އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

24 ޖުލައި 2017: ފުލުހުން ތަކެއް މަގުމަތީ ހަރަކާތްތެރެިވަނީ ---ސަމް ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދާ ކަމަށެވެ.

އެ އޮޕަރޭޝަންގެ އިތުރު މައުލޫމާތު ހިއްސާ ކުރާނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ އިތުރު ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގެ ތުހުމަތު ކުރެވޭ މި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިބިކަމަށް ފާހަގަކުރައްވައި، އެބޭފުޅުންގެ މައްސަލަތައް ވެސް ބެލުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަންނަނީ ގޮވާލަމުންނެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް އިއްވި ހުރިހާ ހުކުމަކުން އޭނާ މިހާރު ވަނީ ސަލާމަތްވެފައެވެ. އަދި އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވަނީ އުފުލާފައެވެ.

ދެން އެ މައްސަލާގައި ހުކުމް ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށެވެ. ޒިޔަތުގެ ހުކުމް އަދި ތަންފީޒުކޮށް ނުނިމެއެވެ. ނަމަވެސް ހާމިދުގެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ވެސް ވަނީ ހުކުމެއް އިއްވާފައެވެ. އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައެވެ.

comment ކޮމެންޓް