ސަފާރީ ކޭސް: "ތުހުމަތުވާ މީހުން މަސްތުވެގެން ތިބި ކަމަށް ނުބެލެވޭ، ޔޫރިން ސާމްޕަލް ނުނަގަން"

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ތުހުމަތުވާ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ނުބެލެވޭތީ އެމީހުންގެ ޔޫރިން ސާމްޕަލް ނުނަގާ ކަމަށާއި އެފަދަ އެއްވެސް ޓެސްޓެއްވެސް ނުހަދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވެ އެވެ. އެ އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި އެމީހުން ރާ ބުއި ކަމަށް ބުނެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިއަދު ފުލުހުންނާ ސުވާލު ކުރެވުނީ އެމީހުން މަސްތުގެ ހާލަތުގައި ތިބިތޯ ބެލުމަށް އެއްވެސް ޓެސްޓެއް ހެދިތޯ އެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އެވަގުތު ޑިއުޓީގައި ތިބި ފުލުހުންނަށް އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ނުބެލެވޭ ކަމަށެވެ.

"އެވަގުތު ޑިއުޓީތަކުގައި ތިބި ފުލުހުންނަކަށް އެމީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ރެކޯޑް ކުރެވުފައެއް ނެތް. އެހެންވެގެން އެކަމާ ގުޅިގެން އެ ނަޒަރުން ކަމެއް ކޮށްފައެއް ނޯންނާނެ،" ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމައްސަލާގައި ފުލުހުންނާމެދު ތުހުމަތުތަކެއް ކުރެވޭތީ އެކަމާ ގުޅިގެން ސުވާލު ކުރުމުން މަންނާން ވިދާޅުވީ ފުލުހަކާ މެދު ތުހުމަތެއް ކުރެވިއްޖެ ނަމަ އޭނާގެ އިނޮސެންޓްކަން ސާބިތުކޮށްދެން ދެން އޭނާއަކީ ގޯސް މީހެއްގެ ގޮތުގައި މީހުން ދެކެމުންދާ ކަމަށެވެ. އެއީ މިހާރު ކަންކަން ގޯސްވާ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނަށް ތުހުމަތެއް ކޮށްފިއްޔާ އޭނާ އަމިއްލައަށް އޭނާ ކަން ކުރީ ގޯސްކޮށް ނޫންކަން ސާބިތު ނުކޮށްދޭހާ ހިނދަކު އޭނާއަކީ ދެން ހަމަ ކުއްވެރިއެއް ކަމަށް ގަބޫލުކުރެވިފައި އޮންނާނީ. އަޅުގަނޑު ގަބޫލުރަން މިހާދިސާގައި މިކަންކަން ފަސޭހައިން ގަބޫލުކުރަން މެދުވެރިވި ސަބަބަކީ އެއީ ކަމަށް،" މަންނާން ވިދާޅުވި އެވެ.

ސަފާރީއެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާގޮތުގައި މައްސަލަތަކެއް އުޅޭތީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ދަނީ ބަލަމުންނެވެ.

comment ކޮމެންޓް