ރޭޕްއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށަނީ

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ: --- -- ފޮޓޯ/ އެންއީއޯސީ

ރޭޕްއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށަން ނިންމާފައިވާކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ވިދާޅުވީ ރޭޕް ފަދަ މައްސަލަތައް ހިނގައިދިއުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން މިމަހުގެ 15 ހިސާބުގައި ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކެމްޕޭން ތިން މަސް ދުވަހަށް ކުރިއަށް ގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑަށް އިސްކަންދިނީ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމަށް މަސައްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޕްރިވެންޝަންއަށް [އެކަން ހިނގުން ހުއްޓުވުމަށް] އަޅުގަނޑުމެން މަސައްކަތް ކުރާއިރު ވަރަށް ގިނަ ފަރާތްތަކެއް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ. އޭގެ ތެރޭގައި މުދައްރިސުން، މަންމައިން ބައްޕައިން މުޖުތަމައުގައި ދިރިއުޅޭ ފަރާތްތައް. ކައުންސިލްތައް. ސަރުކާރުގެ އެހެން މުވައްސަސާތައް. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތްތައް. ދެން ހާއްސަކޮށް އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ދެ އަހަރު ދުވަހުގެ މަލްޓިމީޑިއާ ކެމްޕޭނެއް ކުރިއަށް ގެންދަން ފަންޑު ރެއިސްކުރަން ފޮރިން މިނިސްޓްރީގައި މިހާރު އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަވެސްް، އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުގައި. އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާއިރު އަޅުގަނޑުމެން ބޭނުންވަނީ ހޭލުންތެރި މުޖުތަމައުއެއް ބިނާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިނާ ގުޅޭ ބައެއް ވީޑިއޯތައް މީސް މީޑިއާގައި ޝެއާކުރާތީ އެފަދަ ކަންކަން ނުކުރުމަށް ޖެންޑާ މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް