މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދީ މައުލޫމާތު ހާމަކުރުމަށް އެމްއެމްސީން ފުލުހުންނަށް ގޮވާލައިފި

ބޮޑުފިނޮޅުގައި ބިދޭސީން ހިންގަމުންދާ ހަމަނުޖެހުން ހުއްޓުވުމަށް އެ ރަށަށް ދާން މާލެއިން ފުރުމަށް ފުލުހުން ތައްޔާރުވަނީ : އެ މައްސަލައިގައި ފުލުހުން ދެ މީޑިއާއެއް ގެންދިޔަ މައްސަލައެއް ވަނީ ހޫނުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމުގައި ހިނގާ ކަންތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ފުލުހުންނަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް އިލްތިމާސްކޮށްފި އެވެ.

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީނު ކުރި މައްސަލައާ އެކު ފުލުހުން ރާއްޖެއިން ދެ މީޑިއާއެއް ގެންދިޔަ މައްސަލައެއް ވަނީ ހޫނުވެފައެވެ. ވަކި ދެ މީޑިއާއެއް ނެގުމަށްފަހު ފުލުހުން އެތަނަށް މީޑިއާ ގޮވައިން ދިޔަ މައްސަލައިގައި އެހެން މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު މައުލޫމާތު ލިބުމުގެ ފުރުސަތު ހުރިހާ މީޑިއާއަކަށްވެސް ލިބޭކަން ޔަގީންކުރުމަކީ މީޑިއާ ކައުންސިލުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

އޭގެއިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންވެސް އަދި އެހެނިހެން އިދާރާތަކުންވެސް މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭތޯ އަބަދުވެސް ބަލަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

ބޮޑުފިނޮޅުގައި ހިނގާ ހަމަނުޖެހުމާ ގުޅިގެން އެކަމުގެ މައުލޫމާތު ކަށަވަރު ކުރުމަށްޓަކައި ފުލުހުން، މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާ ކަމަށް މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ފަހަކަށް އައިސް ގައުމުގައި ހިނގާ، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުންހުރި އެފަދަ ކަންކަމުގައި ފުލުހުންގެ އިދާރާއިން މީޑިއާތަކަށް އެކަށީގެންވާ މައުލޫމާތު ދިނުމުގައި ފަސް ޖެހޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށް ޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ވީހާވެސް ބޮޑަކަށް އަދި އަވަސްމިނުގައި މީޑިއާތަކަށް މައުލޫމާތު ދިނުމަށް މި ކައުންސިލުން ދިވެހިން ފުލުހުންނަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސްކުރަމެވެ،" އެމްއެމްސީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް