މިޔަންމާގެ މައިނެއްގައި ބިންގަނޑު ކަނޑައިގެން ގޮސް، 126 މީހަކު މަރުވެއްޖެ

މިޔަންމާގެ މައިނެއްގައި ބިންގަނޑު ކަނޑައިގެން ގޮސް، 120 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: މިޔަންމާ ފަޔާ

ޕަކަންތު (ޖުލައި 2): މިޔަންމާގެ އުތުރުގައި އޮންނަ ޖަވާހިރު ނަގާ މައިނެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއް ހިނގައި، 126 މީހަކު މަރުވެއްޖެ އެވެ.

މިޔަންމާގެ ކަޗިން ސްޓޭޓުގެ ޕަކަންތުގައި އެ ހާދިސާ ހިނގީ ޖޭޑް ނުވަތަ ޒަބަރުޖުދު ޖަވާހިރު ނަގާ މައިނެއްގަ އެވެ. އެގައުމުގެ ފަޔާ ސާވިސް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިޔައީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކިސަޑު ފޭބުމާ ގުޅިގެންނެވެ.

ފުލުހުން ބުނި ގޮތުގައި މި ދުވަސްވަރު ބޯކޮށް ވާރޭވެހިފައި ވާތީ އެ މައިންގައި މަސައްކަތް ނުކުރުމަށް އިއްޔެ ވަނީ އިލްތިމާސް ކޮށްފަ އެވެ. ނަމަވެސް ބައެއް މީހުން އެ އިންޒާރަށް އިޖާބަ ނުދީ އެތަނުގައި ޖަވާހިރު ހޯދުމަށް މަސައްކަތް ކުރީ އެވެ.

އެ ހާދިސާގައި މަރުވި 126 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ އިރު އޮފިޝަލުން ވަނީ އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ސިވިލް ސޮސައިޓީ ޖަމާއަތެއްގެ މެމްބަރަކު ބުނި ގޮތުގައި އެ ހާދިސާގައި މަރުވީ، ޖަވާހިރު ހޯދާ ބޮޑު ކުންފުންޏަކުން އެތަނަށް އަޅާފައިވާ ކުނިބުނީގެ ތެރެއިން ޖަވާހިރު ހޯދުމަށް އަމިއްލައަށް މަސައްކަތްކުރަމުން ދިޔަ ބަޔެކެވެ. އެހެންކަމުން އެމީހުންގެ މަރުގެ ބަދަލެއް އާއިލާގެ މެމްބަރުންނަށް ލިބުމުގެ ފުރުސަތު ކުޑަ އެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ޖޭޑް ފެންނަ ގައުމު ކަމަށްވާ މިޔަންމާގެ މައިން ތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ. އަދި އެގައުމުގައި ޖަވާހިރު ނެގުމާ ބެހޭ އާ ގާނޫނެއް މިދިޔަ އަހަރު ފާސް ކުރި ނަމަވެސް އެގައުމުގެ މައިންތަކުގައި އެ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ.

މިޔަންމާގެ ޖޭޑްގެ ވިޔަފާރީގެ އަގު މިދިޔަ އަހަރު 30 ބިލިއަން ޑޮލަރަށް އެރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް