10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ޖިންސީ ގޯނާއާ ދެކޮލަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.

އެކަން ހިނގާފައި ވަނީ، ނޯތު ސެންޓްރަލް ޑިވިޝަން (ކ. އއ. އަދ. އަދި ވ. އަތޮޅު) ހިމެނޭ ރަށެއްގައި ކަަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވެނީ އެ ކުޑަ ކުއްޖާގެ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކަަށް ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިފަދަ މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް ބުނެ މިދިޔަ ހޯމަ ދުަވަހު މާލޭގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި ރޭ ފުލުހުންގެ ބިލަށް ހިޔާލުހޯދުމަށް މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.

comment ކޮމެންޓް