ކޮންގްރެސް ބާއްވައި ދެވަނަ ދައުރަކަށް ބައްސާމް ހޮވައިފި

އެފްއޭއެމްގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ހޮވުނު ބައްސާމް އަދީލް ޖަލީލް އަދި އެކްޒެކެޓިވް ކޮމިޓީއަށް ހޮވުނު މެމްބަރުން --- ފޮޓޯ/ އެފްއޭއެމް

ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، ސަރުކާރުން ގިނަ ތުހުމަތުތަކެއް ކޮށްފައި އޮތް ނަމަވެސް އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްކަމަށް އަނެއްކާވެސް އިންތިހާބު ކޮށްފި އެވެ.

މިހާރު ކުރިއަށްދާ ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ. މި ހުރިހާ ކުލަބުތަކެއްގެ އިއްތިފާގުން އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމްގެ އިންތިހާބީ ކޮންގުރެސް ---

އެގޮތަށް ކުލަބުތަކުން ނިންމީ ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ ފިޔަވައި އެހެން އިތުރު ކެންޑިޑޭޓަކު އެ މަގާމަށް ވާދަކުރައްވާފައި ނުވުމުންނެވެ.

ބައްސާމްގެ ދަށުން ސީނިއާ ނައިބު ރައީސްގެ މަގާމަށް މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމްގެ ކުރީގެ ފޯވަޑް އަލީ އުމަރުގެ ނަން ހުށަހަޅާފައިވާއިރު ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަން ނިންމާފައިވަނީ މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

ހިންގާ ކޮމިޓީގައި ދެން ހިމެނެނީ މިހާރުގެ ސީނިއާ ނައިބު ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި، މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި، ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި، އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) ގެ އިތުރުން މުހައްމަދު ޝިފާއު އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މިހާރު އެފްއޭއެމް ހައުސްގައި ކުރިއަށް ގެންދާ މި ކޮންގުރެސް ބާއްވަން އުޅޭކަން މިއަދާއި ޖެހެންދެން އެ އިދާރާއިން ސިއްރުކޮށްފައި އޮތް އިރު ރައްޔިތުންގެ މަޖިލީހުން އައީ އެފްއޭއެމްއާ ދޭތެރޭ ބޮޑެތި ތުހުމަތުތަކެއް ކޮށް އިޖުތިމާއީ ކޮމިޓީން މައްސަލަ ބަލަމުންނެވެ. އަދި އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް މިއަދުގެ ކޮންގްރެސް ބޭއްވީ އެއްވެސް މީޑިއާއަކަށްވެސް ދައުވަތު ނުދީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެފްއޭއެމް އާ ބެހޭގޮތުން މައްސަލައެއް ހުށަހަޅައި ބަހުސްކޮށް ކޮމިޓީ މަރުހަލާ އަށް ފޮނުވާފައި ވަނިކޮށް ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ރާއްޖެއަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ވެސް ރޭ ވަނީ އިންޒާރުކޮށްފަ އެވެ. މި މައްސަލައަކީ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް އިއްޔެ ހުށައެޅި މައްސަލައާ ގުޅިގެން ފެންމަތިވެގެން ދިޔަ ކަމަކެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށް ވަނީ މި މައްސަލައިގެ ނުކުތާތަކުގައި ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް