ސަޕްލައި އެމްވީން ރާއްޖޭގެ ފުރަތަމަ ވާޗުއަލް ބީ2ބީ އެކްސްޕޯ ފަށައިފި

ރާއްޖޭގެ ފުރަތަމަ ވާޗުއަލް ބީ2ބީ އެކްސްޕޯ ފަށައިފި އެވެ.

ސަޕްލައި.އެމްވީ އިން އިންތިޒާމުކޮށްގެން ފެށި މި އެކްސްޕޯ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ އެވެ.

މެދުކެނޑުމެއްނެތި 24 ގަޑިއިރު ކުރިއަށްގެންދާ ގޮތަށް ރާވާފައިވާ މި އެކްސްޕޯގައި ރާއްޖޭގެ އެކި ކުންފުނިތަކުގެ މުދާ އެއްތަނަކުން ބަލައިލެވޭނެ އެވެ. އަދި އެކްސްޕޯގައި އެކި ޕްރޮމޯޝަންތަކާއި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހަދިޔާ ލިބޭ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ ކަމަށް ސަޕްލައި.އެމްވީއިން ބުނެ އެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން ސަޕްލައި.އެމްވީގެ ސީއީއޯ ރާއިދު ޝާޒު ވަލީދު ވިދާޅުވީ މިހާރު ހާލަތު ހުރިގޮތުން އެއްތަނަކަށް މީހުން ޖަމާވެ ހަރަކާތްތައް ބޭއްވެން ނެތުމާއެކު މި އެކްސްޕޯއަކީ ދިވެހިވިޔަފާރިތަކަށް ވަރަށް މުހިންމު އެކްސްޕޯއެއް ކަމަށެވެ.

"އިގްތިސާދު ހުޅުވި، ވިޔަފާރިތައް އަނެއްކާ ވެސް ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަމުންދާއިރު، އެފަރާތްތަކުގެ ވިޔަފާރި ރަނގަޅުކުރަން މި އެކްސްޕޯ އިތުރު އެހީއަކަށް ވާނެ ކަމަށް ގަބޫލުކުރަން." އޭނާ ވިދާޅުވި އެވެ.

މި އެކްސްޕޯއަށް ވަންނަ ކަސްޓަމަރުންނަށް ލައިވް ޗެޓް މެދުވެރިކޮށް ސަޕްލަޔަރުންނާ ވާހަކަ ދައްކައި، ކޯޓޭޝަން ހޯދުމުގެ އިތުރުން މުދަލަށް އޯޑަރު ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހޭނެ އެވެ.

ސަޕްލައި.އެމްވީއިން ބުނީ މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ވިޔަފާރިތަކަށް ދިނުމަށްޓަކައި ލިސްޓިން ފީގެ ގޮތުގައި ވެސް ނަގާފައިވަނީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.

މި ހަރަކާތުގެ މެއިން ސްޕޮންސާއަކީ ބްރަދަހުޑް އިންވެސްޓްމަންޓެވެ. ކެޓަގަރީ ސްޕޮންސަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސް، އޮންދިގޯ މޯލްޑިވްސް، ޔުނައިޓެޑް ފުޑް ސަޕްލަޔާސް އަދި ރެޑްވޭވްގެ އިތުރުން ކޮކާކޯލާ ހިމެނެ އެވެ.

މި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު 9998651، 9909901 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރުމުން ވެސް ލިބޭނެ އެވެ.

ސަޕްލައި.އެމްވީއަކީ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ހާއްސަކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ބާޒާރެވެ. މި ބާޒާރުން ހޯލްސޭލް މުދާ ވިއްކާ އެކި ފަރާތްތަކަށް އެމީހުންގެ މުދާ ދައްކާލައި، ވިއްކުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ހަމައެއާއެކު ސަޕްލައި.އެމްވީއާއެކު ކަސްޓަމަރުންނަށް އެއްތަނަކުން، އެކި ވިޔަފާރިތަކުން އެއްފަހަރާ ކޯޓޭޝަން ހޯދައި، މުދާ ގަތުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ސަޕްލައި.އެމްވީ ޕްރޮޖެކްޓު އުފެދިގެން އައިސްފައިވަނީ އުރީދޫގެ ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ތެރެއިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް