ކޮރޮނާ ޖެހިގެން އިންޑިއާގައި މަރުވި ބައެއްގެ ހަށިތައް ވަޅުގަނޑަކަށް އުކާލި މައްސަލަ ފެންމަތިވެއްޖެ

އިންޑިއާގެ ކަރްނާޓަކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަށިގަނޑުތައް ވަޅުގަނޑަށް އެއްލާލަނީ--

ކޮރޮނާ ޖެހިގެން އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި މަރުވި މީހުންގެ ހަށިގަނޑުތައް ވަޅުގަނޑަށް އެއްލާލާތަން ފެންނަ ވީޑިއޯތައް އާންމުވުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އެ ސްޓޭޓްގެ އޮފިޝަލުން މާފަށް އެދިވަޑައިގެންފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުގައި ޕްލާސްޓިކް ބޭގްގައި މަރުވި މީހުންގެ ހަށިގަނޑުތައް ވަޅުގަނޑުތަަކަށް އެގޮތް މިގޮތަށް އުކާތަން ފެނެ އެވެ.

ކަރްނާޓަކާގެ ބެެލެރީ ޑިސްޓްރިކްޓްގެ އޮފިޝަލް ނަކޫލާ ބީބީސީ ހިންދީއަށް ވިދާޅުވީ އެ ވީޑިއޯތަކަކީ ސައްހަ ވީޑިއޯތަކެއް ކަމަށެވެ. އެކަމާ ގުޅިގެން އެ އޮފިޝަލުން ވަނީ މަރުވި މީހުންގެ އާއިލާތަކުގެ ކިބައިން މާފަށް އެދިފަ އެވެ. އަދި އެގޮތަށް އެ ހަށިގަނޑުތައް އުފުލާ ހެދުމުގައި އިންސާނީ ކަރާމާތް ނުގެެއްލޭ ގޮތަށް އަމަލުކުރަން ޖެހޭކަން ވެސް އޮފިޝަލް ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ މަސައްކަތުގައި އުޅުނު މީހުން މިހާރު ބަދަލުވެސްކޮށްފައިވާ ކަމަށެވެެ.

ކަރްނާޓަކާގައި ކޮވިޑް ޖެހިގެން 246 މީހުން ވަނީ މަރުވެފަ އެވެ. އެ ސްޓޭޓުން އެޅި ފިޔަވަޅުތަކާ އެކު ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

އިންޑިއާގައި ކޮވިޑް ޖެހިފައިވާ މީހުންނާ މެދު ގިނަ ބަޔަކު ވަރަށް ދަށުދަރަޖައިގެ ގޮތުގައި ދެކެއެވެ. އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ވެސް ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އަތްލަން ބޭނުން ނުވާ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.

އިންޑިއާގެ ހަ ލައްކައެއްހާ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު މުޅި ދުނިޔެއިން ވެސް ހަތަރު ވަނައަށް އެ ބަލި އެންމެ ގިނައިން ފެނިފައި ވަނީ އިންޑިއާގަ އެވެ.--ބީބީސީ--

comment ކޮމެންޓް