ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 21 މީހުން، ބަލިން ރަނގަޅުވީ 10 މީހުން

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިއްޔެ 18:00 ން މިރޭގެ 18:00 އާއި ހަމަޔަށް އިތުރު 21 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 2،382 އަށް އަރައިފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިން، 17 ބަންގްލަދޭޝް މީހުން އަދި ސްރީ ލަންކާ އެކަކެވެ.

މިއަދު އިތުރު 10 މީހަކު ބަލިން ރަނގަޅުވެފައިކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 1،954 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި މިހާރު ފަރުވާދެވެމުންް އަންނަނީ 414 މީހަކަށެވެ.

ކަރަންޓިނު ފެސިލިޓިތަކުގައި މިވަގުތު 134 މީހަކު ތިބި އިރު 284 މީހަކު މިވަގުތު އައިސޮލޭޝަންގައި އެބަ ތިއްބެވެ.

ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 51،576 ސާމްޕަލް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެއެވެ.

ނުވަ މީހަކު ވަނީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ ހަތަރު ދިވެހިން، ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންގެ އިތުރުން ފިލިޕީންސްގެ ރައްޔިތަކުވެސް ހިމެނެއެވެ.

ފާއިތުވެދިޔަ ހަފްތާއަށް ބަލާލާއިރު އެންމެ މަދުން ކޭސް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު ފެނިފައިވަނީ ޕޮޒިޓިވް ހަ ކޭސް އެވެ.

  • ޖުލައި 1، 2020: 21 ޕޮޒިޓިވް ކޭސް
  • ޖޫން 30، 2020: 24 ޕޮޒިޓިވް ކޭސް
  • ޖޫން 29، 2020: 13 ޕޮޒިޓިވް ކޭސް
  • ޖޫން 28، 2020: 19 ޕޮޒިޓިވް ކޭސް
  • ޖޫން 27، 2020: 22 ޕޮޒިޓިވް ކޭސް
  • ޖޫން 26، 2020: 06 ޕޮޒިޓިވް ކޭސް
  • ޖޫން 25، 2020: 17 ޕޮޒިޓިވް ކޭސް
  • ޖޫން 24، 2020: 22 ޕޮޒިޓިވް ކޭސް

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ މިއަދުން ފެށިގެން ލޮކްޑައުންއަށް ދެވިފައިވާ ބޮޑެތި ލުއިތަކެއްވެސް އިއުލާންކޮށްފަ އެވެ.

މީގެ ތެރޭގައި އާންމުންނަށް ފަތިހު 5:00 ން ރޭގަނޑު 23:00 ބޭރުގައި އުޅުމުގެ ހުއްދަދީ، ރެސްޓޯރެންޓް، ކެފޭ އަދި ފިހާރަ ހުޅުވުމަށް ވަނީ ހުއްދަ ދެވިފަ އެވެ. މިއަދު މާލޭގެ ސްކޫލްތައް އަލުން ހުޅުވި ކިޔެވުންވެސް ވަނީ ފެށިފަ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް