މޯލްޑިވިއަން އިން އޮންލައިން ޗެކްއިންގެ ހިދުމަތް ތައާރަފުކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގައުމީ އެއާލައިން މޯލްޑިވިއަން އިން އޮންލައިން ޗެކްއިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

ކޮވިޑް19 އާއި ގުޅިގެން އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު އާ އާންމު ހާލަތުގެ ތިންވަނަ މަރުހަލާގައި އިއްޔެ އިން ފެށިގެން މޯލްޑިވިއަން އިން ވަނީ އެ އެއާލައިނުގެ ޝެޑިއުލް ދަތުރުތައް ފަށައިފައެވެ.

މި ހާލަތުގައި އެއާޕޯޓަށް ގޮސް ކިޔުގައި ޖެހުމުގެ ބަދަލުގައި ގޭގައިތިބެގެން ފަސޭހަކަމާޢެކު އޮންލައިން ކޮށް ޗެކްއިން ކުރެވޭނެ އިންތިޒާމު އެ އެއާލައިނުން ވަނީ ހަމަޖައްސައިފައެވެ.

މޯލްޑިވިއަން އިން ބުނީ ޑޮމެސްޓިކް ދަތުުރތަކުގެ 12 ގަޑިއިރު ކުރިން އޮންލައިން ޗެކްއިން ވެވޭނެ ކަމަށާއި އޮންލައިން ޗެކްއިން ބަންދުވާނީ ފްލައިޓުގެ ހަތަރު ގަޑިއިރު ކުރިން ކަމަށެވެ. އިންޓަނޭޝަނަލް ދަތުރެއްނަމަ 48 ގަޑިއިރު ކުރިން އޮންލައިން ޗެކްއިން ވެވޭނެ ކަމަށާއި ފްލައިޓުގެ ހަތަރު ގަޑިއިރު ކުރިން އޮންލައިން ޗެކްއިން ބަންދުވާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.

https://maldivian.aero/plan-and-book/online-check-in.html

ޑޮމެސްޓިކް ފްލައިޓުތަކަށް އީ ބޯޑިންޕާސް އެއް ލިބޭނެެއެވެ. އޮންލައިންކޮށް ޗެކްއިންވާ ފަސިންޖަރުން ޑިޕާޗާގެ އެއް ގަޑިއިރު ކުރިން ޗެކްއިން ލަގެޖުތައް ބޭގް ޑްރޮޮޕް ކައުންޓަރަށް ގެންދަން ޖެހޭނެއެވެ.

އާ އާންމު ހާލަތުގައި ދަތުރުތައް ފެށިނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް މޯލްޑިވިއަންއިން އިލްތިމާސް ކުރެއެވެ.

އެގޮތުން މާލެއިން ފުރައިގެން ރަށަކަށް ދާ ފަސިންޖަރެއް ނަމަ ހޯމް ކަރަންޓީނު ވުމަށް ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށްވެސް އެ އެއާލައިނުން އެދެއެވެ.

comment ކޮމެންޓް