މިޔަންމާގެ އާއްމު އިންތިހާބު ނޮވެމްބަރު 8ގައި ބާއްވަނީ

އަންގް ސަން ސޫޗީގެ ޕާޓީން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ނޭޕީޑޯ (ޖުލައި 2): މިޔަންމާގެ އާއްމު އިންތިހާބު އަންނަ ނޮވެމްބަރު އަށެއްގައި ބާއްވާނެކަން އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

މިޔަންމާގެ އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ޕާލިމެންޓަށް މެމްބަރުން ހޮވުމަށް، ތަފާތު ޕާޓީތަކުން ބައިވެރިވާ އިންތިހާބެއް ނޮވެމްބަރު މަހު ބާއްވާނެ އެވެ. އަދި އެ ވޯޓުގައި 1،171 ގޮނޑިއަށް މެމްބަރުން ހޮވާނެ ކަމަށާއި އޭގެ ތެރޭގައި ގައުމީ، ސަރަހައްދީ އަދި ސްޓޭޓުތަކުގެ ގޮނޑިތައް ހިމެނޭނެ ކަމަށް މިޔަންމާ ޓައިމްސްގައިވެ އެވެ.

އެ އިންތިހާބުގައި ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ)އިން ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މިޔަންމާގެ ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ އަންގް ސަން ސޫޗީގެ އެންއެލްޑީން 2015 ވަނަ އަހަރު ވެރިކަމަށް އައީ އެގައުމުގެ އަސްކަރިއްޔާއާ ގުޅުން ހުރި ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑެވެލޮޕްމެންޓް ޕާޓީ (ޔޫއެސްޑީޕީ) ބޮޑު ތަފާތަކުން ބަލި ކުރުމަށް ފަހުގަ އެވެ. އަދި އެގައުމުގައި 50 އަހަރު ވަންދެން އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުގަ އެވެ.

ނަމަވެސް އަސްކަރިއްޔާގެ ވެރިކަމުގައި މިޔަންމާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން ސޫޗީއަށް ރައީސް ކަމަށް ވަޑައިގަތެވޭ ގޮތެއް ނުވި އެވެ. އެ އިސްލާހުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ އެވެ. އަދި ސޫޗީގެ ދެ ދަރިންނަކީވެސް އިނގިރޭސި ރައްޔިތުން ކަމުން އޭނާއަށް ރައީސް ކަމަށް އިސްވެވޭ ގޮތެއް ނުވި އެވެ.

އޭގެ ސަބަބުން ސޫޗީ ވަނީ އެގައުމުގެ ޑިފެކްޓޯ ލީޑަރުގެ ގޮތުގައި ސްޓޭޓް ކައުންސިލަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ސޫޗީގެ ވެރިކަމުގައި ވެސް މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އޭނާއަށް ވަނީ ބައިނަލްއަގުވާމީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.

އެގޮތުން އޮގަސްޓު 2017އިގައި މިޔަންމާގެ އަސްކަރިއްޔާއިން، ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އޭގެ ސަބަބަބުން އެތައް ހާސް ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

މީގެ އިތުރުން އެއީ ގަތުލްއާންމެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް އެ މައްސަލަ ހުށަހެޅުމުން ސޫޗީ ވަނީ އަމިއްލަފުޅަށް އެކޯޓަށް ވަޑައިގެން އަސްކަރިއްޔާ ދިފާއު ކުރައްވާފަ އެވެ.

މިޔަންމާއިން ބޭރުގައި ސޫޗީއަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އެގައުމުގައި އަދިވެސް އޭނާއަށް ތާއިދު ކުރާ މީހުންގެ އަދަދު ގިނަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް