އަންހެންމީހާގެ އަނގައަށް ލައްފިލުވާ އެޅީ ކުރީގެ ފިރިމީހާ، މީގެކުރިން މަރުގެ އިންޒާރުވެސް ދިން

ރ. އަލިފުށި -- ފޮޓޯ: އަލިފުށި އޮންލައިން

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ، މީގެ ކުރިން އަންހެންމީހާ އަށް މަރުގެ އިންޒާރުވެސް ދީފައިވާކަމަށް އެނގިއްޖެ އެވެ.

ކުރީގެ އަނބިމީހާ، ނަމާދަށް ހުއްޓާ، މޫނު ނިވާކޮށްގެން، އަތަށް އަންގި އަރުވައިގެން ގޮސް އަނގައަށް ލައްފިލުވާ އެޅި މައްސަލާގައި ރޭ ފުލުހުންވަނީ އެރަށުން 32 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައާއި ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދިން އަލިފުށީ ރައްޔިތަކު ބުނީ އަންހެން މީހާ މާލޭގައި ހުރެފައި އެނބުރި ރަށަށް ގޮސް ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށް ހުރީ އޭނާގެ ތިމާގެ މީހެއްގެ ގޭގައި ކަމަށެވެ. ކަރަންޓީނު ފުރިހަމަކޮށް އޭނާގެ ބައްޕަގެ ގެޔަށް ބަދަލުވީ މިދިޔަ ޖޫން މަހުގެ 30 ގައި ކަމަށް އޭނާ ބުންޏެވެ.

"ހޯމް ކަރަންޓީނުގައި ހުރި އިރުވެސް ގުޅާ އިންޒާރު ދިން ކަމަށްވަނީ. ކަރަންޓީނު ނިމުމުން އޭނާގެ [ފިރިހެން މީހާގެ] ހުރިވަރު ދައްކާލާނެ ކަމަށްވެސް ބުނި ކަމަށްވޭ. މަރުގެ އިންޒާރު ވެސް އެކިފަހަރު މަތިން ދިން ކަމަށްވޭ،" އަލިފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެދެމަފިރިންގެ ކައިވެނި ރޫޅިފައިވާތާ ނުވަ މަސް ވެފައިވާއިރު އެދެމީހުންގެ ދަރިއަކު ހުރެ އެވެ. ހޯމް ކަރަންޓީނު މުއްދަތުގައިވެސް ދަރިފުޅާ ބައްދަލުކުރަން ބޭނުން ކަމަށް ބުނެ ފިރިމީހާ އަންހެން މީހާއަށް ގުޅާ ހެދި ކަމަށް އަލިފުށިން މައުލޫމާތު ދިން ފަރާތުން ކިޔައިދިނެވެ.

"ހޯމް ކަރަންޓީނު ނިންމާފައި ގެޔަށް ބަދަލުވިތަނާ މިކަން މި ދިމާވީ. ރޭ ގާތްގަނޑަށް 9:15 ހާއިރު އަންހެންމީހާ ގޭގައި ނަމާދަށް ހުއްޓާ، ފިރިހެންމީހާ ކޮޓަރިއަށް ވަތް ކަމަށް ވަނީ. އަމިއްލަ ގޭގައި ނަމާދަށް ހުންނައިރު ދެން ތަޅުލާކަށް މާ ސަމާލުކަމެއްވެސް ނުދޭނެތާ. ފިރިހެންމީހާ ވަނީ އަތަށް އަންގި އަރުވައި، މޫނުވެސް ނުފެންނާނެހެން ބޮލަށް އެއްޗެއް އަރުވައިގެން،" އޭނާ ބުންޏެވެ.

"ފާހާނާ ސާފުކުރާކަހަލަ އެއްޗެހި އަޅާފައި ހުރި ސްޕަންޖުގަނޑެއް އަންހެން މީހާގެ މޫނާ ކައިރުކޮށް ފުރަތަމަ ހާސްކޮށްލި ކަމަށްވަނީ. އޭގެ ފަހުން އަނގަޔަށް ބްލީޗު އެޅީ،"

އަލިފުށިން "ސަން" އާ ވާހަކަ ދެއްކި މީހާ ބުނީ އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވަން ފެށުމުން އެގެޔާ ޖެހިގެން ހުރި ގޭގެ މީހުންނާ، އެގޭ ކުރިމަތިން ހުރި ގޭގެ މީހުން ގޮސް ދޮރުގައި ތެޅި ކަމަށެވެ.

"ބާރަށް ތަޅައިގެން ކަމެއް، އެތެރެއިން ހުޅުވީކަމެއް ނޭނގެ. ދޮރު ހުޅުވުނު އިރު ފިރިހެން މީހާވެސް އިން. އަންހެންމީހާ އޮތީ އަރިއަކަށް،" އޭނާ ބުންޏެވެ.

އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވަނިކޮށް އައި މީހުން ފުލުހަށް އެކަން ރިޕޯޓު ކުރި ކަމަށާއި ނަމަވެސް އެވަގުތުގެ ގޮތުން ފިރިހެންމީހާ ހިފެހެއްޓުމުގެ ބަދަލުގައި އޭނާ އަށް އެއްޗެހި ކިޔަނިކޮށް އެތަނުން ފިރިހެންމީހާ ފިލީކަމަށް ވެސް ބުންޏެވެ.

"އަވަހަށް ފުލުހުންނަށް އަންގައި ސިއްހީ މަރުކަޒަށް އަންހެން މީހާ ގެންދިޔައީ. އެތަނުން ބުނީ މާބޮޑު ކަމެެެއް ވެފައެއް ނެތޭ، އެހެންވެސް އާސަންދާގައި އުނގޫފާރަށް ނުފޮނުވާ އޮތީ. އޮއްވާ އެމީހުން އަމިއްލައަށް މިއަދު ހެނދުނު އުނގޫފާރަށް ދިޔައީ،" އަލިފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެކޮޅުން މިއަދު ބުނި ކަމަށްވަނީ ރޭ އަސްލު ގެންނަން ޖެހޭނެޔޭ. އަނގައިން ލޭ އައި ކަމަށްވަނީ. އަނގައިގެ މިޔަކައިރިވެސް ހަލާކުވެފައި ކަމަަށްވެސް އުނގޫފާރުން އެބަ ބުނޭ. އޭނަގެ ހާލު މިވަގުތަށް ސްޓޭބަލް އެކަމަކު އޮތީ އެޑްމިޓްކޮށް އައިވީ ގުޅާފައި އޮތީ، އަނގައިން އެއްޗެހި ދިރުވަން އުނދަގޫ ކަމަށް އާއިލާ އިން ބުނޭ. ކޮންމެސް ވަރަކަށް އެބަ މިހާރު ވާހަކަ ދައްކާ،"

އޭނާގެ އަނގަޔަށް އެޅި ލައްފިލުވާ އެއްވެސް ވަރަކަށް ދިރުވާފައި ނުވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަލިފުށީ ހެލްތު ސެންޓަރުން މިއަދު "ސަން" އަށް ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން މިރޭ ބުނީ ރޭ އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަގުތުން ސީންއަށް ދިޔަ ކަމަށާއި، އަނިޔާ ލިބުނު އަންހެން މީހާ އަލިފުށި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

https://sun.mv/139410

comment ކޮމެންޓް