ބައްސާމްގެ ވާދަވެރިއެއް ނުފެނުނީ ކުލަބުތަކުން މާކުރިން ގޮތް ނިންމީމަ: މަހްލޫފް

ޔޫތް މިނިސްޓަރު މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ފޮޓޯ// ޔޫތު މިނިސްޓްރީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެއެމް)ގެ އިންތިހާބު މި މަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ އިރު މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ވާދަކުރެއްވުމަށް އިތުރު ކެންޑިޑޭޓަކު ނުނިކުތީ ކުލަބުތަކުން ކުރީބައިގައި ގޮތް ނިންމާފައި އޮތުމުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފަ އެވެ. އެ ގޮތަށް އެކަން ކުރީ ފެބްރުއަރީ ހަތަރެއްގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ރައީސް ބައްސާމް ހުށަހެޅުއްވުމުން އެ ކޮމިޓީން ރުހުން ދިން ދިނުމާ އެއްގޮތަށް އިންތިހާބު ބާއްވަން ނިންމުމުންނެވެ.

އެއާއެކު އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ފުރަތަމަ ބޭއްވުމަށް މަސައްކަތްކުރީ މާޗް 20 ވަނަ ދުވަހު އެވެ. އެކަމަކު ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން އެ އިންތިހާބު ފަސްކުރީއެވެ. އަދި އެ އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ ވެސް ހަމައެކަނި ބައްސާމް އެކަންޏެވެ.

ބައްސާމްއާ ދޭތެރޭ މީގެ ކުރިން ގިނަ ތުހުމަތުތަކެއް ކޮށް އޭނާ މަގާމުން ދުރުކުރުމަށް ބައެއް ކުލަބުތަކާއި، ނުފޫޒުގަދަ ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް ވާދަކުރަން ނުނިކުތުމުން ބައްސާމް ވަނީ އެކަމާ ސުވާލު އުފައްދަވާފަ އެވެ. އޭރު ބައްސާމްއާ އެންމެ ބޮޑަށް ޖައްސާލައިގެން އުޅުއްވި ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވިދާޅުވީ ވާދަވެރިޔަކު ނުނިކުތީ ކެންޑިޑެސީއަށް ވޯޓްލާން ތިބި ރާއްޖޭގެ ކުލަބުތަކުން މާ އަވަހަށް ގޮތް ނިންމީމަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެފްއޭއެމްގެ އިލެކްޝަނަށް ބަލާއިރު ހުރިހާ ކަމެއް މި ޑިޕެންޑް ވަނީ ކުލަބުތަކަށް. އަޅުގަނޑަށް ހީވަނީ އެމީހުން [ކުލަބުތައް] ތިބި ގޮތް އޮތީ ވަރަށް ކުރިން ނިންމާފަ. އެހެންވީމަ އިލެކްޝަނަކަށް ދިޔައިރު ކުލަބުތަކުގެ ސްޓޭންޑްތައް ވަރަށް ސާފުކޮށް ފެންނަން އޮތީ،" މަހްލޫފް ވިދާޅުވި އެވެ.

ބައްސާމްގެ ކެންޑިޑެސީ ރަސްމީކޮށް އިއުލާން ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުރަތަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކުން ވަނީ އޭނާއަށް ތާއީދު އޮތްކަން ހާމަކޮށްފަ އެވެ. އެހެންކަމުން ބައްސާމް ދެވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ލިބިވަޑައިގަންނަވާނެކަން މިހާރު ވަނީ ގައިގަނޑަކަށް ޔަގީންވެފަ އެވެ.

"އަޅުގަނޑާ މަޝްވަރާވެސް ކޮށްފަ އެބަހުރި [އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް] އެ އިންޓްރެސްޓް ހުރި ބައެއް ފަރާތްތަކުން. އެކަމަކު ކުލަބުތަކުގެ ސަޕޯޓް ނެތި ކިތަންމެ ވަރަކަށް އަޅުގަނޑު ބޭނުން ވިޔަސް އެކަމެއް ނުވާނެ. އެހެންވީމަ ކުލަބުތައް ނިންމި ނިންމުން ހިއެއް ނުވޭ އެއްވެސް ބަޔަކަށް ގޯސްވާނެ ހެނެއް،" މަހްލޫފް ވިދާޅުވި އެވެ.

އެފްއޭއެމުން ބައްސާމާއި އޭނާގެ ޓީމު ބޭރުކުރަން ކުރިން ކްލަބްތަކުންނާއި ސަރުކާރުން މަސައްކަތްކުރި އެއް ސަބަބަކީ އެފްއޭއެމް އޮފީހުގައި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ހިންގައި ސިޔާސީ މަސައްކަތްކުރުމެވެ. އެކަމަކު އެފްއޭއެމުން އެކަން އޭރު ވަނީ ދޮގު ކޮށްފަ އެވެ.

އެކަންކަން ދެން ނުބަލާނެތޯ މަހުލޫފު ގާތު އޭރު އެހުމުން ވިދާޅުވީ އެފްއޭއެމުގައި މެޑަމް ފާތުންގެ އޮފީހެއް ހުރި ކަމަށާއި އެހުރިކަން ދެން ބަދަލެއް ނުވާނެ ކަމަށެވެ. އަދި އޭރުގެ މައްސަލަތައް މިނިސްޓަރު ސިފަކުރެއްވީ އޭނާއާއި ބައްސާމާ ދެމެދު އޮތް އަމިއްލަ މައްސަލަތަކެއްގެ ގޮތުގަ އެވެ. ވިދާޅުވީ ތިމަންނާއާއި ބައްސާމާ ދޭތެރޭގައި އޮންނަ މައްސަލައަކާ ގުޅިގެން މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދިނުމަކީ ޖޯކަކަށް ވާނެ ކަމަށެވެ.

comment ކޮމެންޓް