ސީރިޔާގެ މައްސަލައާބެހޭގޮތުން ރަޝިއާ، އީރާން، ތުރުކީގެ ރައީސުން ވީޑިއޯ ކޮންފަރެންސް ސަމިޓެއް ބާއްވައިފި

އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން އަދި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން --- ފައިލް ފޮޓޯ

މޮސްކޯ (ޖުލައި 01) : ސީރިޔާގެ މައްސަލައާބެހޭގޮތުން މަޝްވަރާ ކުރުމަށް ރަޝިއާ ތުރުކީ އަދި އީރާނުގެ ރައީސުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސަމިޓެއް ބާއްވައިފިއެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ބިސްކޯވް ވިދާޅުވި ގޮތުގައި މިއީ ރައީސް ވްލަޑިމީރު ޕޫޓިންގެ އެދިވަޑައިގަތުމަކަށް ބޭއްވި ސަމިޓެކެވެ. މިސަމިޓްގައި ޕޫޓިންއާއެކު އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން މަޝްވަރާ ކުރެއްވީ ސީރިޔާގައި ހަމަލާތައް ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓޭނެ ގޮތްތަކާ ބެހޭގޮތުންނާއި ތުރުކީއާއި އެނޫންވެސް ގައުމުތަކުގައި ތިބި ސީރިޔާގެ ރެފިއުޖީން ރައްކާތެރިކަމާއެކު އެނބުރި ގައުމަށް އައުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމާބެހޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސީރިޔާގެ އުތުރުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އދ. އާއި އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ވިލަރެސް ކުރުމާބެޙޭގޮތުންވެސް ތިން ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ބިސްކޯވް ވިދާޅުވިއެވެ.

ސަމިޓްގައި ވާހަކަ ދައްކަވަމުން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އިތުރު ހަނގުރާމައެއް ނުހިނގާނެ ގޮތެއްގެ މަތިން ސީރިޔާގެ އިދްލިބްގެ މައްސަލަ ހައްލުކުރުމަށް ބާރު އަޅުއްވާފައި ކަމަށް އީރާނުގެ ރަސްމީ މީޑީއާ ބުނެއެވެ.

އިދްލިބްގެ މައްސަލައަކީ ސީރިޔާގެ އެކިކަންކޮޅުތަކުގައި ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ޖަމާއަތްތައް އެސަރަހައްދުތަކުގައި އަސްކަރީ ގޮތުން ބަލިވުމުން އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އަނބިދަރިން އިދްލިބް އަށް ޖަމާވުމުން އުފެދިފައިވާ މައްސަލައެކެވެ. އިދްލިބް މިނިވަން ކުރުމަށް ސީރިޔާ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ހުރަސްއެޅިފައިވަނީ މިކަމުގެ ސަބަބުންނެވެ.

މި ހަނގުރާމަވެރިންގެ ތެރޭގައި ސީރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި ސީރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންވެސް ހިމެނެއެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރަނީ ދީނުގެ ނަމުގައި ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތާއި އެޖަމާއަތުގެ މައި ދުޝްމަން ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތަށެވެ. މިދެޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ޖިހާދުގެ ނަމުގައި އެކި ގައުމުތަކުން ތުުރުކީގެ މަގުން ސީރިޔާއަށް ގޮސްތިބި ތަކްފީރީ ވިސްނުމުގެ މީހުންނެވެ.

މިދެ ޖަމާއަތުގެ އިތުރުންވެސް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރޭ ތަކްފީރީ ކުދި އެތަށް ޖަމާއަތެއް އިދްލިބްގައި ފައިހަރުކޮށްލައިގެން އެބަތިއްބެވެ. އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމަ ސީރިޔާ ސިފައިން ކުރިޔަށް ގެންދާނަމަ އެޕްރޮވިންސްގައި ފައިހަރުކޮށްލައިގެންތިބި މި ބާވަތުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީއަށް ވަދެގަތުމުގެ ބިރުއޮތުމުން ތުރުކީ ސިފައިން ގެންދަނީ ސީރިޔާ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވަމުންނެވެ.

އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމަ ސީރިޔާއިން ފަށައިފިނަމަ އިދްލިބްއާއި އިދްލިބް އާއި އަވަށްޓެރި ސީރިޔާގެ އުތުރުގެ އެހެން ސަރަހައްދުތަކުގެ އާންމުންގެ އެތަށް މިލިޔަން ބަޔަކުވެސް ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ވަންނާނެ ކަމުގެ ބިރު ތުރުކީން އިޙްސާސް ކުރެއެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކުރި އިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވި ގައުމުތަކުގެ ތެރޭގައި ތުރުކީގެ އިތުރުން އެމެރިކާ، ސައޫދީ، ގަތަރު އަދި ޔޫއޭއީ އާއި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނެއެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ކުރިން ތުރުކީ އެހީތެރިވިނަމަވެސް ސީރިޔާގައި ތުރުކީ ގެންގުޅޭ ސްޓްރެޓެޖީ އަށް ފާއިތުވި 3 އަހަރު ތެރޭގައިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރު ތުރުުކީގެ މައިގަނޑު މަގްސަދަކީ ސީރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހަރަކާތްތެރިވުމާއި ތުރުކީގައި ތިބި ސީރިޔާގެ ރެފިއުޖީން އަނބުރައި ސީރިޔާއަށް ފޮނުވާލެވޭފަދަ މާހައުލެއް ސީރިޔާގެ އުތުުރުގައި ގާއިމް ކުރުމެވެ.

އީރާނާއި ރަޝިއާއަކީ ބައްޝާރުގެ ސަރުކާރަށް ވާގިވެރިވާ ދެގައުމެވެ. ސީރިޔާގެ މައްސަލާގައި މިތިންގައުމުގެ ސިޔާސަތު ތަފާތު ނަމަވެސް މިތިންގައުމު ގެންދަނީ ސީރިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް