އޭޖީ އޮފީހުން މިއަހަރު 60 މައްސަލައެއްގައި ދައުވާ އުފުލައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު: މިއަހަރު އޭޖީ 60 މައްސަލައެއްގައި ދައުވާ ކޮށްފައިވޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނިމިގެން ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެޓާނީ ޖެނަރަލްގެ އޮފީހުން 60 މައްސަލައެއްގައި ދައުވާ ކޮށްފައިވާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތަފާސް ހިސާބު އާންމުކޮށްފައިވާއިރު ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 465 އަޑުއެހުމަކަށް އޭޖީ އޮފީހުން ވަނީ ހާޒިރު ވެފަ އެވެ. އަދި 126 މައްސަލައެއްގައި އެކި ކޯޓުތަކުގައި ވަނީ ވަކާލާތު ކޮށްފަ އެވެ. އޭގެ ތެރެއިން 66 މައްސަލައެއް އޭޖީ އޮފީހަށް ރައްދުވާއިރު އެ އޮފީހުން ދައުވާކުރި 60 މައްސަލައެއް ހިމެނެ އެވެ.

އޭޖީ އޮފީހުން ދައުވާ ކުރާ 60 މައްސަލައިގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހިނގާފައިވަނީ ސިވިލް ކޯޓުގަ އެވެ. އެއީ 32 މައްސަލަ އެވެ. ފެމެލީ ކޯޓުގައި 14 މައްސަލައެއް ކުރިއަށް ދިޔައިރު ހައި ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ތިން މައްސަލަ އެވެ. ސުޕްރީމް ކޯޓުގައި އޮތީ އެންމެ މައްސަލަ އެކެވެ.

އޭޖީ އޮފީހަށް ދައުވާ ލިބޭ އެންމެ ގިނަ މައްސަލަތަކެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިވިލް ކޯޓުގައެވެ. އެއީ 46 މައްސަލަ އެކެވެ. ހައި ކޯޓުގައި 11 މައްސަލައެއް އޮތް އިރު މެޖިސްޓްރޭޓް ކޯޓްތުކުގައި ހަތް މައްސަލަ އެއް އޮތެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ދެ މައްސަލައެއްގެ ދައުވާ އޭޖީ އޮފީހަށް ވަނީ ކޮށްފަ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އޭޖީ އޮފީހުން ދައުވާ ކުރާނީ މަދަނީ އަދި ދުސްތޫރީ މައްސަލަތަކުގަ އެވެ.

އެކަމާއި ގުޅިގެން އޭޖީ ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާއިތުވެދިޔަ މަސްތަކަކީ ހުރިހާ ގޮތަކުންވެސް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށާއި މަސައްކަތްކުރުން އާ ގޮތްތަކަކަށް ބައްޓަންކުރަންޖެހުނު ކަމަށެވެ.

"ޤާނޫނީ ލަފާ ދިނުމާއި މައްސަލަތަކާ ގުޅިގެން މުވައްޒަފުން ރެޔާއި ދުވާލު ކުރި އިހްލާސްތެރި މަސައްކަތްތަކަށް ޝުކުރާއި ތަޢުރީފު ޙައްޤު،" ރިއްފަތު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް