ޗެލްސީއާއި ލެސްޓާ ފުރުސަތު ނަގާލި އިރު އާސެނަލަށް ބޮޑު މޮޅެއް

އާސެނަލްގެ ފޯވާޑް ޕެރިކް އޮބަމަޔެންގް ރޭ ނޯވިޗް ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ޗެލްސީއާއި ލެސްޓާ ސިޓީއިން މަގާމުގެ ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ނަގާލި އިރު އާސެނަލުން ބޮޑު މޮޅެއް ހޯދައިފި އެވެ.

އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުން ލެސްޓާ ސިޓީ ބަލިވީ 1-2 ގެ ނަތީޖާ އަކުންނެވެ. އެ ބައްޔާ އެކު ތާވަލުގެ ތިންވަނައިގައި ލީޑު ފުޅާކުރުމަށް އެކުލަބަށް ލިބުނު ފުރުސަތު ގެއްލުނު އިރު ތިންވަނައަށް އެރުމަށް ޗެލްސީއަށް ފަރިވަމުން ދިޔަ ފުރުސަތު ވެސްޓްހާމް އަތުން ބަލިވެ އެކުލަބަށް ވެސް ރޭ ވަނީ ގެއްލިފަ އެވެ. އަދި އާސެނަލުން ފުލުގައި އޮތް ނޯވިޗް ކޮޅަށް ހަތަރު ގޯލު ޖަހައި ރޭ ވަނީ ކުރިއަށް ޖެހިލައިފަ އެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ ތާވަލަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވާ އިރު ލީގުގެ ތަށި ކަށަވަރުކޮށްފައިވާ ލިވަޕޫލަށް ލިބިފައިވަނީ 86 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ 63 ޕޮއިންޓާ އެކު އޮތް އިރު ރޭގެ މެޗުން ބަލިވި ލެސްޓާ އަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. އެކުލަބުގެ ފަހަތުގައި ޗެލްސީން 54 ޕޮއިންޓާ އެކު އޮތް އިރު ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ފަސްވަނައިގައި އޮތީ 52 ޕޮއިންޓާ އެކު އެވެ.

ތަފާތު ބޮޑު މޮޅަކާ އެކު ރޭ ކުރި ހޯދި އާސެނަލް ތާވަލުގެ ހަތްވަނައަށް ޖެހިލި އިރު، އެކުލަބަަށް ލިބިފައިވަނީ 46 ޕޮއިންޓް އެވެ. ލީގުގައު އަށްވަރަކަށް މެޗު ބާކީ އޮތް އިރު ކުރިއަށް އޮތް މެޗުތަކަކީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ކުރުމަށް ވާދަވެރި ގިނަ މެޗުތަކެއް ފެންނާނެ އެވެ.

އެވަންޓަންއިން ލެސްޓާ އަތުން ރޭ ކުރި ހޯދި އިރު އެ ޓީމުން ޖެހި ދެ ގޯލަކީ ވެސް މެޗުގެ ކުރީކޮޅު ވައްދާލި ދެ ގޯލެވެ. އެ މެޗުގެ ފުރަތަމަ ގޯލު 10 ވަނަ މިނަޓުގައި ބްރެޒިލްގެ ފޯވާޑް ރިޗާލްސަން ޖެހި އިރު 16 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ގިލްފީ ސިގާޑްސަން އެވެ. ލެސްޓާއިން މެޗުގައި ޖެހި ހަމަ އެކަނި ގޯލު ޖެހީ އެ ޓީމުގެ ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ޗެލްސީ-ވެސްޓް ހަމް މެޗުގައި ވިލިއަންގެ ގޯލަކުން ޗެލްސީ ފުރަތަމައިން ލީޑު ނަގާފައި އޮއްވާ ވެސްޓް ހަމްއިން ވަނީ ލީޑު ނަގައިފަ އެވެ. ތޯމަސް ސޫސެކްއާއި މިޗައިލް އެންޓޯނިއޯގެ ގޯލުން ވެސްޓްހަމް ނެގި ލީޑް ވިލިއަން ދެވަން ހާފުގައި ޖެހި އިތުރު ގޯލަކާ އެކު ކެންސަލް ކުރި އިރު ދެވަނަ ފަހަރަށް ވެސްޓްހަމްއަށް ލީޑު ނަގައިދިނީ އެންޑްރީ ޔަރްމެލެންކޯ އެވެ.

މީގެ އިތުރުން އާސެނަލުން ރޭ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ ގޯލުތައް ޖެހީ، ޕެރިކް އޮބަމަޔެންގް، ގްރެނިޓް ޒަކާ އަދި ސެޑްރިކް ސޯރެސް އެވެ. އޮބަމަޔެންގް ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް