އެންއީއޯސީ އުވާލިޔަސް، ދެމުންއައި ހިދުމަތްތަކަށް ބުރުލެއް ނާރާނެ: އަމީން

އެންއޯއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ

ކޮވިޑް19އާ ގުޅިގެން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވާލިނަމަވެސް، މީގެ ކުރިން އެ ސެންޓަރުން ދެމުން އައި ހިދުމަތައް އެއްވެސް އުދަނގުލެއް ނެތި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިހާރު ވަނީ އެންއީއޯސީ އުވަލައި، އެތަނުން ކުރަމުން އައި މަސައްކަތްތައް ހެލްތް މިނިސްޓްރީގެ ދަށުން، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ބަދަލުކޮށްފަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެޗްއީއޯސީގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި މިހާރު ގެނެސްފައިވާ ބަދަލަކީ އިދާރީ ގޮތުން ހިންގުމަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އެގޮތުން ކުރިން އެހާ ފުޅާދާއިރާއެއްގައި ހިންގަމުން އައި އޮޕަރޭޝަނެއް ހިންގުމުގެ ސްކޭލް ކުޑަވެގެން ދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ބަދަލުވި ނަމަވެސް، ފަރުވާއާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަންކަން އެ ގޮތުގައި ބަރާބަށް ކުރިއަށް ދާނެ. އެގޮތުން ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާ އަދި ފަރުވާގެ ކަންކަން އެ ހުރި އިންތިޒާމްގެ ދަށުން ކުރިއަށް ދާނެ. ލޮޖިސްޓިކް އަދި އެހެން ކަންކަންވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ،" އަމީން ވިދާޅުވި އެވެ.

އެންއީއޯސީ އެކުލަވާލީ ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުގެ މައްޗަށެވެެ. އަމީން ވިދާޅުވީ، އެ އިދާރާތައް ކުރީގެ ގޮތަށް ހަރަކާތްތެރި ނުވި ނަމަވެސް، އެޗްއޯއީސީއަށް ބޭނުންވާ އެހީތެރިކަން އެ އިދާރާތަކުން ލިބޭނެ ކަމަށެވެ.

އަމީން ވިދާޅުވީ، އެންއޯއީސީ އުފުދުނީ ކޮވިޑް ބަލިއަކީ އާ ބައްޔަކަށްވުމުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް މި ވަރަހާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތައް ކުރުމަށް ތައްޔާރުވުމަށް ފެއްޓެވި ގައުމީ މަސައްކަތުގެ ތެރެއިން ކަމަށެވެ. ނަމަވެސް މިހާރު ސެންޓަރު އުފައްދަން ޖެހުނު މަގްސަދު ވަރަށް ބޮޑަށް ހާސިލުވެ، ކޮވިޑަށް ރާއްޖެ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ސެންޓަރުގެ މަސަައްކަތް ކާމިޔާބު ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެންއޯއީސީގެ މަސައްކަތަކަށްވީ، ކޮވިޑްގެ ހާލަތު ކޮންޓްރޯލްކޮށް، ސްޓޭބަލް ކުރުން. އެ އަމާޒަށް ވާސިލުވެ، އެ ނަތީޖާ ހާސިލުވުމުން ގައުމީ އެ ބޮޑު މަސައްކަތް، ނޭޝަނަލް އޮޕަރޭޝަނެއްގައި އޮތް އޮތުން މި ބަދަލުވީ ހެލްތް އިމަޖެންސީ އޮޕަރޭޝަނަކަށް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ކޮވިޑްގެ ހާލަތު އިތުރަށް ރަނގަޅުވަމުންދާނަމަ ދެން އޮޮންނާނެ މަރުހަލާއަކީ، އެޗްއޯއީސީވެސް އުވަލައި، އެ މަސައްކަތްވެސް މިނިސްޓްރީގެ ޕްރޮގްރާމަކަށް ބަދަލުވުން ކަމަށެވެ. އަދި ހާލަތު އާދަޔާ ހިލާފަށް ބަދަލުވެގެން ނޫނީ، އެޗްއޯއީސީގެ ހިންގުން އިތުރަށް ބޮޑުވެގެން ނުދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަމިން ވިދާޅުވީ، އެޗްއޯއީސީންވެސް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ފަހަތައް ނުޖެހޭނެ ކަމަށާއި އެޗްއޯއީސީންވެސް އާ ތަރުޖަމާނަކު އައްޔަން ކުރެވި، މައުލޫމާތުތައް ހާމަކުރައްމުންދާނެ ކަމަށެވެ.

އެންއޯއީސީ އުފައްދާފައިވަނީ ރައްޖެއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް ކޭސްއާ ގުޅިގެން މާޗް މަހު ހަތް ވަނަ ދުވަހު އެވެ.

comment ކޮމެންޓް