މިފަހުން ހިނގި ޖިންސީ ކުށުގެ މައްސަލަތަކުގެ ލިޔުންތައް ޕީޖީއާ ހަވާލުކުރަން އަންގައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ ހުސައިން ޝަމީމް -- ފޮޓޯ/ ރައީސް އޮފީސް

މި ފަހުން ރާއްޖޭގައި ހިނގައިދިޔަ ޖިންސީ ގޯނާއާއި ޖިންސީ ކުށްތަކުގެ މައްސަލަތަކާ ގުޅޭ ލިޔުންތައް ޕްރޮސެކިއުޓަރ ޖެނެރަލްއާ ހަވާލުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް، ފުލުހުންނަށް އަންގައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިހާރު ހިނގައިގެން އުޅޭ، ތުހުމަތުތަކެއްވެސް އުފެދިފައިވާ ޖިންސީ ކުށުގެ މައްސަލަތައް ދިރާސާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު މިހާރު އަމުރެއް މި ފޮނުވީ އެ މައްސަލައިގެ ލިޔުންތައް އަޅުގަނޑާ ހަމައަށް ގެނެސްދިނުމަށް. އެ ތަހުގީގު ހިނގައިދިޔަ ގޮތް އަޅުގަނޑު ބަލާނަން،" ޝަމީމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ ލިޔެކިޔުންތައް ދިރާސާކޮށްފައި، ކަންކަން ހިނގައިދިޔަ ގޮތުގައި ގޯހެއް ނުފަތަ ނުފޫޒެއް އުޅޭކަން ފާހަގަވެއްޖެނަމަ އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.

"މިއަދު މި އަންގަނީ ލިޔުންތައް ފޮނުވައި، ދިރާސާކުރަން ފަށަން. ދެ ހަފްތާ ތެރޭގައި މި ބަލަނީ މިކަން ހިނގައިދިޔަ ގޮތް އެނގި، ފިޔަވަޅުތަކެއް އެޅޭނެކަމަށް،" ޝަމީމް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލި މައްސަލަ މިހާރު ހޫނުވެ އެ މައްސަލައާ ގުޅޭގޮތުން އާންމުން ދަނީ އެތައް ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

އޭގެއިތުރުން ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެެއް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް ނެތިގެން ވަނީ ދާދި ފަހުން ދޫކޮށްލާފައެވެ.

ރޭޕް ފަދަ މައްސަލަތަކުގައި ދައުވާ ކުރެވޭ މީހުން ދޫވާ މައްސަލައާ ގުޅިގެން ދާދި ފަހުން ވަނީ ޒުވާނުން އިސްވެ އެކަމާ ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ.

comment ކޮމެންޓް