ސަފާރީ ކޭސް: ޑޮކްޓަރަށް ދައްކަން އަންހެން މީހާ ދެކޮޅު ހެދި

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި --- ފޮޓޯ:

ހުޅުމާލޭ ބޭރުގައި އޮތް ސަފާރީގައި ޖިންސީ ގޯނާ ލިބުނު ބިދޭސީ އަންހެން މީހާ، ރޭޕް ނުކުރާ ކަމަށް ބުނެ ޑޮކްޓަރަށް ދައްކަން އިންކާރު ކުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖު، މުހައްމަދު ރަޝީދު ވިދާޅުވީ، މައްސަލަ ހުށަހެޅި ވަގުތު އަންހެން މީހާ ފުރަތަމަ ބުނީ ތުހުމަތުވާ ދެމީހުން އޭނާގެ ފޯނު އަތުލައި، ފޯނު ނުދީގެން އުޅޭ ވާހަކަ ކަމަށެވެ.

ނަމަވެސް އެ ވާހަކައިގެ ތެރެއިން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނި ކަމަށާއި، އެހިސާބުން ތުހުމަތުވާ ދެމީހުން ހައްޔަރުކޮށް، ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފެށިގެން ދިޔަ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އެ ތިން މީހުން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ވެސް ވަކިން ކަމަށާއި، އަންހެން މީހާ ޑޮކްޓަރަށް ދައްކަން ބެލިއިރު އޭނާގެ އަތުގައި އެވަގުތު އެއްވެސް ޑޮކިއުމަންޓެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާލެ އައިސް އޭނާ ދިރިއުޅޭ ތަނުން، ޑޮކިއުމަންޓްވެސް ހިފައިގެން ގޮސް، ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ވެސް ގެންދެވުނީ. ގެންދިއުމަށް ފަހު، އެވަގުތު ވިކްޓިމް ޑޮކްޓަރަށް ދެއްކުމުގައި އުޒުރުތަކެއް ވެސް ދެއްކި. އޭގެ ފަހުން އަނެއްކާ ވިކްޓިމް ޑޮކްޓަރަށް ދެއްކީ. ރިޕޯޓު ވެސް މިހާރު ލިބިފައި ވަނީ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އޭނާ ސްޓޭޝަނަށް ގެންދިޔަ އިރު ތެމިފައި ހުރުމުން، ހެދުން ބަދަލުކުރުވައި، ޑޮކްޓަރަށް ދައްކަން އުޅުމުން ތަކުރާރުކޮށް، "ތިމަންނާ އަށް ޑޮކްޓަރަށް ދައްކަންޖެހޭ ފަދަ ހާލަތެއް ކުރިމައްޗެއް ނުވެޔޭ، ކީއްވެހޭ ތިމަންނަ ޑޮކްްޓަރަށް ދައްކަންވީ" އަހަމުން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް އެއީ ތަހުގީގަށް ފުރިހަމަކުރަން ޖެހޭ ކަމެއްކަން ވިސްނައިދީ، އޭނާގެ ތިމާގެ މީހަކާ އެކު ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ޑޮކްޓަރަށް ދެއްކުމުގައި ވަގުތަކެއް ހޭދަވި ނަމަވެސް، އެވިޑެންސް ނެތިދާނެހާ ވަގުތު ހޭދަނުވާނެ ކަމުގެ ޔަގީންކަން ވެސް ރަޝީދު ދެއްވިއެވެ.

ކޭސް ތަހުގީގުު ކުރުމަށް ހަވާލުވެ ހުރި ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވިދާޅުވީ، މައްސަލަ ހުށަހެޅި ބަލަމުން ދިޔައީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އޭނާ ގެއަށް ދޫކޮށްލި ފަހުން، ފުލުހުންނަށް އޭނާ ދިން ބަޔާނާ ތަފާތު ގޮތަކަށް މީޑިއާގައި ވާހަކަ ފެތުރެން ފެށި ކަމަށެވެ.

"މީޑިއާގައި ރޭޕްއެއް ގޮތަށް ސިފަކޮށްފައި އިނދެގެން، އަޅުގަނޑުމެން ވިކްޓިމްގެ ނަޒަރުން ވިސްނީ، ފަހަރެއްގައި އެ ހާލަތުގައި އެ ގަޑީގަ، އޭނައަށް އުނދަގޫވެދާނޭ އެ ވާހަކަ ދައްކަން. އަނެއްކާ އިނިޝަލް ސްޓޭޖެއްގައި ވީމަ އުނދަގޫވެދާނޭ ފުރަތަމަ ސްޓޭޖުގައި ވީމާ އެ ވާހަކަ ދައްކަން. އެހެންވީމަ އަޅުގަނޑުމެން އަނެއްކާ އޭނާ ގެނައީ،" އަޒްމާ ވިދާޅުވިއެވެ.

އަޒްމާ ވިދާޅުވީ ދެވަނަ ފަހަރަށް އޭނާ ޕޮލިސް ސްޓޭޝަނަށް އައީ އާއިލާ މީހަކާ އެކުގައި ކަމަށާއި، އަދި މީޑިއާގައި ކަން ހިނގި ގޮތް ކަމަށް ބުނެ ލިޔެފައިވާ ވާހަކަތަކުގެ ސަބަބުން އޭނާ ހައިރާންވި ކަމަށެވެ.

"އޭނާވެސް ވަރަށް ކަންބޮޑުވި. މީޑިއާއަށް ދިޔަ ގޮތެއް ވެސް އޭނައަކަށް ނޭނގުނު. ކަނޑައެޅިގެން އެބަ ބުނޭ ރޭޕެއް ނޫނޭ، ތިމަންނަގެ އަތްލަން ނުވާ ގުނަވަންތަކެއްގައި އަތްލީއޭ. އެ ހިސާބުގައި އޮތީ،" އޭނާ ވިދާޅުވިއެވެ.

އަޒްމާ ވިދާޅުވީ ވިކްޓިމްއާ ސުވާލު ކުރީ ހުދު އޭނާ ކަމަށާއި، ބިދޭސީ މީހާ ރޭޕް ކުރި ކަމަށް ބުނެ މީޑިއާގައި ދައްކާ ވާހަކަތަކަކީ ކަން ހިނގި ގޮތް ނޫން ކަމަށެވެ.

ފުލުހުން މިއަދު ބުނީ އޮންލައިން ނޫހެއްގައި އަންހެން މީހާގެ ފޮޓޯ ޖަހައި، އޭނާއާ ހަވާލާދީ ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމާ ގުޅިގެން، އެ ނޫހާ ދެކޮޅަށް ދައުވާކުރަން ބޭނުން ކަމަށް އޭނާ ބުނެފައިިވާ ކަމަށެވެ. އަދި އެ ރިޕޯޓު ނަގައިދިނުމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން މިހާރު އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމަށާއި، ވިކްޓިމް އަށް އޭނާގެ ހައްގު ހޯދައިދޭނެ ކަމަށް ފުލުހުން ބުންޏެވެ.

"މީޑިއާއެއްގައި ވިކްޓިމްއެއްގެ މައުލޫމާތު ހާމަކޮށްގެން ތަފާތު ގޮތަކަށް އެކަންކަން ގެނެސްދިނީމަ އެ ވިކްޓިމް އަށް މިއަދުވެސް އޭގެ އަސަރުކޮށްގެން އެކަމުގެ އުނދަގުލެއްގަ އެއުޅެނީ. މުޅި ޕަބްލިކް ތެރޭގައި އޭނައާ މެދު ތަފާތު ގޮތަކަށް ވިސްނި. އޭގެ ސަބަބުން މަގުމަތީގައި ހިނގަން އުނދަގޫވާ ހިސާބަށް ގޮސްގެން އޭނަ އުޅެނީ،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެކި އިދާރާތަކަށް އެ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް އަންހެން މީހާ ހާޒިރުކުރަމުން އަންނާތީ އޭނާ އިތުރަށް ވިކްޓިމައިޒްވެ އުނދަގޫތަކެއް ކުރިމަތިވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް މިހާރު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، އެޗްއާރްސީއެމް އަދި ފުލުހުންގެ ޕްރެފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް އަންނަނީ ބަލަމުންނެވެ.

މައްސަލައާ ގުޅިގެން އިއްޔެ އެންއައިސީއަށް ވިކްޓިކް ހާޒިރުކޮށްފައިވާއިރު، މާދަމާ އެޗްއާރްސީއެމް އަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ. އަދި މަޖިލީހުގެ ޖެންޑާ ކޮމެޓީންް ވެސް ވަނީ އޭނާއާ ވާހަކަދައްކަން ބޭނުން ކަމަށް ބުނެފައެވެ.

"ހިއެއް ނުވެ މިއަށްވުރެ ބޮޑަށް މީހަކު ރީވިކްޓިމައިޒް ވާނެ ގޮތެއް ދެނެއް. އަޅުގަނޑުމެން ކަންބޮޑުވޭ ހަގީގަތުގައި ވެސް މިހާގިނަ މުއައްސަސާތަކަށް ވިކްޓިމް ހާޒިރުކޮށް، ތަކުރާރުކޮށް އެއް ވާހަކަތަކެއް ކިޔާދޭން ޖެހޭތީ،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް