އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި

ރ. އަލިފުށި

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރު ކޮށްފިއެވެ.

އަންހެންމީހާގެ އާއިލާއާ ހަވާލާދީ އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަންހެންމީހާގެ އަނގައަށް ލައްފިލުވާ އެޅީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށެވެ.

އަދި އެކަންކުރީ އަންހެން މީހާ ނަމާދަށް ހުއްޓާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ ރޭ 9:45 ހާއިރު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކު ކަމަށެވެ.

ފުލުހުން ބުނީ ރޭ އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަގުތުން ސީންއަށް ދިޔަ ކަމަށާއި، އަނިޔާ ލިބުނު އަންހެން މީހާ އަލިފުށި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ.

އަންހެންމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.

އަލިފުށީ ހެލްތު ސެންޓަރުން "ސަން" އަށް ބުނީ އަންހެންމީހާ މިހާރު އިތުރު ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އޭނާގެ އަނގަޔަށް އެޅި ލައްފިލުވާ އެއްވެސް ވަރަކަށް ދިރުވާފައި ނުވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހެލްތު ސެންޓަރުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަންހެނެއްގެ އަނަގަޔަށް ލައްފިލުވާ އެޅި މައްސަލާގައި އަލިފުށިން މީހަކު ހައްޔަރު ކުރިއިރު މި ދުވަސްވަރަކީ ޖިންސީ އަނިޔާ އާއި ރޭޕް އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ވާހަކަތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. އަދި މިފަދަ މައްސަތައް ފުލުހުންނަށް ހުށަހެޅި ބަލަމުންދާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް