ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު ކޮށްފި

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނެއް ޗައިނާއިން ފާސް ކުރި ފަހުން އެ ސަރަހައްދުގައި މިއަދު ވަނީ މުޒާހަރާތަކެއް ބާއްވާފަ -- ފޮޓޯ: އީޕީއޭ

ހޮންކޮން (ޖުލައި 1): ޗައިނާއިން އިއްޔެ ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ އާ ގާނޫނުގެ ދަށުން މިއަދު ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކޮށްފި އެވެ.

ހޮންކޮންގްގައި އިއްޔެ އެ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ އެ ސަރަހައްދުގައި 1841 އިން 1997އަށް އޮތް އިނގިރޭސިންގެ ވެރިކަން ނިމުމަކަށް އައިތާ 23 އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ. މި ދުވަސް ފާހަގަ ކުރުމަށް ހޮންކޮންގްގައި ކޮންމެ އަހަރަކުވެސް އެއްވުންތައް ބާއްވާ ނަމަވެސް މި އަހަރު ކޮވިޑް-19އާ ގުޅިގެން އެފަދަ އެއްވުމެއް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް މިއަދު ގިނަ އަދަދެއްގެ މީހުން ވަނީ ހޮންކޮންގްގެ ސިޓީ ސެންޓަރަށް އެއްވެ މުޒާހަރާކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ އަމަނާ ބެހޭ ގާނޫނާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ސަރަހައްދުގެ މިނިވަން ކަމަށް ގޮވާލާފަ އެވެ. ހޮންކޮންގްގެ ފުލުހުން ވަނީ އެ މުޒާހަރާތައް ރޫޅާލުމަށް ޕޭޕާ ސްޕްރޭ ޖަހާ ވޯޓާ ކެނަން ބޭނުންކޮށްފަ އެވެ. އަދި މުޒާހަރާގައި ބައިވެރިވި 70 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އަމަނާ ބެހޭ ގާނޫނާ ހިލާފުވުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހަކު ހިމެނޭ ކަމަށް ހޮންކޮންގްގެ ފުލުހުން ބުންޏެވެ.

އެ ހައްޔަރު ކުރި ދެ މީހުންނަކީ ހޮންކޮންގްގެ މިނިވަން ކަމަށް ގޮވާލާ ދިދަ އަކާއި ބޯޑެއް ހިފައިގެން ތިބި މީހުންނެވެ.

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ އެވެ.

ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އާ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިނގިރޭސިވިލާތުން ހޮންކޮންގް ޗައިނާއާ ހަވާލު ކުރީ 2047އާ ޖެހެންދެން އެ ސަރަހައްދުގައި 'އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލު ގެންގުޅުމަށް އެއްބަސްވުމެއްގައި ސޮއި ކުރުވުމަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެހެން ސަރަހަައްދުތަކަށް ނުލިބޭ މިނިވަންކަމެއް ހޮންކޮންގަށް ލިބެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި އަމިއްލަ ޖުޑިޝަރީއެއް އޮތުން ހިމެނެ އެވެ.

ނަމަވެސް ޗައިނާއިން އަމަނާ ބެހޭ އާ ގާނޫނު ފާސްކޮށްފައި ވަނީ އެ އެއްބަސްވުމާ ހިލާފަށް ކަމަށް އިނގިރޭސިވިލާތާއި އެމެރިކާއިން ބުނެ އެވެ.

comment ކޮމެންޓް