ޝައުނާގެ ކޯލުތަކާއި މެސެޖުތައް ބެލުމުގެ އަމުރެއް ނެރެނުދިނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި

އަބަދަށްފެހިމަހުގައި ހިނގި އަލިފާނުގެ ހާދިސާ: ޝައުނާ މަރުވީ މި ހާދިސާގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭ އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި ތ. ބުރުނީ ފެންފިޔާޒުގޭ، އާއިޝަތު ޝައުނާގެ މަރުގެ މައްސަލައިގައި، އޭނާގެ ފޯނު ކޯލުތަކާއި މެސެޖުތަކާއި ސެލް ލޮކޭޝަންތައް ބެލުމުގެ އަމުރެއް ފުލުހުންނަށް ދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޝައުނާ މަރުވި ބޮޑު އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަރުވީ އޭނާ ދިރިއުޅެމުން ދިިޔަ ގޭގައި އަލިފާން ރޯވުމުން، ބޭރަށް ނުނިކުމެވި އެތެރޭގައި ތާށިވެފައި ހުއްޓައި ފިހިގެންނެވެ.

ޝައުނާގެ މަރުގެ މައްސަލައިގައި ހެކި ހޯދުމުގެ ގޮތުން، އޭނާ ފޯނު ކޯލްތަކާއި މެސެޖުތަކާއި، ސެލް ލޮކޭޝަންތަކުގެ މައުލޫމާތު ދޭން ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަމުރެއް ނެރެދޭން ފުލުހުން މީގެ ކުރިން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް ކުށެއްގެ ތުހުމަތު ނުކުރެވޭ ފަރާތެއްގެ ޒާތީ މުއާމަލާތް ބެލުމުގެ އަމުރެއް ނުދެވޭނެ ކަމަށާއި، ފުލުހުން އެ މައުލޫމާތު ބޭނުންވާ މައްސަލައިގައި ތުހުމަތުކުރާ ކުށަކީ ޒާތީ މައުލޫމާތު އަޑުއަހައި ބެލޭނެ ކުށެއް ނޫންކަމަށް ބުނެ ކްރިިމިނަލް ކޯޓުން އެ އަމުރު ނެރެނުދިނެވެ. އެހެންކަމުން، ކްރިިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ނެރުއްވައި، ފަނޑިޔާރު މުހައްމަދު ފައިސަލްއާއި ހުސެއިން ޝަހީދު ތާއީދުކުރެއްވި ރައުޔުގައި ވަނީ ކްރިމިނަލް ކޯޓުުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ފުލުހުން ޝައުނާގެ ޒާތީ މުއާސަލާތުތަކެއް ހިމެނޭ މައުލޫމާތުތަކެއް ހޯދުމުގެ އަމުރަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނާ ފަދަ ސާވެއިލް ކުރުމުގެ އަމުރެއް ހޯދުމުގެ އަމުރަކަށް ނޫނެވެ. އެ މައުލޫމާތު ހޯދުމުގެ އަމުރަކަށް ފުލުހުން އެދުނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 49 ވަނަ މާއްދާގެ ދަށުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ސާވެއިލެންސް ކުރުން ނޫން ގޮތަކަށް މީހެއް ސާވެއިލެންސްކޮށް ޒާތީ މައުލޫމާތު ހޯދޭނީ އެ މައުލޫމާތެއްގެ ވެރިފަރާތަކީ ކުށުގެ ތުހުމަތު ކުރެވޭ މީހަކަށްވާނަމަ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނާ ސާވައިލްކުރުން ނޫންގޮތަށް މީހެއްގެ ޒާތީ މުއާސަލާތެއް ބެލުމުގެ ހުއްދަ ކޯޓުން ދޭނެ ގޮތެއް ބަޔާންކުރާ ގާނޫނީ ނައްސެއް ފެންނަން އޮތްތޯ ފަނޑިޔާރުން އެ މައްސަލައިގައި ދައުލަތާ ސުވާލު ކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި، ގާނޫނެއްގައި އެފަދަ ނައްސެއް ފެންނަން ނެތްކަމަށް ދައުލަތުން ބުންޏެވެ. އެހެންނަމަވެސް ގާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބުނާ ދިރި ހުރުމުގެ ހައްގަށް ރިއާޔަތްކޮށް މާނަކުރުމުގެ ތެރެއިން މިފަދަ އަމުރެއް ކޯޓަށް ނެރެވިދާނެކަމަށް ފެންނަކަމަށް ދައުލަތުން ބުނެފައިވެއެވެ.

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަކު، މި ޖަވާބާ ގުޅިގެން ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ ދެ ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު ހަނިކުރެވޭނެ އަދި ހިފެހެއްޓޭނެ ގޮތްތައް ގާނޫނުއަސާސީގައި އޮންނައިރު، ގާނޫނެއްގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތަށް ނޫން ގޮތަކަށް އަދި އެފަދަ ބާރެއް ގާނޫނަކުން ކޯޓުތަކަށް ދީގެން ނޫންގޮތަކަށް، ކޯޓަކުން މާނަކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ބަޔާންކުރާ އަސާސީ ހައްގެއް ހަނިކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

"ފޯނަކީ، ފޯނުގެ ބޭނުން ކޮށްގެން އަނެކުންނާއި ޒާތީ މުއާސަލާތުކުރަން ބޭނުންކުރާ ވަސީލަތަކަށްވާއިރު، އަނެކުންނާ ކުރާ ޒާތީ މުއާސަލާތަކީ ހުރުމަތްތެރި ވެގެންވާ އަދި ގާނޫނުއަސާސީގެ ދެ ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްއްކަން ގާނޫނުއަސާސީގެ 24 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، ގާނޫނުއަސާސީން ދީފައިވާ މި ހައްގު ހަނިކުރެވޭނީ ނުވަތަ ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ގާނޫނުއަސާސީއާ ތައާރަޟުނުވާނެ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންކަން އެނގެން އޮންނަކަމެވެ." ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ސާވެއިލެންސް ކުރުން ނޫން ގޮތަކަށް މީހެއް ސާވެއިލެންސްކޮށް ޒާތީ މައުލޫމާތު ހޯދޭނީ އެ މައުލޫމާތެއްގެ ވެރިފަރާތަކީ ކުށުގެ ތުހުމަތު ކުރެވޭ މީހަކަށްވާނަމަ ކަމަށްވާތީ ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

"ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅި ފޯމަށް ބެލުމުން އަދި މި މައްސަލައިގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކަށް ބެލުމުން، ފުލުހުންގެ ފަރާތުން، ކުރިމިނަލް ކޯޓަށް އަމުރަކަށް އެދި ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނާ ފަދަ ސަރވައިލް ކުރުމުގެ އަމުރެއް ހޯދުމަށް ނޫންކަމަށްވާތީ އާއި ފުލުހުންގެ ފަރާތުން ޒާތީ މުއާސަލާތުގެ މައުލޫމާތު ހޯދުމަށްއެދޭ ތ.ބުރުނީ، ފެންފިޔާޒުގެ އައިޝަތު ޝައުނާ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ކުށެއް ކުރި ކަމުގެ ތުހުމަތު ކުރެވޭ ފަރާތެއް ނޫންކަމަށް ފުލުހުން ބުނާތީ، މިމައްސަލައިގައި އައިޝަތު ޝައުނާގެ ފޯނުން މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ކޮށްފައިވާ ޒާތީ މުއާމަލާތްތައް ބެލުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތަށް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި ގޮތް ގާނޫނާއި ހިލާފުކަމުގައި ބެލެވެންނެތްކަމެވެ." ހައިކޯޓުގެ ނިންމުމުގައިވެއެވެ.

އަލިފާން ރޯވީ އަބަދަށްފެހިމަގުގައި، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގަ އެވެ. އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރުނެވެ. އޭރު ގެތަކުގައި އެތައް ސަތޭކަ ބަޔަކު ތިއްބެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު ޝައުނާ މަރުވުމުގެ އިތުރުން އެތައް އާއިލާއެއްގެ ގެދޮރު ގެއްލި، ހާލުގައި ޖެހުނެވެ.

ބޮޑު ހުޅުތަކުން ސިހުން، އެތައް އިބުރަތެއް!

comment ކޮމެންޓް