6ކިލޯ ޑްރަގް މައްސަލަ: ހައްޔަރުކުރި މީހުންގެ ފޮޓޯ އާންމުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފި

ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މިދިޔަ މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ފޮޓޯ، ފުލުހުން އާންމުކޮށްފި އެވެ.

ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަންގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރި ނަމަވެސް، އެމީހުންގެ ތެރެއިން އެކަކާ ގުޅުން ހުރި އެއްވެސްތާކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ނުވާތީ އެމީހާ ވަނީ ދޫކޮށްލައިފަ އެވެ. އަދި އެ މީހާގެ ނަމެއް ވެސް އާންމެއް ނުކުރެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް،43، އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްޒަލް ރަޝީދު ،33، އެވެ.

އެ ދެމީހުންގެ ބަންދަން ފުރަތަމަ ފަހަރު 15 ދުވަސް ދީފައިވާއިރު، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މި މަހު 15 އަށެވެ.

އެ ދެމީހުން ހައްޔަރުކޮށް، އެމީހުންނާ ގުޅުން ހުރި ހުޅުމާލެ ލޮޓް 10634 ބަލައި ފާސްކުރި އިރު 6.8 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

އެމީހުންގެ ފޮޓޯއާއި މައުލޫމާތު މިއަދު ފުލުހުން އާންމުކޮށްފައި ވާއިރު، މުހައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް