ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމް އިންތިހާބު ބޭއްވީ ގާނޫނާ ހިލާފަށް: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --

ސަރުކާރަށް ގޮންޖަހާފައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިއަދު އިންތިހާބު ބޭއްވި ގާނޫނާ ހިލާފަށް ކަމަށް، އެފްއޭއެމްގެ ފުރަތަމަ އިންތިހާބީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެފްއޭއެމުން މިއަދު ހަވީރު އިންތިހާބީ ކޮންގްރެސް ބާއްވައި، ރައީސްކަމަށް ހޮވާފައިވަނީ ގިނިކަންޏާ ވާދަ ކުރެއްވި، މިހާރުވެސް އެފްއޭއެމްގެ ރައީސްކަން ކުރައްވާ ބައްސާމް އަލީ ޖަލީލް އެވެ.

މިއަދު އިންތިހާބު ބެއްވި އިރު، މަޖިލީހަށް އަލީ އާޒިމް ވަނީ އެފްއޭއެމްގެ މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ ދިރާސާކުރާ، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ވަނީ އިންތިހާބު ފަސްކޮށްދިނުމަށްވެސް މިނިސްޓީގައިވެސް އެދިފައެވެ. އެގޮތަށް އެދިފައިވަނީ ކޮމިޓީގައި އެ މައްސަލަ ދިރާސާ ކުރަމުންދާތީއެވެ. އަދި މިނިސްޓްރީން ވަނީ އިންތިހާބު ފަސްކޮށްދިނުމަށް އެދި އެފްއޭއެމްގައި އެދިފައެވެ.

އެކަމާ ގުޅިގެން ޓްވީޓްކުރައްވައި، އަލީ އާޒިމް ވިދާޅުވީ، ސަރުކާރަށް ގޮންޖަހާފައި އިންތިހާބު ބޭއްވާފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ. އަދި އެ އިންތިހާބަކީ ބާތިލް އިންތިހާބެއް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވާން ޖެހޭކަމަށް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/139412

"ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިހާބު ބޭއްވ، ގާނޫނާއި ގަވައިދުތަކާ ހިލާފަށް. އެފްއޭއެމްގެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަން މިނިސްޓަރު މަހްލޫގު ވިދާޅުވާން ޖެހޭ. ރައްޔިތުން ބޭނުންވަނީ ގާނޫނީ ދައުލަތެއް މިގައުމުގައި ހިންގަން،" އަމީ އާޒިމް ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް ކޮމިޓީން މިނިސްޓްރީގެ ކިބައިން އެދިފައި ވަނި، އެ ކޮމިޓީން ދިރާސާ ކުރާ އެފްއޭއެމްގެ މައްސަލަ ބަލައި ނިމެންދެނެވެ.

އާޒިމް ހުށަހެޅުއްވި މައްސަލައަކީ، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ އެ އިދާރާއާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އިންތިހާބު ފަސްކުރުމަށް މިނިސްޓްރީން މިއަދު އެދުނު އިރު، ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަތަކެއް ބަލައި، އެ އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަރުގަދަ އިންޒާރެއްވެސް ވަނީ ދިފައެވެ.

comment ކޮމެންޓް