މަރާލި މީހާގެ ފުރާނަނެތް ހަށިގަނޑުމަތީ އިން ކާފަަ ދަރިފުޅުގެ ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން

ކަޝްމީރުގައި މަރާލި މީހާގެ ހަށިގަނޑު މަތީ ކާފަ ދަރިފުޅު

އިންޑިއާގެ ސިފައިން ކަޝްމީރުގައި މަރާލި މީހެއްގެ ފުރާނެ ހަށިގަނޑު ކައިރީގައި ރޯން އިން ތިން އަހަރުގެ ކުޑަކުއްޖާގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

އެ ހާދިސާގައި މަރާލައިފައިވަނީ އުމުރުން 65 އަހަރުގެ ނާޒިރު އަހުމަދު ކިޔާ މީހެކެވެ. އޭނާ މަރާލިއިރު އަތުގައި ހަތިޔާރެއްވެސް ނެތެވެ.

އިންޑިއާގެ ސިފައިން ދަނީ އޭނާ މަރާލިކަމަށް ދެކޮޅު ހަދަމުންނެވެ. އަދި ނާޒިރު މަރުވީ ސިފައިންނާ ހަނގުރާމަވެރިންނާ ހިނގި ބަޑީގެ ހަމަލާތަކެއްގައި އޭނާ ދުއްވަން އިން ވެހިކަލްއަށް ވަޒަން އެރުމުންކަމަށް ވަނީ ބުނެފަ އެވެ.

ނާޒިރުގެ ބޭބެ ބަޝީރު އަހުމަދު ޚާންގެ ދަރިފުޅު ސުހައިލް އަހުމަދު ބުނީ އެމީހުންނަށް ފުރަތަމަ މައުލޫމާތު ދިނީ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށެވެ.

"ނަމަވެސް އެ ހާދިސާ ހިނގި ތަނަށް ދިއުމުން ބުނީ ސިފައިންނާ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި މަރުވިއްޔޭ. އެފަދަ ކުރިމަތިލުމެއްގައި މަރުވިނަމަ އޭނަ މަރުވެފައި އޮންނާނީ ކާރު ތެރޭގައެއްނު. ނަމަވެސް މަގުމަތީގަ އޮތީ" ސުހައިލް ބުންޏެވެ.

އެ އާއިލާގެ އެހެން މީހަކު އަލް ޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އެ ކާރުގައި ކޫރުމެއްހާ ހިސާބެއްވެސް ނެތް ކަމަށެވެ. އަދި ކާރުން ނެރެގެން ގެންގޮސް މަރާލިކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

އެ ހާދިސާގައި މަރުވި މީހާހެ ގައިމަތީ ތުއްތު ކުއްޖާ ބޭންދީ ސިފައިންކަމަށްވެސް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި އެއީ "ޕަބްލިސިޓީ"އަށް ފޮޓޯ ނެގުމަށް ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.

ތުއްތު ކުއްޖާގެ ފޮޓޯތައް މުޅި ސޯޝަމް މީޑިއާގައި މިހާރު ވަނީ ވައިރަލްވެސްވެފަ އެވެ.

ޖައްމޫ ކަޝްމީރު ކޯލިޝަން އޮފް ސިވިލް ސޮސައިޓީން ބުނީ މިދޔަ ޖެނުއަރީ މަހުން ފެށިގެން އިންޑިއާ ސިފައިން ހިންގި 100 މިލިޓަރީ އޮޕަރޭޝަނެއްގަައި 229 މީހުން މަރާލައިފައިވާ ކަމަށެވެ.

ޕާކިސްތާނާއި އިންޑިއާއިންވެސް މިލްކުވެރިކަމަށް ދައުވާކުރާ ޖައްމޫ އެންޑް ކަޝްމީރު އަދި ލަދަކްގައި އިންޑިއާގެ ފަސް ލައްކައަށް ވުރެ ގިނަ ސިފައިން ގާއިމްވެތިބެއެވެ. -- އަލްޖަޒީރާ

comment ކޮމެންޓް