މާލޭގައި މާދަމާ ހުކުރު ނަމާދު ނުކުރަން ނިންމައިފި

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ، ހުކުރު ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ، ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން، މި ދަނޑިވަޅަކީ މަރުހަލާތަކަކަށް ބަހާލައިގެން ތަދްރީޖީ ގޮތެއްގައި އާންމު ހާލަތަށް ލުއިތައް ދީ، އެ ލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތަކަށް ވާތީއާއި، އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތް ކަމަށް ޑޮކްޓަރުން ލަފާކުރައްވާތީ އާއި މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާ ހަމަތަކަށް ރިއާޔަތްކުރުމަށްފަހު، އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ.

މިނިސްޓްރީން ވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެ ތެރޭގައި އިންސާނުންްގެ ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭކަން ފާހަގަކުރައްވައިިފައެވެ.

އެހެންކަމުން މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައި ވަނީ ޝަރުއީ ހަމަތަކާއި އުސޫލުތަކުގެ މަތިންކަމަށް މިނިސްޓްރީން ބުންޏެވެ.

ހުކުރު ނަމާދު ޖަމާއަތުގަައި ނުކުރަން ނިންމި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ފަރުޟު ފަސް ނަމާދުގެ ޖަމާއަތް ގާއިމުކުރުމުގެ ނިއުމަތް ފަހިވެފައިވާތީ، އެކަމަށް ޝުކުރުކޮށް، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށާއި، ފަރުޟު ނަމާދުތައް ގާއިމުކޮށް، ހެޔޮއަމަލު ގިނަކޮށް ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކުރުމަށް ދުއާކުރުން މަތީ ދެމިތިބުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތްހެދުން މެދުކަނޑާލީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދު ނުކުރި ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލާއި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފަ އެވެ.

ނަމަަވެސް ޖޫން 14 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، ޖަމާއަތް ނުހަދާގޮތަށް، މިސްކިތުގައި ނަމާދުކުރުމަށް ހުއްދަ ދީ، މިސްކިތްތައް ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.

އަދި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް ވަނީ ހުއްދަ ދީފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ނަމާދުގެ ޖަމާއަތް ހަދާއިރު ގައިދުރުކުރަން ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް