިވެހީން ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލީ ގަލާއި، ތޫނުކޮށްފައި ހުރި ދަގަނޑުންނެވެ. މަސައްކަތަށް ބޭނުންކުރާ އުޅަނދުތަކާއި، އެރަށުގައި ހުރި އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
ނަމަވެސް މައްސަލަ މިހާ ގޯސްވުމުގެ ކުރިން، އެމީހުން ވަނީ ސުލްހަވެރި ގޮތުގަައި މުޒާހަރާކޮށްފަ އެވެ. އެ ފަހަރު ރަށުގެ ވެރިން އެ މީހުންނަށް ދެއްކި ބިރަކީ ދެން މުޒާހަރާކޮށްފި ނަމަ ފުލުހުންނަށް އަންގާނެކަމުގެ ބިރެވެ. ހުސްވި ރަމަޟާން މަހު ވެސް ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވުމުގެ ސަބަބުން އެމީހުން ވަނީ ނުރުހުން ފާޅުކޮށް، މާލެއަށް އައުމަށް، ސާމާނު ބަނދެ ރަށުގެ ބަނދަރު މައްޗަށް ނުކުމެފަ އެވެ. ނަމަވެސް އެއްވެސް ކަމަކުން އެމީހުންނަށް އެއްވެސް އަލިމަގެއް ނުފެނުނެވެ.
އޭގެ ފަހުން، އެތައް ދުވަސްތަކެއް ވަންދެން އޮއްބައި އަޑިއަޅުވަން މަސައްކަތް ކުރި ރުޅިވެރިކަން ފަޅައިގެން ދިޔައީ މުޅި ގައުމަށް ވެސް ސިހުން ގެނުވައިފަ އެވެ. މައްސަލަ ހައްލުކުރަން އެރަށަށް އަރަން އެތައް ފަހަރެއްގެ މަތިން ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުވެ، މާލެއިން ފުލުހުންނާއި ސިފައިން ވެސް ފޮނުވަން ޖެހުނެވެ. ކަންކަން ވަރަށް ބޮޑަށް ގޯސްވެދާނެ ކަމުގެ ބިރާއެކު، ސަލާމަތީ ބާރުތައް ވެސް މާލެއިން ފުރީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
ބިދޭސީންގެ މިފަދަ ބަސްނޭހުމަކަށް ގޮސްފައި މިވަނީ، ރާއްޖޭގައި އޮތް އިންސާނީ ވަގުފާރިއަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ޑައިރެކްޓް ޑިމޮކްރެސީ ގްލޯބަލް އިން ބުނިތާ ހަފްތާއެއް ވެސް ނުވަނީހެވެ.
ޑައިރެކްޓް ޑިމޮކްރެސީ ގްލޯބަލް އިން ސިފަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ބިދޭސީން އެތެރެކުރުމުގެ ވަގު ވިޔަފާރި އަކީ 250 މިލިއަން ޑޮލަރުުގެ ބޮޑު އޮގަނައިޒްޑް ކްރައިމް ސިންޑިކޭޓް ނުވަތަ ބަޔަކު ގުޅިގެން ހިންގާ "ޖަރީމާ" އެކެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ލިޔެކިޔުން ނެތި އުޅޭ ބިދޭސީންގެ އަދަދު 63،000 އަރާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.
އެ ޖަމިއްޔާއިން ތައްޔާރުކުރި ރިޕޯޓު ނެރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީޑީޖީއެމްގެ ބޯޑު މެންބަރެއްކަމުގައިވާ އަލީ ހުސެއިން ދީދީ ވިދާޅުވީ ރާއްޖެއަށް ބިދޭސީން ނަހަމަގޮތުގައި އެތެރެކުރުމުގެ މައްސަލައަކީ މަސްތުވާތަކެތީގެ ވަބާއާއިއެކު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ.
"ކޮންމެ ގައުމެއްގައިވިޔަސް، އާބާދީގެ 12 ޕަސެންޓް، ނުވަތަ 70،000 މީހުން ލިޔެކިޔުން ނެތި އުޅޭކަމަށް ވަންޏާ، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް." ހުސެއިން ވިދާޅުވި އެވެ.
މި ފަހުން ރާއްޖޭގައި ބިދޭސީންގެ މުޒާހަރާތައް އިތުރުވާން ފަށާފައި މިވަނީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އެމީހުންގެ ހާލަތު އެތައް ގުނައެއް ދަށަށް ދިއުމާ ގުޅިގެންނެވެ. ރޯގާއާ ގުޅިގެން ރިސޯޓުތަކުގައި މަަސައްކަތް ކުރާ ބިދޭސީންނާއި އެހެނިހެން މަސައްކަތުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީންގެ ވަޒީފާތައް ވަނީ ގެއްލިފަ އެވެ.
ބޭރު ގައުމެއްގައި އާމްދަނީއެއް ނުލިބި، އަމިއްލަ ގައުމުގައި ތިބި އާއިލާއަށް އެހީތެރިވެވޭނެ ގޮތެއް ނެތި، ގިނަ އަދަދެއްގެ ބިދޭސީިން ތިބީ ހަތަރު އުދަރެއް ފެނުޖެހިފަ އެވެ. މި ދަރަޖައަށް އިންސާނަކު ނިކަމެތިވެގެން ދިއުމުން ހަމަ ބުއްދިއަކުން ވިސްނުމަކީ އުނދަގޫ ކަމެކެވެ.
ބޮޑުފިނޮޅުގައި ދިވެހީންތަކެއް ރަހީނުކޮށް ބިދޭސީން ހިންގި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫނެވެ. ނަމަވެސް ރަހީނުކުރި ދިވެހިންނާ މެދު ބިދޭސީން އިހާނެތި ގޮތަކަށް އަމަލުކޮށްފައެއް ނުވެ އެވެ. އަދި ދިވެހީންނާ މެދު އަނިޔާވެރި ވުމުގެ ނިޔަތެއް އޮތް ކަމަކަށް ވެސް މިހާތަނަށް ފުލުހުން އާންމުކުރި މައުލޫމާތުން އެނގޭކަން ނެތެވެ.
ބިދޭސީން ބޭނުންވީ އެމީހުންނަށް ޒިންމާވާ މީހުންނަށް އެމީހުންގެ ރުޅިވެރިކަމާއި އާދޭހުގެ އަޑު އިއްވާލަން ކަމަށް ވެދާނެ އެވެ. ދެން އިތުރަށް ބީރު ކަންފަތެއް ނުދެވޭ ވަރު ކުރުން ކަމަށް ވެދާނެ އެވެ. މިއީ ރާއްޖޭގައި ބިދޭސީންގެ ހާލަތު ވަރަށް ނުރައްކާތެރި މިސްރާބަކަށް އެނބުރިގެން ގޮސްދާނެކަމުގެ ނުރައްކާތެރި ރަނގަބީލުގެ އަޑެކެވެ.
ނަމަވެސް މިކަމުގައި ޒިންމާ ނަގަން ޖެހޭ ބަޔަކީ އެމީހުން ރާއްޖެ ގެނެސް، އިންސާނީ ވަގުފާރިކޮށް، ނުހައްގު މުއްސަނދިކަމުން ޖީބުތައް ފުރަމުން އަންނަ ބޮޑުންނެވެ. ރާއްޖެ ނުރައްކާތެރި ހާލަތަކަށް ނުވެއްޓެނީސް، ނުފޫޒު ބޭނުންކޮށްގެން މިފަދަ ބޮޑެތި ޖަރީމާތައް ހިންގޭނެ ދޮރުތައް ބަންދުކޮށް، އެފަދަ ކަންކަން ކުރަމުން އަންނަ މީހުން ހިފާ ހައްޔަރުކޮށް ހައްގު އަދަބު ދެވެން އެބަ ޖެހެ އެވެ. އަދި ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ހޯދައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަން އެބަޖެހެ އެވެ.
ހަމައެއާއެކު ރާއްޖޭގައި ތިބި ބިދޭސީންގެ ހައްގުތައް ކަށަވަރުކޮށްދެވެން އެބަޖެހެ އެވެ. ހަމަނުޖެހުން ނުހިންގައި އުސޫލުގެ ތެރެއިން ހައްގު ހޯދަން ކަމާބެހޭ އިދާރާތަކަށް ދެވޭނެ ކަމަށް މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވުމަކުން މިކަމެއް ނުނިމޭނެ އެވެ. މި ދައްކަނީ އަހަރެއްހާ ދުވަސް ވަންދެން މުސާރަ ނުލިބި ތިބި ބައެއްގެ ވާހަކަ އެވެ. އަޅު މަސައްކަތް ކުރުވާ، ނިކަމެތި ކޮށްލާފައި ތިބި ބައެއްގެ ވާހަކަ އެވެ. އެންމެ އަސާސީ ހައްގުތަކުން އެމީހުން މަހްރޫމްްކޮށްފައި ވާއިރު، އިންސާފުގެ ހައްގު އެމީހުންނަށް ލިބޭނެ ހެއްޔެވެ؟
ރާއްޖެ އެތެރެވާ ބިދޭސީންގެ ސައްހަ މައުލޫމާތު ކަށަވަރުވާން އެބަޖެހެ އެވެ. ނޫން ނަމަ، މި އިންސާނީ ވަގުފާރީގެ ކަޅު ބާޒާރުގެ ތެރެއިން ނުރައްކާތެރި ބަޔަކު ވެސް ދިވެހި މުޖުތަމައުގެ ތެރެއަށް ދޫވެގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. އެމީހުންގެ ފަރާތުން ރާއްޖޭގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ ޒިންމާ ނަގާނެ ބަޔަކު ނުވާނެ އެވެ.
ބޮޑުފިނޮޅު މައްސަލައިގައި ވެސް ވީ އެހެނެވެ. ޒިންމާ ނަގާނެ ބަޔަކު ނުވި އެވެ. ކޮންޓްރެކްޓަރު ރިޒް މޯލްޑިވްސްއިން އިން ބުނަނީ އެކަމުގަައި ޒިންމާވާންޖެހޭނީ ޑިވަލޮޕަރު ސީލް މޯލްޑިވްސް ކަމަށެވެ. ސީލް އިން ބުނަނީ ޒިންމާ ވާންޖެހޭނީ ރިޒް މޯލްޑިވްސް ކަމަށެވެ.
އެ ރަށުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވެސް ވަނީ އެމީހުންނަށް މުސާރަ ނުދޭކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ހަމަނުޖެހުނާ ގުޅިގެން 19 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައި ވާއިރު، އުޖޫރަ ނުދީ އެމީހުން ލައްވައި މަސައްކަތް ކުރުވި ފަރާތުގެ މައްސަލަ ބަލާކަމެއް އަދި ނޭނގެ އެވެ.
އެހެންކަމުން މައްސަލައިގެ މުގުލުގައި ހިފައި ލުހެލައިގެން ނޫނީ ބިދޭސީންގެ މައްސަލަ ހައްލެއް ނުވާނެ އެވެ. ހަމަނުޖެހުން ހިންގާ ކޮންމެ ފަހަރަކު ބިދޭސީންތަކެއް ހައްޔަރުކޮށް އަދަބު ދިނުމަކީ މައްސަލައިގެ ހައްލެއް ނޫނެވެ. ހައްލު އޮތީ ބިދޭސީންގެ ހައްގުތައް ކަށަވަރުކޮށްދީގެންނެވެ. ހައްލު އޮތީ އިންސާނީ ވަގުފާރި ކުރާ ބޮޑުން ވެސް ހަމަ މިގޮތަށް ހިފާ ހައްޔަރުކޮށް ބަންދުކުރެވިގެންނެވެ.
ގައުމަށް އަސްލު ގައްދާރުވާ މީހުންނަކީ އެއީ އެވެ. ގައުމުގެ ހަމަޖެހުން ގެއްލިދާނެ ފަދަ ކަންކަމަށް މަގުފަހި ކުރާ ޚާއިނުންނަކީ އެއީ އެވެ. ގައްދާރުވަނީ ދިވެހި ފަސްގަނޑުގައި ބިދޭސީންގެ ހައްގުތައް ހޯދައިދޭން ގޮވާލާ ދިވެހީންނެއް ނޫނެވެ.