އަންހެން މީހާ މޫދަށް ފުންމާލީ ކީއްވެކަން ފުލުހުންނަށް ބުނެ ނުދެވުނު

ޖެނުއަރީ 18، 2020: ޖިންސީ އަނިޔާ ދިން ކުޑަ ކުއްޖެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަތިހު، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ލިބުނު އަންހެން މީހާ، އެ ސަފާރީން މޫދަށް ފުންމާލަން ޖެހުނު ސަބަބެއް އޮންނާނެ ކަމަށާއި، ނަމަވެސް އެ ސަބަބު އަދި ބުނެދޭން ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 26 ވަނަ ދުވަހުގެ ފަތިހު 5:00 ހާއިރު، ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.

އެގޮތުން މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ބަޔާން ދީފައިވާ ކަމަށް ފުުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ މައްސަލަ ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އަންހެން މީހާ ރޭޕް ކޮށްފައި ނުވާކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަންހެން މީހާ ރޭގަނޑުގެ ވަގުތެއްގައި މޫދަށް ފުންމާލައިގެން ފަތާފައި އެއްގަމަށް އަރަން މަސައްކަތް ކުރާނީ ބޮޑު ކަމެއް ވެގެން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މައުލޫމާތު ދެމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް، އަބްދުލްމަންނާނު ޔޫސުފް ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލަން ޖެހުނު ސަބަބަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އޭނާ މޫދަށް ފުންމާލި ސަބަބާ ގުޅޭގޮތުން ސުވާލު އުފެދޭ ކަަމަށާއި އެހެން ނަަމަވެސް މިވަގުތު އެ ސުވާލަށް ޖަވާބެއް ދެވެން ނެތް ކަމަށް މަންނާނު ވިދާޅުވިއެވެ.

"އަދި މިވަގުތު އަޅުގަނޑުމެންނަށް ސުވާލެއް އެރުވެން ނެތް ޖަވާބެއް އެހެންނަމަވެސް އަޅުގަނޑުމެންގެ ވެސް ކަންބޮޑުވުން އޮތް ކަމެއް. އަންހެނަކު ރޭގަނޑު، އަނދިރީގަ މޫދަށް ފުންމާލާނެ ބާއޭ ހަމަ ކަމަކާ ނުލާ. ކޮންމެސް ކަމެއް އޭގަ ވާނޭ. އެކަމު އެއީ އަޅުގަނޑުމެން ތަހުގީގުކޮށް ހޯދަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ. އިރާދަކުރެއްވިޔާ އެ ދިމާލަށް މަސައްކަތް ކުރަމުން ގެންދަން. އުންމީދަކީ ކާމިޔާބި ލިބުން،" މަންނާނު ވިދާޅުވިއެވެ.

އަންހެން މީހާގެ ހެދުން ވީދިފައި ހުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވީނަމަވެސް، ފުލުހުން ވަނީ މިއަދު އެވާހަކަތައް ދޮގުކޮށްފައެވެ.

ރޭޕް ނުކުރާ ކަމަށް ނުނިންމަން!

ފުލުހުން މިއަދު ބުނީ އެ މައްސަލަ ހުށަހެޅިފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި އަދި ތަހުގީގު ކުރެވެމުން އަންނަނީ ވެސް އެގޮތަށް ކަމަށެވެ.

"މިހާތަނަށް ރޭޕެއް ގޮތުގައި އެ މައްސަލަ ބަލައިގަނެގެން ރޭޕް މައްސަލައެއް ގޮތުގައެއް ނޫން ކުރިއަށް ދިޔައީ. އެހެން ނަމަވެސް ރޭޕެއް ނުހިނގާ ކަމަކަށް ރޫލް އައުޓް ކުރަނީކީ ވެސް ނޫން،" މަންނާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދެވޭ ގޮތަކުން ލިބޭ ހެކިތަކުގެ މައްޗަށް ބުރަވެ، އެއީ ރޭޕެއް ނުވަތަ އެޓެމްޕްޓެޑް ރޭޕެއް ކަމަށް ވާނަމަ އެގޮތަށް ވެސް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށެވެ.

ތަހުގީގުގައި އެންމެ މުހިންމީ ވިކްޓިމް ފުލުހުންނާ ހިއްސާކުރި މައުލޫމާތު ކަމަށާއި، އެ މައުލޫމާތަށް ބަލައި، އަދި މިހާތަނަށް ލިބިފައި ހުރި އެހެން މައުލޫމާތަށް ބަލާއިރު މީޑިއާއިން ސިފަކުރާ މައްސަލައަށް ވުރެ ފުލުހުންގެ އަތުގައި ފެންނަން އޮތް މައްސަލަ ތަފާތުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް