މުއައްސަސާތަކުން ޖިނާއީ މައްސަލަތައް ބަލަން އަމުރުކުރާނަން: ޕީޖީ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ނުބަލާކަމުގެ ޝަކުވާ ލިބިއްޖެނަމަ އެކަންކަން ބެލުމަށް އަމުރު ކުރައްވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެކިއެކި ފަރާތްތަކުން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ މައްސަލަތައް ނުބަލާކަމުގެ ޝަކުވާގެ އަޑުތައް ގަދަ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ކަންބޮޑުވާ ކަމެއް މިއީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ވާހަކައާއި މައްސަލަތަކުގެ ޝަރީއަތް ނުހިނގާ މައްސަލަ،" އޭނާ ވިދާޅިވިއެެވެ.

އެކަމާ ގުޅިގެން މިއަހަރުގެ ކުރީކޮޅުގައި ވަނީ އެ މައްސަލަތައް އަވަހަށް ބެލުމަށް ގޮތްތަކެއް ނިންމުމަށް މަޝްވަރާ ކުރި ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ ދައުލަތުގެ މުއައްސަސާއަކަށް ހުށަހަޅާ ޖިނާއީ މައްސަލައެއް ނުބަލައިފި ނަމަ، އެ މައްސަލަ ބަލަން އަމުރުކުރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަމަށެވެ.

"އަޅުގަނޑު އެ ބާރުގެ ބޭނުންކުރާނަން، [މައްސަލައެއް] ސަމާލުކަމަށް އައިސްފިއްޔާ،" ޝަމީމް ވިދަޅުވިއެވެ.

"މައްސަލައެއް ހުށަހަޅައިގެން ނުބެލިގެން އެކަމުގެ ޝަކުވާއެއް އޮތިއްޔާ ޕީޖީ އޮފީހުން އެ މައްސަލަ ބެލޭނެ ނިޒާމުތައް މިހާރުވެސް އޮތީ ހަމަޖެހިފައި. އެއީ ގާނޫނުން ހުއްދަ ނިޒާމެއް. ގާނޫނު ދަންނަ ނިޒާމެއް،"

ޝަމީމް ވިދާޅުވީ މުއައްސަސާއަކަށް މީހަކު ހުށަހަޅާ މައްސަލައެއް އެ އިދާރާއަކުން ހައްލު ކުރަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މައްސަލައެއް ނުބަލައިގެން އެކަމުގެ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ޕީޖީ އޮފީހަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

comment ކޮމެންޓް