ބޮޑުފިނޮޅަށް ފުލުހުން އަރައި ރަހީންކޮށްފައި ތިބި 12 ދިވެހިން ސަލާމަތް ކޮށްފި

ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތް ކުރުމަށްފަހު އެ ރަށު އަތިރިމަތީގައި --- ފޮޓޯ: ޕީއެސްއެމް

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީން ކުރުމާއި ގުޅިގެން ފުލުހުން އެ ރަށަށް އަރައި އެ ދިވެހިން ސަލާމަތް ކޮށްފި އެވެ.

ފުލުހުން ރޭ ބުނީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިއަ ނުދީ ހިފަހައްޓަައި ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ރަށު ގައި ބިދޭސީން އިހުތިޖާޖު ކުރަމުން ދަނީ ގިނަ ދުވަސްތަކެއް ވަންދެން އެ މީހުންގެ މުސާރަ ދީފައި ނުވާ ކަމަށް ބުނެއެވެ.

އެންމެ ފުރަތަމަ އެ މައްސަލަ ހައްލު ކުރުމަށް އެ ރަށަށް ގޮސްފައިވަނީ ބ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންނެވެ. ތުޅާދޫއިން ފުރައިގެން ދޯންޏެއްގައި ގާތްގަނޑަކަށް 50 ފުލުހުން ދިޔަ އެވެ. ނަމަވެސް ދޯނި ބޮޑު ފިނޮޅާ ކައިރި ކުރެވޭ ގޮތް ނުވި އެވެ. ބޮޑުފިނޮޅުގެ ޖެޓީ މަތީގައި ބިދޭސީއިން ދަނގަޑުތައް ތޫނުކޮށްގެން ތިބެ ދޯންޏަށް އުކަމުން ދިޔުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވެ އެ ރަށަށް އެރޭގޮތް ނުވެ ވަނީ އަނބުރާލާފައި ގޮސްފަ އެވެ.

ރަހީނު ކޮށްފައި ތިބި ދިވެހިން ސަލާމަތް ކުރުމަށް މާލެ އިން ފުލުހުންގެ ޓީމެއް އެ ރަށަށް ފުރީ ރޭ ދަންވަރު އެވެ. އިރުއަރަން ގާތްވެފައިވަނިކޮށް ފުލުހުން ވަނީ އެ ރަށަށް އަރައި ރަހީނު ކޮށްފައިވާ 12 ދިވެހިން ސަލާމަތް ކޮށްފަ އެވެ.

ސަލާމަތްކުރި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި، އެމީހުންނަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

"ސުލްހަވެރިކަމާއި އެކު މައްސަލަ ހައްލުކުރުމަށް އެމީހުންނާއި އެކު ދަނީ މަޝްވަރާ ކުރަމުން. މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ،" ފުލުހުންގެ މީޑިއާ އިން ބުންޏެވެ.

ފުލުހުންގެ ޓީމުން ފަހުން އެ ރަށަށް އެރިއިރު އެއްވެސް ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ. އަދި އެއްވެސް ވަރަކަށް ބިދޭސީން ވެސް ފެންނާކަށް ނެތެވެ.

ފުލުހުން މިހާރު އަންނަނީ ތަރުޖަމާނެއްގެ އެހީގައި އެ ރަށުގައި ހަރަކާތްތެރިވާ ބިދޭސީންނާ ވާހަކަ ދައްކަމުންނެވެ.

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް